ޚަބަރު

އާރްއެސްއެފްގެ އަތްދަށުން ޚަރްޠޫމް މިނިވަންކޮށް، ސޫދާނުގެ އަސްކަރިއްޔާއިން އުފާ ފާޅުކުރަނީ


ސޫދާންގެ ވެރިރަށް ޚަރްޠޫމްގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ފައުޖުގެ އަތްދަށުން އެ ރަށް މިނިވަން ކުރެވިއްޖެ ކަން އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޢަބްދުލްފައްތާޙް އަލް-ބުރްހާން ހާމަ ކުރައްވައިފިއެވެ. އޭނާ މި ކަން އިޢުލާނު ކުރައްވާފައި ވަނީ، އާރްއެސްއެފްގެ ފައުޖުގެ އަތްދަށުން ޚަރްޠޫމްގެ މައި ވައިގެ ބަނދަރު މިނިވަން ކުރުމަށް ހިންގި އަސްކަރީ ކެމްޕޭން ކާމިޔާބުވުމާ ގުޅިގެންނެވެ.

އާރްއެސްއެފްގެ އަތް ދަށުން ޚަރްޠޫމް މިނިވަން ކުރުމަށް ސޫދާންގެ އަސްކަރިއްޔާއިން ދަނީ ބޮޑު އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. އެ ހަރަކާތުގެ ދަށުން، ހުސްވި ހަފުތާގައި ޚަރްޠޫމްގައި ހުރި ރިޔާސީ ގަނޑުވަރު ވެސް ވަނީ މިނިވަން ކޮށްފައެވެ. އަދި، އެ ރަށުގެ ގިނަ ސަރަޙައްދުތަކަކުން އާރްއެސްއެފްގެ ހަނގުރާމަވެރިން ފަހަތަށް ޖައްސާފައެވެ. ޚަރްޠޫމަށް އާރްއެސްއެފްގެ ފައުޖުން އަތްގަދަ ކޮށްފައި ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެއީ 2023ވަނަ އަހަރުގެ އޭޕްރިލް މަހެވެ.

"ޚަރްޠޫމް މިނިވަން ކުރެވިއްޖެ،" ރިޔާސީ ގަނޑުވަރުގައި ހުންނަވައި އުފާ ފާޅު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ބުރްހާން ވިދާޅުވިއެވެ. ސޫދާންގެ އަސްކަރިއްޔާއިން ބުނީ، ޚަރްޠޫމްގެ މައި ވައިގެ ބަނދަރު ސަރަޙައްދަށް އަތްގަދަ ކޮށްފައިވާ އާރްއެސްއެފްގެ ހުރިހާ ހަނގުރާމަވެރިން އެ ސަރަޙައްދު ދޫކޮށް ގޮސްފައިވާ ކަމުގައެވެ. އަދި، ވެރިރަށް ޚަރްޠޫމުން ވެސް ފައިބާފައިވާ ކަމުގައެވެ.

ސޫދާންގެ އަސްކަރިއްޔާގެ މަޞްދަރުތަކުން ބުނީ، ޚަރްޠޫމްގެ ޖަބަލް އަވްލިއްޔާ ސަރަޙައްދާއި، ނީލަ ކޯރު ހުރަސް ކުރުމަށް ބޭނުން ކުރާ މަންޝިއްޔާ ބުރިޖު ވެސް އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމުގައެވެ. ނަމަވެސް، ޖަބަލް އަވްލިއްޔާ ސަރަޙައްދަށް ދަތުރު ކުރަން ޚަރްޠޫމްގެ ދެކުނުގައި އޮތް މައި ބުރިޖު އަދިވެސް އޮތީ އާރްއެސްއެފްގެ ބާރުގެ ދަށުގައެވެ.

ޚަރްޠޫމުން ފޭބި އާރްއެސްއެފްގެ ސިފައިން ދަތުރު ކޮށްފައި ވަނީ އެ ރަށާ އިންވެގެން އޮތް އުންމުދުރްމާނީއަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. 2023ވަނަ އަހަރުން ފެށިގެން އާރްއެސްއެފާއި ސޫދާންގެ އަސްކަރިއްޔާއާއި ދެމެދު ކުރަމުންދާ އަހުލީހަނގުރާމަ ނިމުމަކަށް އައިސްފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އާރްއެސްއެފުން އަތްގަދަ ކޮށްފައިވާ އެހެން ސަރަޙައްދުތަކުގައި ހަނގުރާމަ ފުޅާވެގެން ދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.