ހުއްދަ ނެތި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:20 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހުން ހައްޔަރުކުރީ ޑަސްބިން ކޮތަޅުތަކަކަށް ސިނގިރެޓް ކާޓަން ތަކެއް އަޅައިގެން ބޭރުކުރަނިކޮށެވެ.
ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތަކަކާއެކު އެ މީހުން ދޫކޮށްލުމަށް ކޯޓުން ޙުކުމްކުރައްވާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ޢުމުރުން 45 އަހަރުގެ އަޙްމަދު ފައިސަލާއި، އުމުރުން 38 އަަހަރުގެ ޔޫސުފް ނަޛީރެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނ،ީ ޞިއްޙަތާބެހޭ ވުޒާރާއިން ދޫކުރާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރ-ީއެކްސްޕޯޓްކުރުމުގެ ލައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ދާދިފަހުންވަނީ ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ދެ ބޮންޑެޑް ވެއަރ ހައުސްއަކުން ގަވާއިދާ ޚިލާފަށް 575 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަޙްޤީގުކޮށް އެދެ ވެއަރހައުސްގެ ރަޖިސްޓްރީ ބާޠިލްކޮށްފައެވެ. އަދި މިމައްސަލައިގައި ހިމެނޭ މުދަލަށް ބޮންޑެޑްވެއަރހައުސް އިން ކަސްޓަމްސް އަށް ދައްކަންޖެހޭ ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި އެދެ މައްސަލަވެސްވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.