ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާއަށް ހުޅުވާލުމުން، މިހާތަނަށް 1500 އަށްވުރެ ގިނަ ޝަކުވާ ޕޯޓަލް މެދުވެރިކޮށް ލިބިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެވުޒާރާއިންވަނީ ފްލެޓު ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު މިއަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ވެރިފައިކުރުމަށްފަހު އާންމުކޮށް، ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. މިމަހުގެ ނިޔަލަށް ޝަކުވާގެ މުއްދަތު ކުރިން އޮތްނަމަވެސް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާރުވަނީ ޝަކުވާ ހުށައެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އިތުރުކުރައްވާފައެވެ. އަދި ޝަކުވާ ހުށައަޅާއިރު އެމީހަކު މާލޭގައި ދިރިއުޅުނުކަން ސާބިތުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު ހުރި ސަރުކާރުގެ އިދާރާތަކުގެ މަޢުލޫމާތުގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް މިހާރު ލިޔެވޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މުޅި ފްލެޓު ލިސްޓާއި ގުޅޭގޮތުން 2843 ޝަކުވާ ލިބިފައިވާކަމަށެވެ. އަދި ފްލެޓު ލިބުނު މީހުންގެ ލިސްޓާއި ގުޅޭގޮތުން 1575 ޝަކުވާ ލިބިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މީގެތެރޭގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓް ލިސްޓާއި ގުޅޭގޮތުން ހުށައަޅާފައިވާ 1176 ޝަކުވާއާއި 2 ކޮޓަރީގެ އެޕާޓްމަންޓާއި ގުޅޭގޮތުން ހުށައަޅާފައިވާ، 399 ޝަކުވާކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފްލެޓު ލިބޭމީހުންގެ ލިސްޓު ވެރިފައިކުރުމަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށައަޅާ ޝަކުވާތައް ބަލާއިރު ސަރުކާރުގެ އިދާރާތަކުގައި ހުރި މަޢުލޫމާތުތަކުގެ ތެރެއިން އެވުޒާރާއަށް ބެލެންހުރި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެކަމަށެވެ. އެހެންކަމުން ޝަކުވާ ހުށައަޅާއިރު އެފަރާތަކުން މާލޭގައި އުޅުނުކަމުގެ މަޢުލޫމާތުގެ ތަފްސީލު ދެވޭނެ ދައުލަތުގެ އިދާރާތައް އެނގޭނެހެން ޕޯޓަލްގައި ލިޔުމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.