ކީރިތި ޤުރުއާނަށް އަމަލުކޮށްގެން މެނުވީ ގެއްލިގެންމިދާ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޙާފިޡުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމު ޤައުމަކަށްވާނީ ކޮންމެ ރައްޔިތަކުވެސް ހިމެނިގެންކަމަށާއި، އެހެންކަމުން އަޅުގަނޑުމެންގެ އަމަލުތައް ހުންނަނީ ކިހިނެއްތޯ ބަލަންޖެހޭކަމަށެވެ. މިއީ ސައްތައިން ސައްތަ ޤައުމެއްގައި ދައްކަންޖެހޭ ވާހައެއްކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހީންގެ ތެރޭގައި އަބުރަށް އަރައިގަތުމާއި ނެތިމޮށުންފަދަ ނުބައި ޢަމަލުތައް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ކީރިތި ޤުރުއާނުގައި ދުރުހެލިވުމަށް އެންމެ ބޮޑަށް ބާރުއަޅާ ކަންކަންކަމަށެވެ. އެހެންކަމުން މުސްލިމު މިޤައުމުގައި މިކަން ކުރާނަމަ އެއީ ދެކޮޅު ޖެހޭކަމެއްތޯ ރައީސް ސުވާލުކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އެކަކު އަނެކަކަށް އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ. ނެތިމޮށެނީ. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތްކަމެއް ނެތް. ގޯސް ހުރިހާ އާދައެއް. އިސްލާމްދީނުގައި، ކީރިތި ޤުރުއާނުގައި މަނާކޮށްފައިވާ އެކަންކަމާ ދުރަށްދާން އަންގަވާފައިވާ ހުރިހާކަމެއް ސައްތަންއިންސައތަ މިޤައުމުގައި ކުރޭ. މިއީ ދެކޮޅު ޖެހޭކަމެއްތޯ؟'މިކަމަށް ވިސްނުމުން ކޮންޖަވާބެއްތޯ ދެވޭނީ؟" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިިއެވެ.
President Dr @MMuizzu and First Lady Madam @sajidhaamohamed attend the Graduation Ceremony for Huffaz, celebrating their remarkable milestone of memorising the Holy Quran. This marks the first time Huffaz have been recognised and honoured at a national-level ceremony dedicated to… pic.twitter.com/UG0GUM895B
— The President's Office (@presidencymv) March 26, 2025
ރައީސްގެ ވާހަކަފުޅުގައި ސިޔާސީ ވާދަވެރިކަމުގައި އެކަކު އަނެކަމުގެ އަބުރަށް އަރައިގަންނަމުންދާކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެއީ ކީރިތި ޤުރުއާން ދަސްކޮށްދޭ ކަމެއް ނޫންކަމަށެވެ. ކޮންމެ މީހަކީވެސް ޤުރުއާނުގައި އަންގަވާފައިވާގޮތަށް އަމަލުތައް ބައްތަންކުރާ މީހަކަށް ވާންޖެހޭކަމށާއި، ޤުރުއާނަށް އަމަލުކޮށްގެން މެނުވީ ގެއްލިފައިވާ އިންސާނީ ކަރާމާތް އަނބުރާ ނުހޯދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް އަތާ ދުލުގެ ނުބައިކަމުން ސަލާމަތްވެފައިތޯ ބަލަންޖެހޭކަމަށާއި، އެކަން ކޮށްފިނަމަ މުޖުތަމައު ރަނގަޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައިސް ވަނީ ކޮންމެ މީހަކީވެސް ކަރާމަތެއް ލިބިެގެންވާމީހެއްކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ކޮންމެ މީހަކީ އަނެއް އިންސާނާއަށް އިޙްތިރާމް ކުރާ މީހަކަށް ވާންޖެހޭކަމަށާއި، ބޭނުންހާ ކޮންމެ އެއްޗެއް އަނެއް މިހާއަށް ދިމާލަށް ބުނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށް ވިދަޅުވިއެވެ. ހައްގުތަކާއެކު ހުދޫތައްވެސް އޮންކަމަށާއި، ހައްގުތަކާއެކު ހައްދުތަކެއްވެސް އޮންކަމަށް ވިދާޅުވެ ރައީސް ވަނީ އެހެން ނޫންނަމަ އިސްލާމީ މުޖުތަމަޢު ކުރިއަށް ނުދާނެކަމަށްވެސް ވިދާޅުވެފައެވެ.
"އަނެއް އިންސާނާއަކީ ތިމަންނަ ފަދައިން ކަރާމާތްތެރިކަން ލިބިގެންވާ ޤަބޫލުކުރެވުނު ދުވަހަކުން މި މުޖުތަމަޢު ރަނގަޅުވާނީ. އެއީ ކީރިތި ޤުރުއާނުގައި ވަރަށް ޞަރީޙަ އިބާރާތުން އޮތްކަމެއް. އަދި މުސްލިމުންނަށްވީތީ އެކަން އިތުރަށް އެބަޖެހޭ ޔަޤީންކުރަން. ވަރަށް ގިނަ ތަންތަނުގައި ޤުރުއާނުގައި މުސްލިމުންގެ ސިފަތައް ބަޔާންކުރޭ. އޯގާތެރިކަން އެކަކު އަނެއްކަކަަށް އޮންޖެހޭ މިންވަރު ސިފަކޮށްދީފައިވޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކީރިތި ޤުރުއާނުގައި އަންގަވާފައިވާގޮތަށް އަމަލު ނުކޮށްފިނަމަ، އެ އޮޅުވާލެވެނީ އަމިއްލަ ނަފްސަށްކަމަށެވެ. އަމިއްލަ ނަފްސުު އިސްލާހު ނުކުރާނަމަ ސަލާމަތެއް ނެތްކަމަށާއި، ޤައުމު ހަމަމަގަށް އަޅުވަން ބޭނުންވާނަމަ ނަފްސު އިސްލާހު ކުރަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ޤައުމު މިއޮތީ އެ ނުބައި ސިފަތަކުން ގަރަގުވެފައިކަމަށް ރައީސް ސިފަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހިތާއި ސިނކުޑި ޤުރުއާންގައި އަންގާފައިވާގޮތަށް ބައްޓަން ނުކުރާ ހިނދަކު ހަގީގީ ތަރައްޤީ ނާންނާނެކަމަށެވެ. ވަށާ ޖެހޭ ތަރައްޤީއަކީ ސިނކުޑި ތަރައްޤީކުރުންކަމަށް ވިދާޅުވެ ރައީސް ވަނީ ހަގީގީ މުސްލިމެއްގެގޮތުގައި ކުރިއަށްދިއުމަށް އަޒުމް ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ އަނެއް މުސްލިމާ ދޭތެރޭ ހެޔޮކޮށް ދެކޭ، ކަރާމަތް ލިބިގެންވާ މީހެއްކަމަށް ޤަބޫލުކުރުމަށް ގޮވާލެއްވިއެވެ. އަދި އެގޮތަށް މިޤައުމުގެ މުޖުތަމަޢު ބައްޓަންކޮށްދިނުމަށް އަޒުމް ކަނޑައެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.