ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑަރ-އާނޯލްޑް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 26 އަހަރުގެ ޑިފެންޑަރު ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި މީގެ ކުރިން ލިވަޕޫލް އިން އޭނާ އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް އެކަންވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
އެހެންކަމުން މި ސީޒަނުގެ ނިޔަލަށް އޭނާއަށް ބޭނުން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އުމުރުން އެންމެ 18 އަހަރުގައި ލިވަޕޫލް އިން ސީނިއަރ ކެރިއަރ ފެށި އާނޯލްޑް ވަނީ ލިވަޕޫލް އަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް 349 މެޗު ކުޅެދީފަ އެވެ. އަދި އެ ޓީމާއިއެކު ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދާފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން އިނގިރޭސި އެފްއޭ ކަޕް ހިމެނެއެވެ.
މިދިޔަ އޮކްޓޯބަރ މަހުގެ ރެއާލް މެޑްރިޑްގެ ޑިފެންޑަރ ޑެނީ ކަރްވަހާލްއަށް ލިބުނު އަނިޔާއަށްފަހު އެ ކްލަބުން ދަނީ އާނޯލްޑް ހޯދުމަށް ބޭނުންވާކަމަށް ބުނެފަ އެވެ. މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އާނޯލްޑް ހޯދުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރެއާލް މެޑްރިޑް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ރެއާލް މެޑްރިޑަށް ބަދަލުވުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެފައިވީ ނަމަވެސް މިކަމާއި ގުޅޭ ގޮތުން ރެއާލް މެޑްރިޑްގެ އިތުރުން ލިވަޕޫލް އިންވެސް އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެލެކްޒެންޑަރ އާނޯލްޑް ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެގެންދާއިރު ފާއިތުވެދިޔަ ދުވަސްތަކުގައި ލިވަޕޫލް ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ވެންޑައިކްގެ އިތުރުން މުހައްމަދު ސަލާ އާއިއެކުވެސް އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި އެ ދެ ކުޅުންތެރިންގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ކުރިއަށް ނުދާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.