ހއ. ތަކަންދޫގައި ހުރި އާސާރީ ތަންތަން ދިރާސާކުރުމުގެ މަސައްކަތް ނިމިފައިވުމާއެކު، އެތަންތަނަށް ޚާއްޞަކޮށްގެން ލޯކަލް ޓޫރިޒަމް ފެށުމަކީ މުހިންމުކަމެއްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ތަކަންދޫގައި ބީއެމްއެލް އޭޓިއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މިއަހަރުގެ ޖެނުއަރީމަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ތަކަންދޫގައި ހުރި ތާރިޚީ ތަންތަން ބައްލަވާލައްވާފައިވާކަމަށެވެ. އަދި އެފަދަ ތަންތަނަކީ ދިވެހިންގެ ސަޤާފަތާއި ތާރީޚް ދައްކުވައިދޭ ތަންތަންކަމަށްވުމުން އެތަންތަން ހިމާޔަތްކުރުމަކީ މުހިންމުކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ރައީސުޖުމްހޫރިއްޔާގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ތަކަންދޫގެ ތާރީޚީ ތަންތަން ދިރާސާ ކުރުމަށް ޚާއްޞަ ޓީމެއް ފޮނުއްވިކަމަށާއި، އެ ދިރާސާތައް މިހާރު ނިންމާފައިވާކަމަށެވެ. ރަށްރަށުގައި ހުރި މިފަދަ ތަންތަނަކީ މުޅި ދުނިޔެއަށް ދައްކުވައިދޭންޖެހޭ ތަންތަންކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ މިފަދަ ތަންތަން ނަކަލުކޮށް ޑިސްޕްލޭ ކުރެވޭނެ ގޮތް ހަދައި، ތަކަންދޫގައި ވީހާވެސް އަވަހަށް ލޯކަލް ޓުއަރިޒަމްގެ މަސައްކަތްތައް ފެށުމަކީ މުހިންމުކަމެއްކަމަށެވެ.
"ކުރިއަށް އޮތީ ހއ.ހދގައިވެސް ވަރަށް ފާގަތި ފަހި ދުވަސްތަކެއް. ރައީސް ކުރައްވާ މަސައްކަތް ދުވަހުން ދުވަހަށް މިދަނީ ފެންނަމުން. އަދި ކާމިޔާބުވަމުން. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
މިއަހަރުގެ ޖެނުއަރީ މަހު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަކަންދޫއަކީ ޤައުމީ ވިސްނުމެއްގައި، ސަމާލުކަން ދޭންޖެހޭ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޤައުމިއްޔަތު ރައްކާތެރިކުރުމުގެ ޚާއްޞަ މަޝްރޫޢުގެ ތެރޭގައި ތަކަންދޫ ހިމަނާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަކަންދޫގައި ހުރި ތާރީޚީ ތަންތަން، އެ ތަންތަނަށް ދޭންވާ އިސްކަންދީގެން، ބަޖެޓުން ޚަރަދުކޮށް، އެ ތަންތަން ސަލާމަތްކޮށް، އާބާތުރަފިލުވައި، އޭގެ ޙަޤީޤީ އައިޑެންޓިޓީއަށް އިއާދަކޮށް، ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގާނެކަމަށެވެ. އަދި ތާރީޚު ދަސްކުރަން ބޭނުންވާ، އަދި ދިރާސާކުރާ، ކިޔަވާ ދިވެހި ކުދިންނާއި ރައްޔިތުންނަށްވެސް، އޭގެ ނަފާ ލިބޭގޮތަށް މި ތަންތަން ދެމެހެއްޓުމަކީ ސިޔާސަތުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.