އަބާޔާއަކީ މުސްލިމް އަންހެނުން ނިވާވުމަށް ބޭނުން ކުރާ އެންމެ މަޤުބޫލު އެއް ހެދުމެވެ. މި ހެދުން ލާ މީހުންގެ ޢަދަދު ރަމަޟާން މަހާއި ޢީދާ ދިމާކޮށް އިތުރުވެއެވެ. މި ދުވަސްވަރު މިސްކިތްތަކަށް ޒިޔާރަތް ކުރުމަށާއި ރޯދަ ވިއްލުންތަކުގައި ބައިވެރިވުމަށާއި ޒީނަތްތެރިވުމަށް ގިނަ ޢަދަދެއްގެ މީހުން މި ހެދުން ބޭނުން ކުރެއެވެ. އެހެންކަމުން ޢިއްފަތްތެރިކަމާއި އަންހެނުންގެ ކަރާމާތް ރަމްޒުކޮށްދޭ މި ހެދުން ބާޒާރުތަކަށް ނެރޭ މިންވަރު ވެސް މި ދުވަސްވަރާ ދިމާކޮށް އިތުރުވެއެވެ. ސަގާފީ ހެދުމެއްގެ ގޮތުގައި އޮންނަ އަބާޔާގައި ޒަމާނީ ކުލަވަރު ޖައްސައި ތަފާތު އެކި ޑިޒައިންތަކުގެ އަބާޔާ ބާޒާރުތަކުގައި ލިބެން ހުރެއެވެ.
ޢަރަބި ޤައުމުތަކުގައި އަބާޔާއަށް ތަފާތު ނަންތައް ކިޔައި އުޅެއެވެ. އެ ގޮތުން ޖަލާބާ، ޖަލާބިޔާ، އޮމާނީ އަދި ކަފްތާން ފަދަ ނަންނަން ވެސް އަބާޔާއަށް ކިޔައެވެ. ތަފާތު އެކި ނަންނަމުން ކީ ނަމަވެސް މިއީ ހަމަ އެކައްޗެެކެވެ: އެއީ ހަށިގަނޑުގެ ވަނާތައް ފާޅު ނުވާ ގޮތަށް ގަޔަށް ދޫކޮށް ފަހާފައި ހުންނަ، އާންމުކޮށް ކަޅު ކުލައިގައި ހުންނަ ހެދުމެކެވެ. ޢަރަބި ޤައުމުތަކާއި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އަންހެނުން އާންމު ގޮތެއްގައި ލައި މި ހެދުމަކީ ހޫނުގަދަ މާހައުލުތަކުގައި ވެސް ލައިގެން އުޅޭވޭނެފަދަ ގަޔަށް ފަސޭހަ ހެދުމެކެވެ.
އަބާޔާ އެންމެ ފުރަތަމަ ލާން ފެށީ މީގެ 4000އެއްހާ އަހަރު ކުރިން މެސޮޕޯޓިއަމް ޙަޟާތަތްތަކުގައި ކަމަށް ބުނެވެއެވެ. މިއީ އެއް ބަޔަކު ދެކޭ ގޮތް ނަމަވެސް އަނެއް ބަޔަކު ޤަބޫލު ކުރަނީ އެއީ އިސްލާން ދީނުގައި ހިތްވަރުދޭ ޢިއްފަތްތެރިކަމާއި ހަށިގަނޑު ނިވާކުރުމާއި އަމިއްލަ ނަފްސަށް އިޚްތިރާމް ކުރުމުގެ ތަސައްވުރާ ގުޅިގެން ތަޢާރަފުވި ހެދުމެއް ކަމަށެވެ.
ތާރީޚު ދިރާސާކުރާ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އަބާޔާ އެންމެ ފުރަތަމަ ލާން ފެށީ ސަޢުދީ ޢަރަބިއްޔާގެ ސަހަރާތަކުގައި ދިރިއުޅުނު މަތީ ފަންތީގެ އަންހެނުންނެވެ. މި މީހުން އަބާޔާ ލައި ބޮލާއި މޫނު ނިވާ ކުރަން ސްކާފު ބޭނުން ކުރި ކަމަށް ބެލެވެއެވެ. މި ވައްޓަފާޅި އަވަށްތަކަށް ފޯރައި އެންމެ ފަހުން މި ހެދުން މި ވަނީ ޢަރަބިންގެ ސަޤާފީ އަދި ދީނީ ހެދުމަކަށް ބަދަލުވެފައެވެ. މިއީ ގަލްފުގެ ޤައުމުތަކަށް ނިޞްބަތްވާ އަންހެނުން އެންމެ ގިނައިން ލާ އެއް ހެދުމޭ ވެސް ބުނެވިދާނެއެވެ.
ފަހުގެ އަހަރުތަކުގައި އަބާޔާ ދަނީ ފެޝަންގެ ދުނިޔޭގައި ވެސް ޚާއްސަ މަޤާމެއް ހޯދަމުންނެވެ. ބައިނަލްއަޤްވާމީ ފެޝަން ޝޯވތަކުގައި ވެސް އެކި ޑިޒައިންތަކުގެ އަބާޔާތައް މިހާރު ދަނީ ހިމަނަމުންނެވެ. އަބާޔާގެ އަސްލަކީ ކަޅު ކުލަފަދަ އަނދިރި ކުލަކުލަ ކަމުގައިވި ނަމަވެސް މިހާރު އަލި ކުލަކުލައިގެ އަބާޔާ ވެސް ދަނީ މަގުބޫލުކަން ހޯދަމުންނެވެ. އަބާޔާ ފެހުމަށް ތަފާތު އެކި ވައްތަތުވައްތަރުގެ ފޮއްޗާއި ލޭސް ބޭނުން ކުރެއެވެ. އެ ހެދުންތައް ޖަރީ ކުރަން އެކި ކަހަލަ މިނަޔާއި ވެލިފޮތި ހަރުކުރެއެވެ. އަބާޔާ ފަހާފައި ހުންނަ ބައްޓަމަށް ވެސް ދަނީ ބަދަލު އަންނަމުންނެވެ. ކޮންމެ ޤައުމަކުން ވެސް ތައްޔާރު ކުރާ އަބާޔާތަކުގައި އެ ބައެއްގެ އަމިއްލަވަންތަކަން ދައްކުވައިދޭ ކޮންމެވެސް ސިފައެއް ވެސް ހިމަނައެވެ.
އެކުވެރި ޢަރަބި އިމާރާތްފަދަ ޤައުމުތަކުގައި ގިނައިން ލައި އުޅެނީ އެކިކަހަލަ މާގަނޑުތަކާއި އެހެނިހެން ޖަރީކުރުންތައް ހަރުކޮށްފައި ހުންނަ އަބާޔާއެވެ. އެ ފަދަ އަބާޔާއެއް ތައްޔާރު ކުރުމަށް ކަވި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެކުވެރި ޢަރަބި އިމާރާތާއި ސަޢުދީ ޢަރަބިއްޔާފަދަ މުއްސަނދި ޤައުމުތަކުގައި އަންހެނުން ލާ އަބާޔާއިން އެއީ މުޖުތަމަޢުގައި ކޮން ފެންވަރެއްގެ މީހެއް ކަމާއި މުއްސަނދިކަމާއި ހައިބަތު ދައްކުވައިދެއެވެ.
ދީނީ އަދި ސަގާފީ ހެދުމެއްގެ ގޮތުގައި އަބާޔާ އޮތް އޮތުމަށް މި ދަނީ ބޮޑެތި ބަދަލުތައް އަންނަމުން ކަން ޔަޤީނެވެ. އަބާޔާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާ އެކު އެ ހެދުމަކީ އޭގެ ހަޤީޤީ މަގުސަދު ހާޞިލް ކޮށްދޭ ހެދުމެއްގެ ގޮތުގައި ދެމި އޮންނާނެ ކަމާމެދު ސުވާލު އުފެދެއެވެ.