އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ރާއްޖެ އަތުން 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފިލިޕީންސް މޮޅުވެއްޖެއެވެ.
ފިލިޕީންސްގެ ނިއު ކްލާކް ސިޓީ އެތުލެޓިކްސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ފިލިޕީންސްއިން ވަނީ މެޗު ފަށައިގެން ހަވަނަ މިނިޓުގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެފާސަން ޓެބީނާސްއެވެ. ފިލިޕީންސްގެ ފަރާތުން ޑިފެންސިވް ގޭމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ 18 ވަނަ މިނިޓުގައި އެޓީމުގެ ބުޖޯނާ ކްރިސްޓެންސެން ވަނީ ލަނޑެއް ޖަހައި ފިލިޕީންސްއަށް ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު ރާއްޖޭގެ ޓީމުގެ ފަރާތުން ވަރުބަލިކަން ފެނިގެން ގޮސްފައިވާއިރު، މުޅި މެޗުގައި ޑޮމިނޭޓްކޮށްގެން ގިނަ ހަމަލާތައް އުފައްދާފައިވަނީ އިދިކޮޅު ޓީމުންނެވެ. ރާއްޖެ ޓީމުގެ ފަރާތުން އެންމެ ފަހު ވަގުތާ ހަމައަށްވެސް ހިތްވަރުކުރިތަން މެޗުން ފެނިގެން ދިޔައިރު، ޓީމުގެ ފިޓްނަސްގެ މައްސަލަތަކެއް ފާހަގަކުރެވުނެވެ. މެޗުގެ ފުރަތަމަ ހާފުގައި ހުސެއިން ނިހާން ދިން ބޯޅައަކުން އަލީ ފާސިރު (ސެންޓޭ) އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.
މި މެޗުގެ ދެވަނަ ހާފަށް ރާއްޖޭގެ ޓީމުން ނުކުތީ ބަދަލުތަކަކާއެކުއެވެ. އެއާއެކު މި ހާފު ފެށުމާއެކު ރާއްޖޭގެ ޓީމުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އަދި ދެވަނަ ހާފުގެ ފުރަތަމަ ހަތަރު ވަރަކަށް މިނިޓުގެ ތެރޭގައި ރާއްޖޭގެ އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ވަނީ ރީތި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް މި ދެ ހަމަލާ އިދިކޮޅު ގޯލްކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މިހާފުގައި ރާއްޖޭގެ ފަރާތުން ޑިފެންސިވް ގޭމެއް ފެނިގެންދިޔައިރު، ރާއްޖެއަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައީ މެޗުގެ 62 ވަނަ މިނިޓުގައި ސެންޓޭ ޖެހި ލަނޑާއެކުއެވެ. ގޯލާ ރައްޓެހި ސެންޓޭ ވަނީ ފިލިޕީންސް ޓީމާ ވާދަކޮށް 2021 ވަނަ އަހަރުވެސް ރާއްޖެއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން އޭއެފްސީ ޗެލެންޖް ކަޕްގައިވެސް އޭނާ ވަނީ ފިލިޕީންސްގެ ގޯލު ފޫއަޅުވާލާފައެވެ. މި ލަނޑާއެކު މެޗުގެ އޮއިވަރު ބަދަލުވެ ފިލިޕީންސްއަށް ޕްރެޝަރުތަކާ ކުރިމަތިވާން ފެށިއެވެ.
އަދި މެޗުގެ 68 ވަނަ މިނިޓުގައި ރާއްޖޭގެ އިތުރު ހަމަލާއެއް ވަނީ ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް ދުރުގައި ހުރެ ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ހަމަލާ ގޯލަށް އަމާޒުނުވެ ދިޔައީ ދަނޑިމަތިން ބޭރަށެވެ. މި މެޗުގެ ނަތީޖާ ފިލިޕީންސްއިން 3-1 އަށް ބަދަލުކޮށްލީ މެޗުގެ 77 ވަނަ މިނިޓުގައި ރޭންޑީ ޝްނެއިޑަރ ޖެހި ލަނޑުންނެވެ. އަދި މެޗުގެ 87 ވަނަ މިނިޓުގައި ރާއްޖޭގެ ގައުމީ ޓީމަށް ބަދަލެއް ގެނައެވެ. އެގޮތުން ސެންޓޭގެ ބަދަލުގައި ހަސަން ނަޒީމް ވަނީ ކުޅެން އަރާފައެވެ. މި މެޗުގެ 90 މިނިޓު ހަމަވެ، އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ޕިލިޕީންސްއިން ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ސޭންޑްރޯ ރޭސްއެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، ގްރޫޕް އޭގައި ދެން ރާއްޖެއަށް އޮތީ ޖޫން މަހުގެ 10 ވަނަ ދުވަހު އީސްޓް ޓިމޯއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ނުކުތުމަށް ވަނީ ތާވަލުކޮށްފައެވެ.