ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތަކުގައި ރަނގަޅު ފާލެއްގެ އިޝާރާތް


ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުން ބިނާކުރަނިވި އަދި ރަނގަޅު ފާލެއް ލިބިފައިވާ ކަން މިޞްރުން ހާމަކޮށްފިއެވެ. ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މެދުވެރިންގެ ދައުރު އަދާ ކުރަމުން ދަނީ މިޞްރާއި ޤަޠަރުންނެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އަރާއިރު، އިތުރު 111,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. ޢުދުވާނުގެ ދަށުން ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ދިން ނިރުބަވެރި ޙަމަލާތަކުގައި 40އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

މިޞްރުގެ މަޞްދަރުތަކުން ބުނީ، ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި ޔަހޫދީންގެ ކިބައިން ބިނާކުރަނިވި އިޝާރާތެއް ލިބިފައިވާ ކަމުގައެވެ. މި ގޮތުން، އިންތިޤާލީ މަރުޙަލާއެެއް ހިމެނޭ ގޮތުގައި ޔަހޫދީންގެ ފަރާތުން އައު ހުށަހެޅުން ލިބިފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. މިޞްރުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް، ޔަހޫދީންގެ ފަރާތުން ލިބިފައިވާ ހުށަހެޅުމުގައި ވެސް ކޮންމެ ހަފުތާއަކު ފަސް އަސީރުން މިނިވަން ކުރުމަށް ވަނީ ޝަރުޠު ކޮށްފައެވެ.

މި ކަމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ބޭއްވުމަށް މިޞްރުގެ އޮފިޝަލުންގެ ވަފުދެއް ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާއަށް ދަތުރު ކޮށްފައެވެ. އެ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، ޣައްޒާގައި ނިކަމެތިކޮށް ބިކަ ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށް ދިނުމަށް އަލުން ފެށުމަށެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ތެޔޮ އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން މި ވަގުތު އޮތީ ހުރަސް އަޅާފައެވެ.

ޙަމާސުން ވަނީ ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާތުތައް ފުރިހަމަ ކޮށްފައެވެ. މި ގޮތުން، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 އަސީރުން މިނިވަން ކޮށްފައިވާއިރު، އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށެވެ.

މިޞްރާއި ޔަހޫދީން ހުށަހަޅާފައިވާ އައު ހުށަހެޅުންތަކާ މެދު ސުވާލު ކުރުމުން ފަލަސްޠީނުގެ މަޞްދަރުތަކުން ބުނީ، އެ ހުށަހެޅުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުންދާ ކަމުގައެވެ. އަދި، އެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަން ނުވަތަ ނޫން ކަން ސާފުކޮށް ބުނަން ދަތި ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން އަނިޔާވެރި ނަތަންޔާހޫގެ އޮފީހުން ބުނީ ދަވްޙާގައި ބާާއްވާ މަޝްވަރާތަކުގައި ބައިވެރިވުމަށް ޔަހޫދީންގެ ވަފުދެއް ފޮނުވާފައި ނުވާ ކަމުގައެވެ.