ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތައް ހއ. މާރަންދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފައްޓަވައިފިއެވެ. މި ޚިދުމަތް ފައްޓާވާދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމެވެ.
ހއ. މާރަންދޫ ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އެރަށު ކައުންސިލާއެކު ބީއެމްއެލުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރުގެ ނިޔަލަށް އޭޓީއެމްގެ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުދެކެވެ.
މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.