ޚަބަރު

މިއަހަރު ގްރޭޑު 1އަށް 5700އަށްވުރެ ގިނަ ދަރިވަރުން


  • ކުއްޖާގެ ކްލާހާއި އިންޑެކްސް ނަންބަރުފަދަ މަޢުލޫމާތު ވަނީ ހިއްސާކޮށްފައި

  • މާލެ ސަރަހައްދުން އެކަނިވެސް 2000އަށްވުރެ ގިނަ ދަރިވަރުން ގްރޭޑް 1އަށް ވެއްދި

މިއަހަރުގެ ދިރާސީ އަހަރަށް ގްރޭޑް 1 އަށް ވަނުމުގެ ފުރުޞަތު 5700އަށްވުރެ ގިނަ ދަރިވަރުންނަށް ދީފިއެވެ.

އޭޕްރީލްމަހު ފަށާ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ތައުލީމީ ވުޒާރާއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވާލިއެވެ. އަދި ގްރޭޑް 1 އަށް ވަނުމުގެ ފުރުޞަތު ދަރިވަރުންނަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވަނީ ނިންމާފައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެހުންނެވި ޢަލީ މުފީދު ވިދާޅުވީ ގްރޭޑް 1އަށް ކުދިން ވެއްދުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 2 މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ އަލަށް ގްރޭޑް އެކަކަށް ވަންނަ ކުދިންނަށްކަމަށާއި ދެވަނަ މަރުހަލާ ކުރިއަށްގެންގޮސްފައިވަނީ އެއްރަށުން އަނެއްރަށަށް ކުދިން ބަދަލުކުރުމަށްކަމަށެވެ.

މުފީދު ވިދާޅުވީ ގްރޭޑް 1އަށް އަލަށް 5700އަށްވުރެ ގިނަ ދަރިވަރުން ވައްދާފައިވާކަމަށެވެ. އަދި މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އެކަނިވެސް 2000އެއްހާ ދަރިވަރުންނަށް ފުރުޞަތު ދީފައިވާކަމަށް މުފީދު ވިދާޅުވިއެވެ. ގްރޭޑް 1އަށް ވަނުމަށް ޖާގަ ދިނުމުގެ ކަންކަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލާފައިވާކަމަށާއި ބައެއް ސްކޫލްތަކުގައި އޮރިއެންޓޭޝަންތައްވެސް ބާއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކުއްޖާގެ ކްލާހާއި އިންޑެކްސް ނަންބަރުފަދަ ހުރިހާ މަޢުލޫމާތުތައް ސްކޫލްތައް މެދުވެރިކޮށް ހިއްސާކޮށްފައިވާނެ. ވަރަށް ގިނަ ސްކޫލްތަކުން ވަނީ އޮރިއެންޓޭޝަން ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައި." ސްކޫލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެހުންނެވި ޢަލީ މުފީދު ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ގިނަ ސްކޫލްތަކަކީ އެލްކޭޖީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލްތައްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ސްކޫލްތަކަށް ވައްދާފައިވާ ދަރިވަރުންނަށްވެސް އޮރިއެންޓޭޝަންތައް ބާއްވާފައިވާކަމަށެވެ.

މުފީދު ވިދާޅުވީ ބައެއް ދަރިވަރުންގެ އުމުރާ ގުޅިގެން ގްރޭޑް 1 ނުވަތަ އެލްކޭޖީގައި ރިޕީޓު ކުރުމަށްވެސް ވަރަށް މަދުންނަމަވެސް އެދިފައިވާކަމަސެވެ. އަދި އެގޮތަށް އެދިފައިވާ ބެލެނިވެރިންނަށްވެސް މިދިޔަމަހުގެ 20 ވަނަ ދުވަހާހަމައަށް ކުރަންޖެހޭ ކަންކަން ނިންމުމަށްފަހު ބެލެނިވެރިންނަށް އަންގާފައިވާކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.