ޚަބަރު

ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް ދަނީ އިތުރަށް ހަރުދަނާކުރެވެމުން: ރައީސް


  • އަވަހަށް ބަލި ދެނެގަނެވޭނެ އިންތިޒާމާއި ފުރިހަމަ ފަރުވާ ކަށަވަރުކުރުމަށްދަނީ މަސައްކަތް ކުރައްވަމުން

ޓިއުބަރކިއުލޯސިސް، ޓީބީ ރާއްޖޭން ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޓީބީ ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ތިއްބެވީ ސާބިތު ކަމާއެކުގައި ކަމަށެވެ. އެގޮތުން، ޓިއުބަރކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދިނުން ފަދަ ކަންކަމާއެކު ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓީބީ ބަލި ދެނެގަތުމުގެ މިންވަރު 70 އިންސައްތައަށް އިތުރުކުރުމުގެ އަމާޒާއި، އެ ބައްޔަށް ފަރުވާ ދެވޭ މިންވަރު 85 އިންސައްތައަށް އިތުރުކުރުމުގެ އަމާޒަށް ވާޞިލުވެފައިވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމުކަމުގައި، 1998 ވަނަ އަހަރުއްސުރެ ރާއްޖެ ހިމެނިފައިވުމުން ދައްކުވައިދެނީ، ދިވެހިރާއްޖޭގެ ޓީބީ ކޮންޓްރޯލް ޕްރޮގްރާމުގެ ކާމިޔާބުކަމާއި، ޞިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތެރީން މިކަމަށް ދެއްވާ އަހަންމިއްޔަތުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް، ޓީބީ އަވަހަށް ދެނެގަތުމުގައްޔާއި، ފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް ސަމާލުވެވަޑައިގަންނަވާނޭކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

މިއަހަރު، ލޭޓެންޓް ކޭސްތަކަށް، ޓިއުބަކުލޯކިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީ.ޕީ.ޓީ) ހިލޭ ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާކަންވެސް މިއަދުގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޓީބީ ހުއްޓުވުމާއި، ބައްޔަށް ސްކްރީންކުރުމާއި، ބަލި ޑައަގްނޯޒްކޮށް ފަރުވާދިނުން، ރާއްޖޭގެ އަސާސީ ޞިއްޙީ ފަރުވާގެ މޮޑެލްއާ އެކުލަވާލައިގެން، އެބައްޔަށް ލިބޭ ފަރުވާ ފަސޭހައިން ލިބޭނޭ އިންތިޒާމު ކުރައްވަމުންގެންދަވާކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މުސްތަޤުބަލުގެ ޖީލުތަކަށް، ޓީބީ އިން ސަލާމަތްވެފައިވާ، ދުޅަހެޔޮ ރާއްޖެއެއް ބިނާކޮށްދިނުމަށް އެކުގައި މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއަކީ 1998ވަނަ އަހަރުން ފެށިގެން ކޭސްތައް ދެނެގަތުމުގެ %70 އާއި ބަލިން ފަރުވާ ހޯދުމުގައި %85 ހާސިލްކޮށްފައިވާ ފަސް ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.