ކުޅިވަރު

ފްރާންސް އާއި ކްރޮއޭޝިއާ މެޗުގެ ތަރިއަކީ މިންޔޯން


ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކުރި މެޗުގެ ތަރިއަކީ އެ ޓީމުގެ ގޯލްކީޕަރު މައިކް މިންޔޯން ކަމަށް މީޑިއާތަކުން ބުނެފިއެވެ. މީޑިއާތަކުން މިހެން ބުނެފަވަނީ އާދީއްދަ ދުވަހުގެރޭ ކުޅުނު މެޗުގައި މިންޔޯންގެ ފަރާތުން ފެނުނު ހުށިޔާރުކަމާއި، ރީތި ކުޅުމުގެ ސަބަބުންނެވެ.

ފްރާންސް އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީންނެވެ. މި މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ދެ ޓީމު ފުރަތަމަ ލެގުގައި ބައްދަލުކުރި މެޗުން 2-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ މޮޅުވެ، ދެވަނަ ލެގުގެ މެޗުން ހަމަ މިނަތީޖާއިން ފްރާންސް މޮޅުވެފައިވާތީއެވެ.

2021 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމު، ފްރާންސްއިން ވަނީ މި މެޗުގައި މޮޅުކުޅުމެއް ދައްކާފައެވެ. މި މެޗު ފްރާންސުން ކާމިޔާބުކޮށްފަވަނީ ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާއިން ޖެހި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ފްރާންސްގެ ކީޕަރު މިންޔޯން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ކްރޮއޭޝިއާގެ ޖޮސިޕް ސްޓެނިސިޗް ފޮނުވާލި އެ ޓީމުގެ ހަތްވަނަ ޕެނަލްޓީވެސް އޭނާ ދިފާއުކޮށްފައިވާއިރު، އޭނާ ވަނީ ފްރާންސް ޓީމުން ޖެހިޖެހިގެން ދެ ޕެނަލްޓީ މަތަކުރި ހަމައެކަނި ގޯލްކީޕަރުގެ ޝަރަފު މިމެޗުން ހޯދާފައެވެ.

"މައިކްއާ ދޭތެރޭ އަބަދުވެސް އިތުބާރު އޮވޭ. ޕެނަލްޓީއާ އަހަރުމެން ކުރިމަތިލީވެސް ޔަގީންކަމާއެކު. އޭނަ އަބަދުވެސް ތަފާތެއް ދައްކާނެ" މިންޔޯންއާ ގުޅޭގޮތުން ފްރާންސް ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ބުންޏެވެ.

2022 ވަނަ އަހަރު ފްރާންސް ޓީމުން އާޖެންޓީނާއާ ވާދަކޮށް ޕެނަލްޓީން ބަލިވި މެޗުގައި މިންޔޯންއަށް އިންނަން ޖެހުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބެންޗުގައެވެ. އެމެޗުގައި ފްރާންސްގެ ގޯލު ބަލަހައްޓާފަވަނީ ހޫގޯ ލޮރިސްއެވެ.

މިލާންއަށް ކުޅެމުން އަންނަ މިންޔޯންގެ ފަރާތުން މިހާތަނަށް އަދި މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، ކްރޮއޭޝިއާ މެޗުގެ ނަތީޖާގެ ސަބަބުން އޭނާއަށް އައު ހިތްވަރެއް ލިބިގެންދާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ލަފާކުރެއެވެ.

"ގޯލު ބަލަހައްޓާއިރު އަހަރެން ބަލަނީ ވީހާވެސް ބޮޑު ޖާގައެއް ހިފޭތޯ. ޕެނަލްޓީއަކީ ކުޅުންތެރިޔާ އާ ކީޕަރާ ދެމެދު ކުރެވޭ ސައިކޮލިޖިކަލް ހަނގުރާމައެއް. ކީޕަރު ޖެހޭނެ ކުޅުންތެރިޔާގެ ބޮލުގައި ހިނގާ ޕްލޭންތަކަށް ވަރަށް ފުންކޮށް ފަރުވާތެރިވާން" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މިންޔޯން ބުންޏެވެ.

ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސް ވާދަކުރާނީ ސްޕެއިންއާއެވެ. މިމެޗު ކުޅުމަށް ތާވަލުކޮށްފަވަނީ އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހު ސްޓުޓްގާޓުގައެވެ. ނޭޝަންސް ލީގުގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކޮށްފަވަނީ ނެދަލަންޑްސްއާ ވާދަކޮށް ޕެނަލްޓީން ކުރި ހޯދައިގެންނެވެ.