ތަޢުލީމު

މާމެންދޫ ސްކޫލްގައި 9 ކްލާސް ރޫމްގެ އައު އިމާރާތެއް އަޅަނީ


ގއ. މާމެންދޫ ސްކޫލަކީ، ގްރޭޑް އެކަކުން ބާރައަށް ކިޔަވައިދޭ މެދުފަންތީގެ ސްކޫލެކެވެ. ޖުމްލަ 325 ކުދިން ތަޢުލީމް ޙާޞިލް ކުރަމުންދާ މި ސްކޫލްގައި މިހާރު ބޭނުން ކުރަމުންދަނީ 12 ކްލާސްރޫމެވެ. ކްލާސްރޫމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މިހާރު ސްކޫލްގެ ކިޔެވުން ކުރިޔަށް ގެންދަވަނީ ދެދަންފަޅިއަކަށް ބައްސަވާލައްވައިގެންނެވެ.

އެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މިހާރުވަނީ އެ ސްކޫލްގައި 9 ކްލާސްރޫމްގެ ޖާގައިގެ 3 ބުރީގެ އިމާރާތެއް އެޅުއްވުމަށް ނިންމަވާ، އެ އިމާރާތުގެ މަސައްކަތް ކުންފުންޏަކާ ޙަވާލު ކުރައްވާފައެވެ.

މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ތަޢުލީމާއި ބެހޭ ވުޒާރާގެ ސީނިއަރ ޕޮލިސީ އެގްސެކެޓިވް، އިބްރާހިމް އިސްމާއިލްއެވެ. އަދި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖަރ، އަޙްމަދު ތައުފީޤެވެ.

މަސައްކަތް ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް، އިބްރާހިމް އިސްމާއީލް ވިދާޅުވީ، 296 ދުވަހުގެ ތެރޭގައި، މަސައްކަތް ނިންމާ ގޮތައް އެކުންފުންޏާއި މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ، ޖުމްލަ 7.88 މިލިޔަން ރުފިޔާއަށެވެ.

އަލަށް އިމާރާތްކުރެވޭ މި ކްލާސްރޫމްތަކުގެ ސަބަބުން، ގއ.މާމެންދޫ ސްކޫލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، އަދި ލެބޯޓްރީ ފަދަ އައު ޚިދުމަތްތައް ތަޢާރަފް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް، އިބްރާހިމް އިސްމާއީލް ވިދާޅުވިއެވެ.

"އައު އިމާރާތް ނިމުމުން، ސްކޫލަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިހާރު އެސްކޫލްގައި ސައެންސް މާއްދާތައް ކިޔަވަމުންދާ ކުދިންނަށް، ލެބޯޓްރީއެއް ނެތް. މިއިމާރާތް ނިމުމާއެކު ސްކޫލްގައި ލެބޯޓްރީއެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެ. އަދި އިތުރު ފެސިލިޓީސްތައްވެސް ޤާއިމްކުރެވިގެންދާނެ. ސަރުކާރުގެ މިހާރުގެ ޢަމާޒަކީ އެއްވެސް ސްކޫލެއް ތަފާތު ކުރުމެއްނެތި ހުރިހައި ފެސިލިޓީސްތައް ޤާއިމް ކުރުން. އިރާދަ ކުރެއްވިއްޔާ މި މަޝްރޫއް ނިމޭއިރު، އިތުރު ގިނަ ފެސިލިޓީސްތައް މާމެންދޫ ސްކޫލްގައި ޤާއިމް ކުރެވިގެންދާނެ." އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް، އިބްރާހިމް އިސްމާއީލް ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14682526478951.jpg|އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް، އިބްރާހިމް އިސްމާއީލް - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ގއ. މާމެންދޫގައި އަލަށް އިމާރާތް ކުރައްވާ 9 ކްލާސްރޫމްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތަކީ، ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ އެންހޭންސިންގް އެޑިއުކޭޝަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކުރައްވާ ކްލާސް ރޫމްތަކެކެވެ. މިއިމާރާތުގެ މަސައްކަތުގެ އަގަކީ ޖުމްލަ 7،883،783.50 ރ ( ހަތް މިލިޔަން އަށް ސަތޭކަ އަށްޑިހަ ތިންހާސް ހަތްސަތޭކަ އަށްޑިހަ ތިން ރުފިޔާ ފަންސާސް ލާރި)އެވެ.

މިމަސައްކަތް ތާވަލް ކުރެވިފައިވާ ގޮތަށް ކުރިޔަށްގެންދެވިއްޖެނަމަ މިއަންނަ އަހަރުގެ މޭއިމަހުގެ ނިޔަލަށް އިމާރާތުގެ މަސައްކަތް ނިމޭނޭކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ އެންހޭންސިންގް އެޑިއުކޭޝަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ޖުމްލަ 12 މަޝްރޫއެއް ކުރިޔަށް ގެންދިއުމަށް ބަޖެޓް ކުރައްވާފައިވެއެވެ. އޭގެ ތެރެއިން 10 ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިގެން ކުރިޔަށްދާކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.