ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމެއް ކަމުގައިވާ މިޔަންމާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ބިމުގެ ސަތަހައަށް އަންނަ ލޮޅުންތައް ދިރާސާ ކުރާ ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ، މިޔަންމާގެ މެދުތެރޭގެ ސަރަޙައްދުތަކަށް އައިސްފައިވާ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.7ގައި ކަމުގައެވެ. މި ހެލުމުގެ ލޮޅުންތަކުގެ އަސަރު މިޔަންމާއާ އިންވެގެެން އޮތް ތައިލެންޑުގެ ވެރިރަށް ބެންގކޮކްގެ އިތުރުން ޗައިނާގެ ޔުންނާން ޕުރޮވިންސުގެ ބައެއް ރަށްތަކަށް ވެސް ފޯރިއެވެ.
ޔޫއެސްޖީއެސުން ބުނީ ބިންހެލުމުގެ ފުރަތަމަ ލޮޅުންތައް އައިސްފައި ވަނީ މިޔަންމާގެ ސައްގާއީ ސަރަޙައްދުގެ 16 ކިލޯމީޓަރު ހުޅަނގުއުތުރަށް ކަމުގައެވެ. އަދި، ބިމުގެ ސަތަހައިގެ 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. ބިންހެލުމާ ގުޅިގެން މިޔަންމާގެ ނޭޕިޔެޑޯއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ގޮތުން، މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް އިމާރާތްތަކުގެ ފުރާޅާއި ސީލިންގ ވެއްޓިފައިވާ ކަމުގައި ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް، އެެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަން ސާފެއް ނޫނެވެ.
ބިންހެލުމާ ގުޅިގެން ތައިލެންޑުގެ ބެންގކޮކަށް ވެސް ބޮޑެތި ލޮޅުންތަކެއް އެރިއެވެ. ލޮޅުންތައް އެރުމާ އެކު، އެތަކެއް ސަތޭކަ ބަޔަކު ވަނީ އިމާރާތްތައް ދޫކޮށް މަގުތަކަށް ނިކުމެފައެވެ. ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތައިލެންޑުގެ އުތުރުގައި އޮތް ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޗިއަންގ މާއީއަށެވެ. ބެންގކޮކުގެ ޗަތޫޗާކް ސަރަޙައްދުގައި ހުރި އިމާރާތެއް ވެއްޓި، އެ އިމާރާތުގެ ދަށުގައި ބަޔަކު ތާށިވި ކަމުގައި ވެސް ތައިލެންޑުން ރިޕޯޓު ކުރިއެވެ.
މިޔަންމާއަކީ ބިންހެލުން ފަދަ ލޮޅުންތައް ޢާންމު ސަރަޙައްދެކެވެ. އެއީ، ބިންހެލުންތައް ޢާންމު ސައްގާއީ ފޯލްޓްގައި އޮތް ޤައުމެކެވެ. މި ގޮތުން، 1930އާއި 1956ވަނަ އަހަރާ ދެމެދު އެ ޤައުމުން ރިކްޓަރ މިންގަނޑުން 7އަަށްވުރެ ބާރު ގަދަ ހަ ބިންހެލުމެއް ރެކޯޑު ކުރެވިފައިވެއެވެ. 2016ވަނަ އަހަރު ވެސް މިޔަންމާއަށް ރިކްޓަރ މިންގަނޑުން 6.8ގައި ރެކޯޑު ކުރެވިފައިވާ ބާރުގަދަ ބިންހެލުމެއް އައެވެ. އެ ހާދިސާގައި ތިން މީހުން މަރުވިއެވެ.