ޚަބަރު

ތައިލެންޑުގައި ތިބި ދިވެހީންގެ ހާލު ރަނގަޅު، ހާލަތު ދަނީ ކައިރިން ބަލަމުން: ޚާރިޖީ ވަޒީރު


  • މިޔަންމާގައި ދިވެއްސަކު ހުރިކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވޭ

  • އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެކަން އަންގަން ޚާރިޖީ ވުޒާރާއިން އެދޭ

ތައިލެންޑުގައި ތިބި ދިވެހީންގެ ހާލު ރަނގަޅު ކަމަށާއި ބިންހެލުމާއި ގުޅިގެން ކަންކަން ކައިރިން ބައްލަވަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު މިޔަންމާއަށް އައި ބިންހެލުމާ ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މިޔަންމާއަށް އައި އެ ބާރުގަދަ ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު މިޔަންމާއާ އިންވެގެެން އޮތް ތައިލެންޑުގެ ވެރިރަށް ބެންގކޮކްގެ އިތުރުން ޗައިނާގެ ޔުންނާން ޕުރޮވިންސުގެ ބައެއް ރަށްތަކަށް ވެސް ކުރިއެވެ.

ޚާރިޖީ ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ތައިލޭންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން އެ ދެ ޤައުމުގެ ޙާލަތު ވަރަށް ކައިރިން ބައްލަވަމުންދާ ކަމަށެވެ. އަދި ތައިލޭންޑްގައި ތިބިކަމަށް މިހާތަކަށް ފާހަގަކުރެވުނު ހުރިހާ ދިވެހިންގެ ޙާލު ރަނގަޅު ކަމަށާއި މިޔަންމާގައި ދިވެއްސަކު ހުރިކަމަށް އަދި މަޢުލޫމާތު ލިބިފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ވުޒާރާއިން އެ ދެ ޤައުމުގެ ހާލަތު މޮނިޓަރ ކުރައްވަމުންދާ ކަމަށާއި ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ބިންހެލުމާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ. އެހެންވެ އެ ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށް ސަމާލުވެ އެއާ އެއްގޮތަށް ޢަމަލު ކުރުމަށް، އެ ދެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކުރައްވައެވެ.

މީގެ އިތުރުން މި ކާރިސާއާ ގުޅިގެން، ތައިލެންޑްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަން ބޭނުންވާނަމަ ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +66611766502 ނުވަތަ ޚާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރު +9607983400 އަށް ގުޅަން އެ ވުޒާރާއިން އެދެއެވެ. އަދި މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއް ހުރިނަމަ އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެކަން އެންގުމަށްވެސް ޚާރިޖީ ވުޒާރާއިން އެދެއެވެ.

މިޔަންމާއަށް ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 11:32 ހާއިރުއެވެ. ރެކްޓަރ މިންގަނޑުން 7.6 މެގްނިޓިއުޑްގައި އައި މި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.