ދުނިޔެ

ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް ވައިގެ ޙަމަލާތަކެއް ދީފި


އެމެރިކާ އިސްވެ އޮވެގެން އައިއެސް އާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުން އައިއެސް ޖަމާޢަތުގެ އަމާޒުތަކަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

އެކޯލިޝަނުން ބުނީ ޙަމަލާތައް ދިނީ ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަކަށް ކަމަށާ މި ޙަމަލާތަކުގައި އެމެރިކާވެސް ބައިވެރިވެފައިވާ ކަމަށެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން އާދީއްތަ ދުވަހު ނެރުނު ވީޑިޔޯއެއްގައި ސޫރިޔާގެ މަންބަޖު ސަރަހައްދުގެ ކައިރީގައިވާ އައިއެސްގެ އަމާޒުތަކަކަށް ވައިގެ ޙަމަލާތަކެއް ދޭ މަންޒަރު ދައްކާފައިވެއެވެ.

ޕެންޓަގަން އިން ބުނީ އެމެރިކާއާއި ކޯލިޝަންގެ ޤައުމުތަކުގެ ވައިގެ ޙަމަލާތައް ސޫރިޔާގައިވާ އަލްގައިދާގެ ބައެއް މަރުކަޒުތަކަށްވެސް އަމާޒުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިޙަމަލާތަކުން އައިއެސް ޖަމާޢަތަށާއި އަލްގައިދާ ޖަމާޢަތަށް ލިބުނު ގެއްލުންތައް ޕެންޓަގަން އިން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާ އިސްވެ އޮވެގެން އައިއެސް އާ ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުން ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް ތަކުރާރުކޮށް ހަމަލާތައް ދެމުންގެންދާ ދެއަހަރަށްވުރެ ގިނަދުވަސް ވެފައިވީނަމަވެސް އައިއެސް ޖަމާޢަތް ބަލިކުރުމުގައި އެމެރިކާއަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.