ސިޔާސީ

އދ ގެ މަންދޫބު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވަނީ


ސަރުކާރުން އިސްނަންގަވައިގެން އ.ދ ގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދަވާ ސިޔާސީ ޕާޓީތަކުގެމަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް، މި މަޝްވަރާތަކަށްއދ.ން ކަނޑައަޅާފައިވާ މަންދޫބް ތަމްރަތު ސެމިއުލް މިމަހުގެ އަށާރަވަނަދުވަހު ރާއްޖެ ވަޑައިގަންނަވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސިޔާސީ ޕާޓީތަކުގެއެންމެ އިސްމަންދޫބް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ މިއަދު ޕީއެސްއެމާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އދ.ގެ މަންދޫބު ރާއްޖެ ވަޑައިގެން، ސިޔާސީ ޕާޓީތަކާއިބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެކަމަށެވެ.

މިދިޔަ އަހަރުސަރުކާރުން ފެއްޓެވި މަޝްވަރާތައް އެއްވެސް ވަރަކަށް ހުއްޓިފައި ނުވާކަންފާހަގަކުރައްވަމުން، ޑރ.ޝައިނީ ވިދާޅުވީ، އދ.ގެ މަންދޫބު ރާއްޖެއިން ބޭރުގައި ހުންނަވައިގެންވެސްރާއްޖޭގެ ސިޔާސީ މަސްރަޙްގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސަރުކާރާއި އދ.އާ ދެމެދު ގިނަމަޝްވަރާތަކެއް ކުރިއަށްދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތަކުންރަނގަޅު ނަތީޖާއެއް ނުކުންނާނެކަމަށް އުންމީދުކުރެވޭކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސްމިނިސްޓަރ ތަކުރާރުކުރެއްވިއެވެ.

މިދިޔައަހަރު ރައީސުލްޖުމްހޫރިއްޔާގެއިސްނެންގެވުމުގެ މަތިން ސަރުކާރުން ފެއްޓެވި ސިޔާސީ ޕާރޓީތަކުގެ މަޝްވަރާ 5ފަހަރެއްގެ މަތިން ސަރުކާރުގެ ނިންމުން ބަދަލުކުރައްވައި، އިދިކޮޅު ފަރާތްތައް ބައިވެރިކުރައްވައިގެންކުރިއަށް ގެންދެވުމަށް މަސައްކަތް ކުރެއްވިނަމަވެސް އަދި ވަނީ ކާމިޔާބުވާގޮތްނުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް މިމަހުއަލުން ފެއްޓެވުމަށް ތައްޔާރުވެވަޑައިގަންނަވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަނީއެ މަޝްވަރާތަކުގައި ދެން ބައިވެރިވާނީ އިދިކޮޅު ފަރާތްތައް ގުޅިގެން ހަދާފައިވާމޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އިއްތިޙާދުންކަމަށެވެ. ނަމަވެސް އެވާހަތަކަށް ރައްދުދެއްވައި، ޑރ.ޝައިނީ ވިދާޅުވީ، ސަރުކާރުންމަޝްވަރާތައް ފެއްޓެވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާ އެކުގައި ކަމަށާއި މޯލްޑިވްސް ޔުނައިޓެޑްއޮޕޮޒިޝަން ކިޔާ ސިޔާސީ ޕާޓީއެއް ރާއްޖޭގައި އޮތްކަން އެނގިވަޑައި ނުގަންނަވާކަމަށެވެ.

ރާއްޖޭގެ ޤާނޫނުގެ ތެރެއިން ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވައިގެންވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙް ހަމައަކަށް އެޅުވުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންވާކަމަށް، ޑރ. ޝައިނީ ވަނީ ވިދާޅުވެފައެވެ.މަޝްވަރާތައް ފެއްޓެވުމަށް ރައީސް ޔާމީން ނިންމެވީ ދިވެހިރާއްޖެ ތަރައްޤީ ކުރެއްވުމަށާއި، ޤައުމު ބިނާކުރެއްވުމަށް ކުރައްވާ މަސައްކަތް ހަލުވިކުރައްވައި، ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.