ދުނިޔެ

މޯދީ ކެންޔާގައި އުޅޭ އިންޑިޔާ ދަރިކޮޅު މީހުންނާ ބައްދަލުކޮށްފި


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކެންޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންޔާގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅު މީހުންނާ ބައްދަލުކުރައްވައިފިއެވެ.

ކެންޔާގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅު މީހުންނާ މުޚާތަބުކުރައްވައި ނައިރޫބީގައި ދެއްވި ޚިތާބެއްގައި މޯދީ ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާ އަދި އިންޑިޔާއަށް ކުރިމަތިވެފައިވާ ހަނަފަސްކަމާއި ތިމާވެށީގެ މައްސަލަތަކާއެކުވެސް އިންޑިޔާގެ އިޤްތިޞާދު 7.6 އިންސައްތާގައި ކުރިޔަށްދާކަމަށެވެ. އަދި އޭނާގެ ސަރުކާރުން މަސައްކަތް ކުރަނީ އިންޑިޔާގެ އިޤްތިޞާދީ ދުވެލި މިއަށްވުރެވެސް މައްޗަށް ޖެއްސުމަށްކަމަށް މޯދީ ވިދާޅުވިއެވެ. އަދި އިންޑިޔާއާއި ކެންޔާއާ ދެމެދު އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މޯދީ ކެންޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކެންޔާގެ ރައީސް އޮހޯރޯ ކެންޔާޓާ އާ ބައްދަލުކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. އޭގެކުރިން މޯދީވަނީ އެފްރިކާގެ 3 ޤައުމެއްކަމަށްވާ މޮޒަންބީކް، ދެކުނުއެފްރިކާ އަދި ޓެންޒެނިޔާއަށް ވަޑައިގެން އެޤައުމުތަކުގެ ރައީސުންނާ ބައްދަލުކުރައްވާފައެވެ.