ޚަބަރު

ސީޑްސްގެ ފުރަތަމަ ޕްރޮގުރާމް ރޯދަ މަހަށްފަހު ހުވަދޫގައި


ގުރާސްރޫޓް ލެވެލްގެ ކްރިކެޓް ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމުގެ އަމާޒުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އަލަށް އިފުތިތާހުކޮށްފައިވާ "ސީޑްސް" ގެ ފުރަތަމަ ޕްރޮގުރާމް ރޯދަ މަހަށްފަހު ހުވަދު އަތޮޅުގައި ކުރިއަށްގެންދަން މަސައްކަތްކުރާ ކަމަށް ބުނެފިއެވެ.

ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ސީޑްސް ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް މިހާރު ބައެއް ރަށްތައް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ގދ. ތިނަދޫން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެރަށުގައި ރޯދަމަހަށް ފަހު އެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް ސީބީއެމްގެ ރައީސް ވިދާޅުވިއެވެ.

"މިހާރު ތިނަދޫން ވެސް އެބައޮތް. އެހެންވީމަ ރޯދަމަސް ނިމުނީމަ އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ ކޯޗުން އެކޮޅަށް ފޮނުވާނަން. ސީޑްސްގައި ރަށްތަކާއި ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަހަލަ ރަށްރަށް ބޮޑަށް މި ބަލަނީ" ފައިސަލް ވިދާޅުވިއެވެ.

ދިވެހި ކްރިކެޓް އައު ހަރުފަތަކަށް ގެންދިއުމަށް މިސްރާބު ޖަހާފައިވާއިރު ސީބީއެމް އިން އަންނަނީ ކްރިކެޓް އެކަޑަމީ ތައާރަފްކޮށް އެކަޑަމީގެ ހަރަކާތްތައްވެސް ފެށުމުގެ ތައްޔާރީތައްވެސް ވަމުންނެވެ. މިކަމާއި ގުޅޭ މައުލޫމާތު ޕީއެސްއެމް ސްޕޯޓްސް އާއި ހިއްސާކުރައްވަމުން ފައިސަލް ވިދާޅުވީ ކުރިކެޓް އެކަޑަމީގެ ސެޓަޕްވެސް މިހާރު ވަނީ ނިމިފައި ކަމަށާއި، ރޯދަމަހަށްފަހު ކުދިން އެންރޯލް ކުރުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ. އަދި މާލޭގައި ކުޑަކުދިންނަށް ހާއްސަ ކުރިކެޓް ކާނިވަލެއް ބާއްވާނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

މިއަހަރުގެ ކަލަންޑަރުގައި ރޭވިފައިވާ ހަރަކާތްތަކާއި ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ ދެވަނަ ކުއާޓަރުގައި އިންޓަރ ސްކޫލު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ތާރީހެއް ހަމަޖެއްސުމަށް މިހާރު އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފަވާ ކަމަށެވެ. އަދި ކުލަބު މުބާރާތްތަކުގެ ކުރިން އޮންނާނީ ސްކޫލު ކުދިންގެ ހަރަކާތްތަކާއި ސީޑްސް ޕްރޮގްރާމުގެ ދަށުން ކުރިޔަށްގެންދާ ހަރަކާތްތައް ކަމަށެވެ.

"އަޅުގަނޑުމެންގެ ސީނިއާ ޓީމުގެ އެންގޭޖްމެންޓެއް އެބައޮތް އޭޕްރީލުގައި. ސީނިއާ ޓީމު އެނބުރި އައީމަ ކުލަބު މުބާރާތްތައް ފެއްޓޭނީ. އޭގެ ކުރިން އޮންނާނީ ވައިޑީޕީ އާއި އިންޓަރ ސުކޫލު އިވެންޓުތައް" ކަމަށް ފައިސަލް ވިދާޅުވިއެވެ.

ސީޑްސް ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ކުރިކެޓް ފުޅާކުރުމުގެ މަގްސަދުގައި ސީބީއެމް އިން އިސްނަގައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ބޮޑު ހަރަކާތެކެވެ. ސީޑްސް ޕްރޮގުރާމުގެ ދަށުން މުޅި ރާއްޖޭގައި 5000 ކުރިކެޓަރުން އުފެއްދުމަކީ ސީބީއެމްގެ އަމާޒެވެ.

ކްރިކެޓްގެ ހިންގުން ހަރުދަނާކޮށް ވައިޑީޕީ ޕްރޮގްރާމްތަށް އިތުރުކުރުމާއި، ރާއްޖޭގައި ކްރިކެޓްގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ހިންގުމަކީ ކުރިކެޓް ބޯޑަށް އިންތިހާބުވި އައު ރައީސް މުހަންމަދު ފައިސަލުގެ ވައުދުފުޅެކެވެ.

ކްރިކެޓް ބޯޑުގެ އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން 5000 ކުދިން ކްރިކެޓަށް ނެރުމެވެ. އެގޮތުން ކޮންމެ އަހަރަކު 8 ރަށެއްގައި މި ޕްރޮގްރާމް ކުރިޔަށް ގެންގޮސް އެ ރަށްރަށުން އަހަރަކު 1200 ކުދިން ތަމްރީނު ކުރުމަކީ އަމާޒެކެވެ.

މި އަމާޒަށް ވާސިލުވުމަށް ސީބީއެމްގެ މި އަހަރުގެ ބަޖެޓުގެ 17 ޕަސެންޓް ހާއްސަކޮށްފައި ވަނީވެސް ވައިޑީޕީ އާއި ކުޑަކުދިންގެ މެދުގައި ކުރިކެޓްގެ ހުނަރު ތަރައްޤީކުރުމަށް ހާއްސަ ޕްރޮގްރާމުތަކަށެވެ.