ސިއްހަތު

ރާއްޖޭގައި ސިއްޙީ ޚިދުމަތުގައި ހަސަތޭކައަށްވުރެ ގިނަ ޑޮކްޓަރުން!


ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަކީ އެންމެ ގިނަ ރައްޔިތުން ޚިދުމަތް ހޯދަމުންދާ އެއް ދާއިރާއެވެ. ރާއްޖޭގައި ޞިއްޚީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަސަތޭކައަށްވުރެ ގިނަ ޑޮކްޓަރުން ހަރަކާތްތެރިވަމުންދެއެވެ.

ރާއްޖޭގެ 19 އަތޮޅެއްގެ އިތުރުން މާލޭގައި އައިޖީއެމްއެޗް، ސެނަހިޔާ، ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލް އަދި އަމިއްލަ ހޮސްޕިޓަލެއްކަމަށްވާ އޭޑީކޭގައި ދަނީ އެކި ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ދެމުންނެވެ. މިތަންތަނުގައި ހަސަތޭކައަށްވުރެ ގިނަ ޑޮކްޓަރުން މަސައްކަތްކުރަމުންދެއެވެ. ރާއްޖޭގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުންގެ ތަފާސްހިސާބަށް ބަލާއިރު، ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި 190 އަށްވުރެ ގިނަ ޑޮކްޓަރުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެތެރޭގައި 92 މެޑިކަލް އޮފިސަރުން ހިމެނެއެވެ. އެއީ 55 ބިދޭސީ ޑޮކްޓަރުންނާއި 37 ދިވެހި ޑޮކްޓަރުންނެވެ.

img:http://s2.psmnews.mv/images/660x400/14588121118454.jpg|ހޮސްޕިޓަލުގައި ބަލިމީހުންތަކަކަށް ފަރުވާދެނީ- ފައިލް ފޮޓޯ: ޕިއެސްއެމް

ސްޕެޝަލިސްޓުންގެ ގޮތުގައިވެސް 100އެއްހާ ޑޮކްޓަރަކު އައިޖީއެމްއެޗްގައި މަސައްކަތްކުރާއިރު، މީގެ ތެރޭގައި 59 ދިވެހި ޑޮކްޓަރުންނާއި، 33 ބިދޭސީ ޑޮކްޓަރުން ހިމެނެއެވެ. އަދި ސަބް ސްޕެޝަލިސްޓުންގެ ގޮތުގައިވެސް 8 ދިވެހި ޑޮކްޓަރަކު އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދެއެވެ. މީގެ ތެރޭގައި ހިތުގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކާއި ފުއްޕާމެއާއި ހިތުގެ ބަލިތަކަށް ޚާއްސަ ސާރޖަނުންނާއި ނާރުގެ ބަލިތަކަށް ޚާއްސަ ސަބް ސްޕެޝަލިސްޓުން ހިމެނެއެވެ. އަދި ކުޑަކަމުދާ ބަލިތަކަށް ޚާއްސަޑޮކްޓަރުންނާއި، ކުޑަކުދިންގެ ކުޑަކަމުދާ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި ފުއްޕާމެއަށް ޚާއްސަ ޑޮކްޓަރުންވެސް ހިމެނެއެވެ.

އަތޮޅުތެރޭގައި ޚިދުމަތްކުރަމުންދާ ޑޮކްޓަރުންގެ ތަފާސްހިސާބުތަކަށް ބަލާއިރު އަތޮޅުތެރޭގެ 19 ހޮސްޕިޓަލެއްގައި 400 އަށްވުރެ ގިނަ ޑޮކްޓަރުން މަސައްކަތްކުރަމުންދެއެވެ. މީގެ ތެރޭގައި 300 އަށްވުރެ ގިނަ މެޑިކަލް އޮފިސަރުން ހިމެނޭއިރު، އެކި ދާއިރާތަކަށް ޚާއްސަވެފައިވާ 111 ސްޕެޝަލިސްޓުންވެސް ހިމެނެއެވެ. މާލެ ފިޔަވައި އަތޮޅުތަކުގައި މަސައްކަތްކުރާ ސްޕެޝަލިސްޓުންގެ ތެރޭގައި ހިމެނެނީ އެންމެ ދިވެހި ޑޮކްޓަރެކެވެ. އަތޮޅުތެރޭގައި މަސައްކަތްކުރަމުންދާ ޑޮކްޓަރުންނަށް ބަލާލާއިރު ތަފާތު އެކި ދާއިރާތަކުން ޚާއްސަވެފައިވާ ޑޮކްޓަރުން މަސައްކަތްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

img:http://s3.psmnews.mv/images/660x400/14590839686274.jpg|ހޮސްޕިޓަލުގައި ފަރުވާދެމުންދާ އުމުރުންދުވަސްވީ ބަލި މީހުންތަކެއް- ފައިލް ފޮޓޯ: ޕިއެސްއެމް

ތަފާސް ހިސާބުތަކަށް ބަލާއިރު އަތޮޅުތެރޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން އެންމެ ގިނައީ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނެވެ. އެގޮތުން އަންހެނުންގެ ބަލިތަކަށް ޚާއްސަ 26 ޑޮކްޓަރުން އަތޮޅުތެރޭގައި މަސައްކަތްކުރަމުންދެއެވެ. ހޭނައްތާ ޑޮކްޓަރުންގެ ގޮތުގައި 21 ޑޮކްޓަރުން މަސައްކަތްކުރަމުންދާއިރު، ދެން އެންމެ ގިނައީ ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނެވެ. އެގޮތުން ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ 19 ޑޮކްޓަރުން އަތޮޅުތެރޭގައި ހަރަކާތްތެރިވަމުންދެއެވެ.

img:http://s2.psmnews.mv/images/660x400/6335.jpg|ޑޮކްޓަރެއް ބަލި ކުއްޖަކު ބަލަނީ - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ސާރޖަރީއަށް ޚާއްސަ 14 ޑޮކްޓަރުން މަސައްކަތްކުރަމުންދާއިރު، އެތެރެހަށީގެ ޑޮކްޓަރުންގެ ގޮތުގައި 7 ޑޮކްޓަރަކު މަސައްކަތްކުރެއެވެ. އަދި ކަށީގެ ބަލިތަކަށް ޚާއްސަ 6 ޑޮކްޓަރުން މަސައްކަތްކުރެއެވެ. އަތޮޅުތެރޭގައި ލޮލުގެ ބަލިތަކަށް ޚާއްސަވެފައިވާ 6 ޑޮކްޓަރުންނާއި  4 އީއެންޓީ ޑޮކްޓަރުން އަދި  4 ސައިކޭޓްރިސްޓުން މަސައްކަތްކުރަމުންދެއެވެ. މީގެ އިތުރަށް ހަމުގެ ބަލިތަކަށް ޚާއްސަ 2 ޑޮކްޓަރުން މަސައްކަތްކުރަމުންދެއެވެ. އަދި 2 ރޭޑިއޮލޮޖިސްޓެއް އަތޮޅުތެރޭގައި މަސައްކަތްކުރަމުންދާކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުގައި ފަސްދޮޅަހަށްވުރެ ގިނަ ޑޮކްޓަރުން މަސައްކަތްކުރަމުންދާއިރު، ސްޕެޝަލިސްޓުންގެ ގޮތުގައި 40 ޑޮކްޓަރުން މަސައްކަތްކުރެއެވެ. ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަދެމުންދަނީ މޯލްޑިވްސް މެޑިކަލްސް އެންޑް ޑެންޓަލް ކައުންސިލުންނެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑޮކްޓަރ ޝީޒާ އަލީ ވިދާޅުވީ، ރާއްޖޭގައި ޑޮކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ޙުއްދަ ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ގްރެޖުއޭޓްވާ އިންސްޓިޓިއުޝަނަކީ ރާއްޖެއިން ޤަބޫލުކުރާ ތަނެއްތޯވެސް ބައްލަވާކަމަށެވެ. އަދި ޑޮކްޓަރުކަން ކިޔެވުމަށްފަހު ގްރެޖުއޭޓްވާ ޤައުމެއްގެ ރެޖިސްޓްރޭޝަނާއި އެކައުންސިލަށް ހުށަހަޅާ ސެޓްފިކެޓްތަކަށް ބެލުމަށްފަހުގައިކަމަށް ޑޮކްޓަރ ޝީޒާ ވިދާޅުވިއެވެ.

ދިވެހި ޑޮކްޓަރުންނަށް ދެވޭ ހުއްދައާއި ޚިލާފަށް ބިދޭސީ ޑޮކްޓަރުންނަށް ދެމުންދަނީ ވަގުތީ ހުއްދައެކެވެ. ބިދޭސީ ޑޮކްޓަރުންނަށް ދެވޭ ހުއްދައަކީ އަހަރަކު އެއްފަހަރު އާކުރަންޖެހޭ ހުއްދައެކެވެ. ޚިދުމަތްދޭ ޑޮކްޓަރުންނަކީ ފެންވަރު ރަނގަޅު ޑޮކްޓަރުންކަމުގައި ހެދުމަށް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޑޮކްޓަރުންނަށް ޚާއްސަ އިމްތިޙާނެއްވެސް އެކައުންސިލުން ވަނީ ބާއްވަން ފަށާފައެވެ.