ހއ. އަތޮޅަށް ބީއެމްއެލްގެ ގެސްޓު ހައުސް ފައިނޭންސިންގ ތަޢާރަފްކޮށްފިއެވެ. އެ އަތޮޅަށް މި ސްކީމް ތަޢާރަފްކޮށްފައިވަނީ ހއ. ފިއްލަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ބޭންކް އޮފް މޯލްޑިވްސް ގެސްޓު ހައުސް ފައިނޭންސިންގއަކީ މިހާރުވެސް އެބޭންކުން ފޯރުކޮށްދެމުންދާ ފައިނޭންސިންގެކެވެ. ހއ. އަތޮޅަށް ތަޢާރަފްކޮށްފައިވަނީ އެ އަތޮޅަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފައިނޭންސިންގެއް ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ގެސްޓުހައުސް ވިޔަފާރި އަލަށް ފަށަން ބޭނުންވާ ފަރާތްތަކާއި މިހާރު ގެސްޓުހައުސް ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ފައިނޭންސިންގއަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި މި ލޯނު ސްކީމްގައި އެއްވެސް ސެކިއުރިޓީއެއް ބޭނުން ނުވާނެ ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
"މާނައަކީ ގެސްޓުހައުސް އަޅަން އިތުރު ސެކިއުރިޓީއެއް ބޭނުމެއް ނުވާނެ، ގެސްޓުހައިސް މޯގޭޖްކޮށްގެން އެ ފައިސާ ލިބޭނެ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެ ބޭންކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީ އާއި ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތަކަށް ފައިނޭންސް ދޫކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"5 އަހަރު ތެރޭ 400 މިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ފައިނޭންސްކޮށްދެވިފައިވާނެ، ރިސޯޓު ތަރައްޤީއަށް، މިކަމުންވެސް ދައްކައިދެނީ ފަތުރުވެރިކަން ކުރިއެރުވުމަށް ބޭންކުންދޭ އަހައްމިއްޔަތުކަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ފައިނޭންސިންގއާ ގުޅޭ މައުލޫމާތު އެ އަތޮޅުގެ ރައްޔިތުންނަށް ދިނުމަށްޓަކައި ބޭންކުގެ ފަރާތުން ޓީމުތައް ރަށްރަށަށް ޒިޔާރަތްކުރާނެ ކަމަށެވެ.