ޚަބަރު

އިމިގްރޭޝަން މައްސަލާގައި ދެމީހަކު ފުރުން މަނާކޮށްފި


  • ކުރީގެ ކޮންޓްރޯލަރ ހިމެނޭހެން 4 މުވައްޒަފެއް ހައްޔަރުކުރި

  • ބިދޭސީ ބައެއްގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ނަގާފައިވާކަަމށް ތުހުމަތުކުރޭ

މަގާމުގެ ނުފޫޒުބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ނާޖާއިޒު މަންފާ ހޯދިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މިީހަކު ފުރުން މަނާކޮށްފިއެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ފުރުން މަނާކޮށްފައިވީ ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދުގެ އިތުރުން އެ މުއައްސަސާގެ އިތުރު ތިން މުވައްޒަފަކު ހައްޔަރުކޮށްފައެވެ. ހަތަރު މީހުންވެސް ހައްޔަރުކުރީ ހުކުރު ދުވަހުއެވެ. ޝަމްޢާންގެ ބަންދަށް ވަނީ ފަނަ ދުވަސް ޖަހާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އަދާކުރަމުންދާ ޓާސްކް ފޯރސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ވަނީ ތުހުމަތުކޮށްގައެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ބިދޭސީންތަކެއް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދެ މީހަކު ފުރުން މަނާކޮށްފައިވާއިރު އާއިލީ ކުރީގެ ކޮންޓްރޯލަރ ޝަމްޢާންގެ އާއިލީ ބޭފުޅެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.