ޚަބަރު

ކޫރްސްކުން ޔޫކްރެއިން ސިފައިން ބޭލި ނަމަވެސް ރައްޔިތުން ބިރުވެރިކަމުގައި


ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކަށް ޔޫކްރެއިންގެ ސިފައިން އަރައި ހަނގުރާމަ ފުޅާ ކޮށްފައި ވަނީ 2024ވަނަ އަހަރުގެ އޮގަސްޓު މަހުގެ 6ވަނަ ދުވަހުއެވެ. އެއީ، 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާއަށް ލިބުނު ބޮޑު ސިހުމެކެވެ. ޔޫކްރެއިނުން ކޫރްސްކަށް އަރައިގަނެފައި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރަޝިޔާއަށް ބާރު އެޅުމުގެ ގޮތުން ކަމުގައި އެ ޤައުމުން ބުނެއެވެ.

ޔޫކްރެއިންގެ ސިފައިން ވަނީ ކޫރްސްކްގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޢާންމުން ދިރިއުޅޭ ރަށްތަކާއި އަވަށްތައް ހިމެނެއެވެ. އަދި، ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ކޫރްސްކުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. ޔޫކްރެއިންގެ ސިފައިން ހުއްޓުވުމަށް ރަޝިޔާއިން ވަނީ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. އަދި، ކޫރްސްކަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ފައުޖުގެ ބޮޑު ބަޔެއް އެ ސަރަޙައްދުން ބާލާފައިވާނެ ކަމުގައި ރަޝިޔާއިން ބުނެއެވެ.

ޔޫކްރެއިންގެ ފައުޖުތަކުގެ އަތްދަށުން ކޫރްސްކްގެ ރަށްތަކާއި އަވަށްތައް މިނިވަން ކުރަމުން ދިޔަ ނަމަވެސް އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި އޮތް ނުތަނަވަސް ކަމާއި ބިރަށް ބަދަލެއް ނާދެއެވެ. ރަޝިޔާއިން ފުރަތަމަ ފަހަރަށް މި ވަނީ ބޭރުގެ މީޑިޔާތަކަށް ކޫރްސްކް ސަރަޙައްދަށް ދަތުރުކޮށް، އެ ސަރަޙައްދުތަކުން ރިޕޯޓު ކުރުމަށް ހުއްދަ ދީފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ކޫރްސްކްގެ ގިނަ ރައްޔިތުން ބުނީ، އެ ސަރަޙައްދުތަކަށް ހަނގުރާމަ އަނެއްކާ ވެސް ފުޅާ ކުރާނެ ކަމުގެ ބިރު ކެނޑިފައި ނުވާ ކަމުގައެވެ. ކޫރްސްކްގެ ރަށެއް ކަމުގައިވާ ރީލްސްކަކީ ޔޫކްރެއިންގެ ފައުޖުތަކުން ދީފައިވާ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އެއް ރަށެވެ. "އަޅުގަނޑުމެންގެ ބޭނުމީ އެންމެ ކަމެއް، އެއީ ސުލްޙަ. ނަމަވެސް، އެންމެ މުހިންމު ކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުން،" ރޫލްސްކްގެ މޭޔަރު ސެރްގިޔޭ ކުރްނޯސަފް ވިދާޅުވިއެވެ.

ޑިސެންބަރު 20ވަނަ ދުވަހު ޔޫކްރެއިންގެ ފައުޖުތަކުން ރީލްސްކަށް ދީފައިވާ ޙަމަލާތަކުގައި އެ ރަށުގައި ހުރި ސަގާފަތާއި ތަރިކައާ ބެހޭ މައި މަރުކަޒަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ޙަމަލާގައި ހަ މީހުން މަރުވެ، އިތުރު 12 މީހުން ޒަޚަމުވި ކަމުގައި ރަޝިޔާއިން ބުންޏެވެ. އެ ތަނަށް ޙަމަލާ ދިނުމަށް ޔޫކްރެއިނުން ބޭނުން ކޮށްފައި ވަނީ އެމެރިކާއިން ފޯރުކޮށްދެމުންދާ ދުރު-ރާސްތާ ހަތިޔާރެއް ކަމުގައިވާ ހައިމާސް ބޭނުން ކޮށްގެން ކަމުގައި ވެސް ރަޝިޔާއިން ތުހުމަތު ކުރެއެވެ.

ޔޫކްރެއިންގެ ފައުޖުން ޔޫކްރެއިނަށް އަރައިގަތުމަށް ފަހު، އެ ސަރަޙައްދުތަކަށް އަސްކަރީ ޑްރޯނާއި މިސައިލް ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް ދިނެވެ. ޔޫކްރެއިންގެ ސިފައިން ކޫރްސްކްގެ 1,400 އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކުރި ނަމަވެސް، ރަޝިޔާއިން ވަނީ އޭގެ ތެރެއިން ބޮޑު ސަަރަޙައްދެއް މިނިވަން ކޮށްފައެވެ. މި ވަގުތު އެ ސަރަޙައްދުގައި ތިބީ ޔޫކްރެއިންގެ މަދު އަދަދެއްގެ ސިފައިން ކަމުގައި، ހަނގުރާމައިގެ ކުރީ ސަފުގެ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުންޏެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ވަލޭރީ ގެރާސިމޮފް ވިދާޅުވީ، ކޫރްސްކަށް ޔޫކްރެއިނުން ފޮނުވާފައިވާ ސިފައިންނަށް ކުރިމަތިލާން ޖެހިފައި ވަނީ މަރާއި ނުރައްކަލާ ކަމުގައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ކޫރްސްކަށް އަރައިގަތް ޔޫކްރެއިންގެ ސިފައިންގެ ތެރެއިން 69,700އަށްވުރެ ގިނަ ސިފައިން މަރައިލާފައި، ނުވަތަ ޒަޚަމު ކޮށްލާފައިވާނެ ކަމުގައެވެ. އަދި، 5,700އަށްވުރެ ގިނަ އަސްކަރީ ޓޭންކުފަހަރާއި އެހެނިހެން އުޅަނދުތައް ނައްތައިލާފައިވާނެ ކަމުގައެވެ. ކޫރްސްކްގައި މަރުވެފައިވާ ރަޝިޔާ ސިފައިންގެ އަދަދުތައް ހާމަކޮށްފައި ނުވާއިރު، މަރުވި ޔޫކްރެއިންގެ ސިފައިންގެ އަދަދުތައް ކަށަވަރު ކޮށްދިނުމަށް އެ ޤައުމުން ވެސް ވަނީ އިންކާރު ކޮށްފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން ވެސް ވަނީ ޔޫކްރެއިންގެ ބިމުން ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. މި ގޮތުން، ޔޫކްރެއިންގެ ބިމުން 113,000 އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް ރަޝިޔާގެ ސިފައިން ބާރު ފޯރުވަމުންދާއިރު، އެއީ އެ ޤައުމުގެ ބިމުގެ %20އެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގައި އޮތް ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދަކާއި ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. މީގެ އިތުރުން، ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ ރަޝިޔާއިން 2014ވަނަ އަހަރު ވެރިވެގަނެފައިވާ ބިމެނެވެ.