މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި 125 މިލިޔަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ފީފާއިން ބުނެފިއެވެ.
އަންނަ ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 13 ގެ ނިޔަލަށް އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑް ކަޕްގައި މި އަހަރު ދުނިޔޭގެ އެކި ބައްރުތަކުން 32 ޓީމު ވާދަކުރާނެ އެވެ. މިއީ މި ގޮތަށް ބަދަލުކޮށްގެން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
މި މާޗް މަހުގެ ކުރީކޮޅު ފީފާއިން ހާމަކޮށްފައިވާ ގޮތުގައި ފީފާ ކްލަބް ވޯލްޑް ކަޕަށް ޖުމްލަ 1 ބިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން 475 މިލިއަން އެމެރިކާ ޑޮލަރު ބެހިގެންދާނީ ކްލަބްތަކުން ހޯދާ ނަތީޖާތަކުގެ މައްޗަށް ބިނާކޮށެވެ.
ދުނިޔޭގެ އެކި ބައްރުތަކުގެ ޗެމްޕިއަން ޓީމުތައް ވާދަކުރާ މި މުބާރާތުގައި ޔޫރަޕްގެ ނަން މަޝްހޫރު ބޮޑު ކްލަބްތަކަށް ލިބޭ އާމްދަނީ އިތުރު ވާނެ އެވެ. އެގޮތުން އެ ކްލަބްތަކުގެ ވިޔަފާރި އާއި އެހެންކަންތައްތަކަށް ބެލުމަށްފަހު ޔުރަޕްގެ ކްލަބްތަކައް އެންމެ ބޮޑު ފައިސާގެ އިނާމުތައް ލިބިގެންދާއިރު އެމެރިކާ އާއި އޭޝިޔާގެ ކްލަބްތަކަށް ލިބޭ ފައިސާ ދަށްވާނެ އެވެ.
މި މުބާރާތުގައި ވާދަކުރާ ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް މުބާރާތުގައި ވާދަކުރާތީ 38 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ އެވެ. އަދި އެއިން ކްލަބަކުން ގޮސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިނަމަ މުބާރާތުގައި ކުޅޭ ޖުމްލަ ހަތް މެޗުން އެ ޓީމަކަށް 125 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމް ލިބިގެންދާނެ އެވެ.
މި މުބާރާތަށް ކޮލިފައިވާނީ ކޮންމެ ގައުމަކުންވެސް ގިނަ ވެގެން ދެ ކްލަބެވެ. ފުޓްބޯޅައިގެ ސަރަހައްދީ ހަ ޖަމްއިއްޔާއަށް ނިސްބަތްވާ ކްލަބްތަކުގެ ޗެމްޕިއަން ޓީމަށް މި މުބާރާތުން ފުރުސަތު ދީފައިވާއިރު އިނގިރޭސި ޕްރިމިއާ ލީގުން މި މުބާރާތުގައި ޥާދަކުރާ ދެ ކްލަބަކީ 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޗެލްސީ އާއި 2023 ވަނަ އަހަރުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމު އަށް ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ފެނިގެންދާނެ މަޝްހޫރު އެހެން ކްލަބްތަކުގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ އާއި, ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި, ޖަރުމަނުގެ ބަޔާން މިއުނިކާއި، ބޮރޫޝިޔާ ޑޯޓްމުންޑާއި, އިޓަލީގެ އިންޓަރ މިލާން އަދި ޕޯޗުގަލްގެ ޕޯޓޯ އާއި ބެންފީކާގެ އިތުރުން އެމެރިކާގެ އިންޓަރ މަޔާމީ ހިމެނެއެވެ.