ޚަބަރު

ޔަމަން ޢުދުވާނުގެ ރޭވުންތަކާއި ސިއްރުތައް އޮޅުމަކުން ނޫސްވެރިއަކާ ހިއްސާކޮށްފި


ޔަމަންގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ދާދި ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކާ ގުޅޭ ރޭވުންތަކާއި ސިއްރު މަޢުލޫމާތު، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އޮޅިގެން ނޫސްވެރިއަކާ ހިއްސާ ކޮށްފިއެވެ. މާރިޗު 15ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ޙަމަލާ ދޭން ފެށުމުގެ ކުރިން އެ ކަމާ ގުޅޭ ސިއްރު މަޢުލޫމާތު ނޫސްވެރިއަކާ ހިއްސާ ކުރެވިފައިވާ ކަން ވައިޓް ހައުސުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ކަން ހިނގަން މެދުވެރި ގޮތް ތަޙުޤީޤު ކުރަމުންދާ ކަމުގައި ވެސް ވައިޓް ހައުސުން ބުންޏެވެ.

ޔަމަން ޢުދުވާނާ ގުޅޭ ސިއްރު މަޢުލޫމާތު ހިއްސާ ކޮށްފައި ވަނީ ދި އެޓްލާންޓިކްގެ އެޑިޓަރ-އިން-ޗީފް ޖޮފްރީ ގޯލްބަރގާއެވެ. އޭނާއާ އެ މަޢުލޫމާތު ހިއްސާ ކޮށްފައި ވަނީ އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް، ހެގްސެތު ވަނީ އެ ކަން ދޮގު ކުރައްވާފައެވެ. އަދި، ޔަަމަންގެ ޢުދުވާނާ ގުޅޭ ރޭވުންތަކާއި ސިއްރު މަޢުލޫމާތު އެއްވެސް މީހަކާ ހިއްސާކޮށްފައި ނުވާނެ ކަމުގައި ވިދާޅުވެ، ގޯލްޑްބަރގުގެ ތުހުމަތު ދޮގު ކުރައްވާފައެވެ.

'ސިގްނަލް'ގައި ހިއްސާ ކޮށްފައި ވަނީ ބޮޑު ސިއްރުތަކެއް

އެމެރިކާއިން ހިންގަން ތައްޔާރުވަމުން ދިޔަ އަސްކަރީ އޮޕަރޭޝަނުގެ މަޢުލޫމާތު، ޙަމަލާތައް ފެށުމުގެ ދެ ގަޑިއިރެއްހާ އިރު ކުރިން އޭނާއަށް އެނގެން މެދުވެރި ގޮތް ގޯލްޑްބަރގް ވަނީ ވަރަށް ސާފުކޮށް ކިޔަދީފައެވެ. އޭނާ ބުނީ، އެ ކަން ފެށުނީ، މުއާޞަލާތު ކުރުމަށް ބޭނުން ކުރާ އެޕްލިކޭޝަނެއް ކަމުގައިވާ 'ސިގްނަލް' މެދުވެރިކޮށް ހެގްސެތު އޭނާއަށް ފޮނުވި އިންވިޓޭޝަނެއް ނުވަތަ ދަޢުވަތަކާ އެކުގައެވެ.

އެ ދަޢުވަތު ޤަބޫލު ކުރުމާ އެކު، ސިގްނަލްގައި މުއާޞަލާތު ކުރުމަށް އެކުލަވައިލާފައިވާ ގުރޫޕަކާ ގުޅުނު ކަމުގައި ގޯލްބަރގް ބުންޏެވެ. އެ ގުރޫޕަކީ ޔަމަނަށް ޙަމަލާ ދިނުމާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުގެ، ޚާއްޞަކޮށް ދިފާޢީ އަދި ޖާސޫސީ ދާއިރާގެ އެންމެ އޮސް އޮފިޝަލުން މުއާޞަލާތު ކުރުމަށް އެކުލަވައިލާފައިވާ ގުރޫޕެކެވެ. އެ ގުރޫޕުގައި ތިބި އެެހެން ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ހިމެނޭ ކަމުގައި ގޯލްޑްބަރގް ބުންޏެވެ.

މި ހާދިސާ ތަޙުޤީޤު ކުރުމަށް ކޮންގްރެސަށް ގޮވައިލުން

ޔަމަންގެ ޢުދުވާނާ ގުޅޭ ދައުލަތުގެ ސިއްރުތަކެއް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ނޫސްވެރިއެއްގެ ހާޒިރުގައި ހިއްސާ ކުރުމާ މެދު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، އެ ހާދިސާގެ ތަޙުޤީޤެއް ހިންގުމަށް ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސަށް ގޮވައިލާފައެވެ. ޑިމޮކްރެޓިކް ޕާޓީގެ އިތުރުން ގޯލްޑްބަރގް ވެސް ޤަބޫލު ކުރާ ގޮތުގައި، މިއީ އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ޤާނޫނުތަކާ ޚިލާފަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުން ހިންގަވާފައިވާ ކުށެކެވެ.

ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް ކަމުގައިވާ ޙޫޘީންނާ ދެކޮޅަށް ކަމަށް ބުނެ އެ ޤައުމުގެ ރައްޔިތުންނަށް އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ޙަމަލާތަކާ ގުޅޭ މަޢުލޫމާތު ސިގްނަލްގެ ގުރޫޕުގައި އެންމެ ފުރަތަމަ ހިއްސާ ކުރައްވާފައި ވަނީ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މައިކަލް ވޮލްޓްޒް ކަމުގައި ގޯލްޑްބަރގް ބުންޏެވެ. އަދި، ޔަމަންގެ ރައްޔިތުންނަށް ޙަމަލާ ދިނުމަށް އަމުރުކޮށް، އެ ކަން ކުރާނެ 'ޓައިގަރ ޓީމެއް' އެކުލަވައިލުމުގެ މަސައްކަތް އޭނާގެ ނައިބު އެލެކްސް ވޮންގާ ވޮލްޓްޒް ޙަވާލު ކުރައްވާފައި ވަނީ އެ ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ސިގްނަލް ގުރޫޕުގެ ސައްޙަ ކަން ވައިޓް ހައުސުން ކަށަވަރު ކޮށްދިނުން

ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ބްރަޔަން ހިޔުސް ވަނީ، ޔަމަންގެ ޢުދުވާނާ ގުޅޭ ގޮތުން މުއާޞަލާތު ކުރުމަށް ސިގްނަލްގައި ބޭނުން ކޮށްފައިވާ ގުރޫޕަކީ ސައްހަ ގުރޫޕެއް ކަމަށް ބެލެވޭ ކަމުގައި ވިދާޅުވެފައެވެ. ވައިޓް ހައުސުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔަމަނަށް ޙަމަލާ ދިނުމަށް އަމުރު ކުރައްވާފައި ވަނީ ރައީސް ޓްރަމްޕެވެ. އެއީ، ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ފަށާފައިވާ ޢުދުވާނެކެވެ.

ޔަމަން ޢުދުވާން ފެށުމުގެ ދެ ގަޑިއިރެއްހާއިރު ކުރިން އެ ޢުދުވާނާ ގުޅޭ ސިއްރު މަޢުލޫމާތު ގުރޫޕުގައި ހިއްސާ ކޮށްފައިވާ ކަމުގައި ގޯލްޑްބަރގް ބުންޏެވެ. އޭގެ ތެރޭގައި "ޙަމަލާތަކުގެ އަމާޒުތަކަކީ ކޮބައިކަން، ޙަމަލާ ދިނުމަށް އެމެރިކާއިން ބޭނުން ކުރާނީ ކޮން ހަތިޔާރުތަކެއް ކަން، އަދި ޙަމަލާތައް ދިނުމުގައި އަމަލު ކުރާނެ ތާވަލު،" ހިމެނޭ ކަމުގައި އޭނާ ބުންޏެވެ. ޙަމަލާތަކަށް ފަހު އަމަލު ކުރާނެ ގޮތުގެ މަޢުލޫމާތު ހިއްސާ ކޮށްފައިވާ ކަމުގައި ވެސް ގޯލްޑްބަރގް ބުންޏެވެ.

ޔަމަނަށް ޙަމަލާ ދިނުމާ ނައިބު ރައީސް ވޭންސް ދެކޮޅު

ނައިބު ރައީސް ވޭންސާއި، ދިފާޢީ ވަޒީރު ހެގްސެތާއި، ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ހިޔުސްގެ އިތުރުން އެ ގުރޫޕުގައި ތިބި އެހެން ބޭފުޅުންގެ ތެރޭގައި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާއި، މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ވެރިޔާ ޖޯން ރެޓްކްލިފާއި، ޤައުމީ ސަލާމަތާ ބެހޭ އިދާރާގެ ވެރިޔާ ޓުލްސީ ގެބާޑާއި، މާލީ ވަޒީރު ސްކޮޓް ބެސެޓާއި، ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސް ހިމެނޭ ކަމުގައި ގޯލްޑްބަރގް ބުންޏެވެ.

މީގެ އިތުރުން، ޓެރެރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ނޭޝަނަލް ކައުންޓަރ-ޓެރެރިޒަމް ސެންޓަރުގެ ޑިރެކްޓަރުގެ މަޤާމަށް ޓްރަމްޕް ޢައްޔަން ކުރައްވާފައިވާ ޖޯ ކެންޓް ވެސް ހިމެނޭ ކަން ގޯލްބަރގް ހާމަކުރިއެވެ. ނަމަވެސް، އެ މަޤާމަށް އޭނާ ޢައްޔަން ކުރުމަށް ސެނެޓުން ރުހުން ދީފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
.
ދައުލަތުގެ ސިއްރު މަޢުލޫމާތުތަކެއް އޮޅުމެއްގެ ތެރެއިން ނޫސްވެރިއަކާ ހިއްސާ ކުރެވުނު މައްސަލައިގައި ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެ ކަމުގެ މަޢުލޫމާތު އެނގިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވެފައެވެ. "އަޅުގަނޑަށް ތިޔަ ކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ނޭނގޭ. އަޅުގަނޑަކީ ދި އެޓްލާންޓިކާ މާ ގަޔާވާ މީހެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ. ގޯލްޑްބަރގް ބުނީ، ޔަމަނަށް ޙަމަލާ ދިނުމާ ދެކޮޅަށް ޓްރަމްޕްގެ ނައިބު ރައީސް ވޭންސް ސިގްނަލް ގުރޫޕުގައި ވާހަކަފުޅު ދައްކަވާފައިވާ ކަމުގައެވެ. މި ކަމާ ގުޅިގެން ވޭންސްގެ އޮފީހުން ބުނީ، ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުތަކަށް އޭނާ ފުރިހަމައަށް ތާޢީދު ކުރައްވާ ކަމުގައެވެ.