ރަމަޟާން މަހު ރޯދަ ވިއްލުމަށް ކަދުރަކީ އެންމެ ގިނައިން ބޭނުން ކުރާ ބާވަތެވެ. ކަދުރަކުން ރޯދަ ވިއްލުމަކީ މާތް ނަބިއްޔާ މުޙައްމަދު ސއވގެ ސުންނަތުން ވެސް ސާބިތުވާ ކަމެކެވެ. އަދި ކީރިތި ޤުރުއާނުގައި ވެސް ކަދުރުގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ.
ކަދުރަކީ ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް މުހިންމު ވިޓަމިންސާއި މިނަރަލްސްއާއި ފައިބަރގެ ބައި ވެސް ހިމެނޭ މޭވާއެކެވެ. އެއީ ހަށިގަނޑުގެ ސެލްތަކަށް ގެއްލުން ލިބުމުން ރައްކާތެރި ކޮށްދޭ އެންޓި އޮކްސިޑަންޓުގެ ބައި ވެސް ގިނަ މޭވާއެކެވެ. އޭގެ އިތުރުން ކަދުރަކީ މޭވާގައި ހިމެނޭ ފުރުކްޓޯސް ކިޔާ ހަކުރުގެ ބާވަތް ވެސް ގިނަ މޭވާއެކެވެ. އެހެން ކަމުން ދުވާލުގެ ވަގުތު ނުކައި ނުބޮއެ ހުރުމަށް ފަހު ރޯދަ ވިއްލުމަށް ކަދުރު ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ފަސޭހަކަމާއެކު ލިއްބައިދެއެވެ. އެ ގޮތުން ރޯ ކަދުރުން ވެސް ހިކި ކަދުރުން ވެސް މި ފައިދާތައް ލިބެއެވެ.
ކަދުރު ރުކުގެ އަންހެން ރުކާއި ފިރިހެން ރުއް ހުރެއެވެ. އޭގެ ތެރެއިން ކަދުރު ފޯދެނީ އަންހެން ރުކުގައެވެ. މިއިން ރުކެއްގެ އުމުރު 100އަށްވުރެ ގިނަ އަހަރަށް ދެމިގެންދާއިރު ރަނގަޅަށް ބެލެހެއްޓޭނަމަ ކަދުރު އަޅާ މޫސުމުގައި 100 ކިލޯގެ ކަދުރު ރުކެއްގައި އަޅައެވެ. އެއީ ގާތްގަނޑަކަށް 10،000 ކަދުރެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އަހަރަކު 19 މިލިޔަން ޓަނުގެ ކަދުރު ބާޒާރަށް ނެރެއެވެ. ކަދުރު ރުއް އާންމުކޮށް ރަނގަޅަށް ހެދެނީ މެދުއިރުމަތީގެ ޤައުމުތަކާއި ވަށައިގެންވާ ސަރަޙައްދުތަކުގައެވެ. އެއީ އެ ސަރަޙައްދުތަކުގެ މޫސުމަކީ ހޫނުގަދަ މޫސުމަކަށް ވާތީއެވެ.
ކަދުރު ރުއް ހެދޭ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ކަދުރު ހައްދަނީ މިޞްރުގައެވެ. އެ ޤައުމުން އުފައްދާ ކަދުރުގެ ނިސްބަތް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އުފައްދާ ޖުމްލަ ކަދުރުގެ 18 އިންސައްތަ ޙިއްޞާ ކުރެއެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދެެއްގެ ކަދުރު އުފައްދަނީ ސަޢުދީ ޢަރަބިއްޔާގައެވެ. އެއީ ދުނިޔޭގައި އުފައްދާ ކަދުރުގެ 17 އިންސައްތައެވެ. 13 އިންސައްތައާއެކު ތިން ވަނައިގައި އޮތީ އަލްޖަޒާއިރެވެ.
ކަދުރުގެ އެކި ބާވަތްތައް ހުރެއެވެ. އެއިން ކޮންމެ ބާވަތެއްގައި ވެސް ލަނީ ތަފާތު ރަހައެކެވެ. ކަދުރު ހުންނަ ގޮތް ވެސް ބާވަތުގެ ގޮތުން ތަފާތުވެއެވެ.
މެދްޖޫލް ކަދުރަކީ ހެޔޮވަރު ވަރެއްގެ ބޮޑުމިނުގެ ކަދުރެކެވެ. މިއީ ފޮނި ރަހަ ގަދަ، މާމުއި ކުލައިގައި ހުންނަ ކަދުރެކެވެ.
މަބްރޫމް ކަދުރުގައި ފޮނި ރަހަލައި މިންވަރު ކަދުރުގެ އެހެން ބާވަތްތަކަށްވުރެ މަޑެވެ. މަބްރޫމް ކަދުރު ހުންނަނީ ހަނިދިގު ކޮށެވެ. މި ކަދުރުގެ ކުލަ ހުންނަނީ ރަތް ކުލައާއި މުށި ކުލަ އެއްކޮށްލީމާ ހުންނަ ފަދަ ކުލަޔަކަށެވެ. މި ކަދުރު ކާއިރު ހަފަންޖެހޭ މިންވަރު އިތުރެވެ.
އަޖުވާ ކަދުރަކީ ސަޢުދީ ޢަރަބިއްޔާގައި ހެދޭ ކަދުރެކެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ކަދުރު ބާވަތެވެ. އަދި މުސްލިމުންގެ މެދުގައި އެންމެ މަގުބޫލު ކަދުރެވެ. ދުވާލަކު 7 އަޖުވާ ކަދުރު ކައިފިނަމަ އެ މީހަކަށް އެއްެވެސް ޒަހަރެއް ނުވަތަ ސިހުރެއްގެ އަސަރު އެ ދުވަހަކު ނުކުރާނެ ކަމަށް ރަސޫލާ ސއވގެ ހަދީޘްފުޅެއްގައި ބަޔާން ކޮށްފައި ވެއެވެ. (އަލް-ބުޚާރީ 5445، މުސްލިމް 2047). މި ކަދުރަކީ ޗަސް ގޮތަކަށް ހުންނަ ފޮނި ރަހަ ގަދަ ކަދުރެކެވެ.
މިއީ މާ ބޮޑު ނޫން، އަދި މާ ކުޑަ ނޫން، މެދުމިނަކަށް ހުންނަ ކަދުރެކެވެ. މި ކަދުރު ހުންނަނީ ތަންކޮޅެއް އަލި މުށި ކުލައެކެވެ. މިއީ ކެއްކުމުގައި އެންމެ ގިނައިން ބޭނުން ކުރާ ކަދުރުގެ ބާވަތެވެ.
މި ކަދުރަކީ ގަދަ މުށި ކުލަޔަކަށް ހުންނަ ރަހަމީރު ކަދުރެކެވެ. މިއީ ތަންކޮޅެއް ހިކިކޮށް ހުންނަ ކަދުރެކެވެ. މި ކަދުރުގެ ރަހައިގައި އެހެން ކަދުރުގެ ބާވަަތްތަކާ ތަފާތު ގޮތެއް ހުރެއެވެ.
މި ރަމަޟާން މަހު ކަދުރު ބޭނުން ކުރާއިރު ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް ވެސް އެބަ އޮތެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަަލަސްޠީނުގެ ލޮބުވެތި ރައްޔިތުން ނަސްލުހޭދު ކުރުމަށް ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންދާ ޔަހޫދީ ދައުލަތް، އިޒްރޭލަކީ ވެސް ގިނަ ޢަދަދަކަށް ކަދުރު ބާޒާރަށް ނެރޭ ޤައުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022ވަނަ އަހަރު އެކަނި ވެސް އެ ޤައުމުން 220 މިލިޔަން ޑޮލަރުގެ ކަދުރު ބޭރު ކޮށްފައިވެއެވެ. ޔަހޫދީން މުސްލިމް އަޚުންނާއި އުޚުތުން ކަތިލަމުންދާއިރު ކަދުރު ބޭނުން ކުރާއިރު އަހަރެމެންނަށް ގަނެވެނީ އިޒްރޭލުގެ އުފެއްދުމެއް ނޫންކަން ޔަޤީން ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ވިޔަފާރިތަކުގެ އުފެއްދުންތައް ބޭނުން ނުކުރުމަށް ގޮވާލާ ޖަމާޢަތެއް ކަމަށްވާ ބޮއިކޮޓް، ޑައިވެސްޓްމެންޓް، ސެންކްޝަންސް މޫވްމަންޓް ނުވަތަ ބީޑީއެސުން ބުނީ ރަނގަޅަށް ލޭބަލް ކިޔައި އެއީ ކޮން ޤައުމެެއްގެ އުފެއްދުމެއްތޯ ބެލުމަށް ހިތްވަރުދޭ ކަމަށެވެ. އިޒްރޭލުން އާންމުކޮށް އުފައްދާ ކަދުރު ބްރޭންޑުތަކަކީ މިއީއެވެ:
- ހަދިކްލައިމް
- ކިންގް ސޮލޮމޮން
- ޖޯޑަން ރިވަރ
- ޖޯޑަން ރިވަރ ބަޔޯ ޓޮޕް
- މެހަދްރިން
- އެމްޓެކްސް
- އީޑޮމް
- ކާމެލް އެގްރެކްސްކޯ
- އަރާވާ