ޚަބަރު

ސާންތީ: ތަށި ހޯދައިދޭން، ދިވެހިންގެ ހައްގުގައި ދިނީ އަމިއްލަ ގޯލްޑް ކާޑު


މީގެ ހައެއްކަ ދުވަސް ކުރިން އަޅުގަނޑުގެ ފޯނަށް ލިބުނީ މުހައްމަދު ޝިޔާޒް (މޯހަން)ގެ މެސެޖެކެވެ. ލިޔެފައި އޮތީ އޭނާ އާއި އަޅުގަނޑުމެން އަދި ތިޔަ ބޭފުޅުންގެ ވެސް ގާތް ރަހުމަތްތެރިޔާ އަދި ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ)ގެ ވާހަކަ އެކެވެ. އެދުނީ ސާންތީ އަށް ހެޔޮ ބަހެއް ބުނަން ބޭނުންވާނަމަ އެވާހަކަ އޭނާ އަށް ފެނި، ކިޔާލެވެހާ ވަގުތު އޮއްވައި އެކަން ކޮށްދިނުމަށެވެ.

ރަހުމަތްތެރިޔާއާ މެދު މޯހަން މިފަދައިން އެދުނީ މުޅި އުމުރު ފުޓްބޯޅައިގައި ހޭދަކުރި ސާންތީ އަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ވަރަށް ބޮޑަށް ހާލު ދެރަވުމުންނެވެ. ޑޮކްޓަރުންގެ އުއްމީދު ފަނޑުވުމުންނެވެ. މިއަށް ފަހު ކުއްލި ގޮތަކަށް ހެޔޮއެދުމުގެ ޝުއޫރުތަކާއެކު ސޯޝަލް މީޑިއާ ފުރާލީ ސާންތީ އައިސީޔޫއަށް ބަދަލުކުރި ހިސާބުންނެވެ. މާގިނަ ވަގުތެއްނުވެ އޭނާ ވަކިވެދިޔަ ޚަބަރާއެކު މުޅި ފުޓްބޯޅަ އާއިލާ މާޔޫސްކޮށްލީ އެވެ. ތައުޒިޔާގެ މެސެޖްތައް އޮހިގަތީ އެވެ.

ހަގީގަތުގައި ވެސް ސާންތީ އަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދި ކޯޗެކެވެ. ކުޅުންތެރިންގެ ކުރިއެރުމާއި ފުޓްބޯޅައިގެ މުސްތަގްބަލަށް މުޅި ހަޔާތް ހޭދަކޮށްލި ގައުމީ ބަތަލެކެވެ. އޭނާގެ އެންމެ ހާއްސަ އެއް ސިފަ އަކީ ކުޅިވަރުގެ އަގުމާތްވި އުސޫލުތައް ހިފެހެއްޓުމާއި ކުޅުންތެރިންގެ ދިފާއުގައި ބަސް ބުނަން ޖެހޭ ވަގުތު އެކަމަށް ފަސް ނުޖެހުމެވެ.

އަޅުގަނޑުގެ ހަނދާނަށް އަންނަނީ 2007 ވަނަ އަހަރުގެ ލުބުނާން އަތުން ރާއްޖެ ބަލިވި މެޗެވެ. ގަލޮޅު ދަނޑުގައި ގައުމީ ޓީމަށް އަމާޒުކޮށް ފާޑުކިޔާފައިވާ ބެނާތައް ދަމާފައި ހުއްޓެވެ. މެޗު ހިނގަމުންދިޔައިރު ބައެއް މީހުންގެ މަލާމާތާހުރެ ބައެއް ކުޅުންތެރިންނަށް ނުކުޅެވިގެން ބަދަލު ކުރަން ޖެހުނެވެ. އެކަމާހުރެ މެޗަށް ފަހު މީޑިއާގެ ކުރިމައްޗަށް އައިސް ސާންތީ ވާހަކަ ދެއްކި އެވެ. ފާޑުކިއުންތަކުގެ އަމާޒަކީ އޭނާ ކަމަށް ބުންޏެވެ. އެދުނީ އޭނާއާ މެދު ހިތްހަމަނުޖެހުނަސް ކުޅުންތެރިންނާ ޒާތީ ނުވުމަށެވެ.

"އެމީހުން އެ ކުޅެނީ އަހަރުމެންގެ ގައުމީ ޓީމަށް. ހިތްހަމަނުޖެހޭނަމަ ފާޑުކިޔަންޏާ ކިޔަންވީ އަހަރެންނާ ދިމާލަށް. އެކަމަކު ގައުމީ ޓީމަށް ކުޅެން ތިބި ކުޅުންތެރިންނާ ދިމާކޮށް، އެމީހުންގެ ހިތްވަރު އެލުވާލުމަކީ ކޮށްގެންވާނެ ކަމެއްނޫން. މިއަދުގެ ފާޑުކިއުންތަކުގެ އަމާޒަކީ ސީދާ އަހަރެން،" މެޗަށް ފަހު ސާންތީ ބުންޏެވެ.

އޭނާ އަކީ ހަގީގަތުގައި ކުޅުންތެރިންގެ މަދަދުގާރެކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިން ބިނާކުރުމަކީ އޭނާގެ އެންމެ ހާއްސަ އެއް ދާއިރާ އެވެ. މާލޭގައި ދިރިއުޅެން ދަތިވި ކުޅުންތެރިންނަށް އަމިއްލަ ޖީބުން ހޭދަކޮށްގެން، ފުޓްބޯޅައިން އުފާވެރިކަން ހޯދައިދޭން ގަދަ އަޅައި މަސައްކަތް ކުރި އެވެ. ބައެއް ކުޅުންތެރިންނަށް ބޫޓާއި ކުޅޭ ސާމާނު ހޯދައިދިނީ ހުޅުވާލެވިފައިވާ ހިތަކާއެކުގަ އެވެ. ފުޓްބޯޅައިގެ ކަމެއްގައި ބަޔަކު ގޮވާލައިފިނަމަ އަގަކާ ނުލައި ހިދުމަތަށް ނުކުތުމަކީ ވެސް އާދައެކެވެ. އޭނާގެ ހުރިހާ ވެސް އުފަލަކީ ފުޓްބޯޅަ އެވެ. ފުޓްބޯޅައިގެ ކުރިމަގު އޮތް ހުނަރުވެރި ޖީލަކަށް ފަހު ޖީލެއް ބިނާކުރުމެވެ.

މި މަސައްކަތުގައި ސާންތީ ފެނުނީ އެހެން ކޯޗުންނާ ހިލާފަށް އެފްއޭއެމުގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ވަރަށް ބޮޑަށް އިސްކަންދިން ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ އަގުހުރި ގިނަ ވަގުތުތަކެއް ހާއްސަކުރީ ތުއްތު ކުދިން މޮޅު ބަޔަކަށް ހެދުމަށާއި، އެކުދިންނަށް ބުނެދިނުމާއި އެފަދަ ޕްރޮގްރާމަތައް ރާވައި ހިންގައިދިނުމުގަ އެވެ. ފުޓްބޯޅަ އެސޯސިއޭޝަނުން ފެށި ވަރަށް ގިނަ ޔޫތު ޕްރޮގްރާމަތަކުގެ ހަގީގީ މޭސްތިރިއަކީ ވެސް އޭނާ އެވެ.

ފުޓްބޯޅައިގެ އިތުރުން ރާއްޖެ ބައިވެރިވި ބޮޑެތި ކުޅިވަރު މުބާރާތްތަކުގައި ޗެފް ޑިމިޝަނެއްގެ ގޮތުން މަސައްކަތް ކޮށްދިނެވެ. ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ ގައުމީ އިނާމް ހާސިލްކުރި އެވެ. އޭއެފްސީ އޭ ލައިސަންސް ހާސިލްކުރި އެވެ. ކޯޗުން ބިނާ ކުރުމަށް އެ ދާއިރާއިން ކިޔަވައިދޭން އޭއެފްސީގެ ލައިސަންސް ލިބުނު ދެ ދިވެހިން ކުރެ އެކަކަށްވީ ވެސް އޭނާ އެވެ. ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން ކަމާއި ކުޅިވަރުގެ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރި އެވެ. އެފްއޭއެމުގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުން ފުޓްބޯޅައިގެ އޮނިގަނޑަށް ޒަމާނަށް ފެތޭނެ ބަދަލުތައް ގެނެސްދިނެވެ. އޭނާގެ ކުރީގެ ކުލަބު އީގަލްސް އަށް ކޯޗުކޮށްދީ، އެކުލަބަށް ފުރަތަމަ ފަހަރަށް ގައުމީ ތަށި ހޯދައިދިނެވެ. ޔުނައިޓެޑް ވިކްޓަރީ އާއި އަތޮޅުތެރޭގެ އެތައް ޓީމަށް ކޯޗުކޮށްދިނެވެ.

އެކަމަކު ސާންތީގެ ހިދުމަތް އެންމެ ގިނަ ބަޔަކު ފާހަގަ ކުރަނީ ދިވެހި ގައުމީ ޓީމުގަ އެވެ. އިހްތިރާމް ލިބިގަތީ ގައުމީ ޖާޒީގަ އެވެ. ޔޫތު ސްޕޯޓްސް ކުލަބުން 1995 ވަނަ އަހަރު ފެށި ކުޅުންތެރިއެއްގެ ކެރިއަރު އެންމެ ހަތަރު އަހަރުން ނިންމާލީ ކުލަބު އީގަލްސަށް ކަޕް ވިނާސް ކަޕެއް ކުޅެދީފަ އެވެ. އޭގެ ފަހުން ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު ވިކްޓަރ ސްޓެންކްލެސްކޫ ފަހިކޮށްދިން ފުރުސަތެއްގައި ސާންތީ އެފްއޭއެމުން ކޯޗިން ޓީމާ ގުޅުނީ ފުޓްބޯޅަ ކުޅުމަށްވުރެ، ކޯޗުކޮށްދީން މާރަނގަޅު މުސްތަގްބަލެއް ބިނާކުރެވިދާނެ ކަމަށް ގަބޫލުކޮށްގެންނެވެ.

މި މަތިވެރި އުއްމީދުގައި އޭނާ ކުލަ ޖެއްސީ ރަނުންނެވެ. ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން އެންމެ ގިނަ ދުވަހު ކުރި މީހަކީ ސާންތީ އެވެ. އެންމެ ހާއްސަ ކާމިޔާބީ އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. އެ މުބާރަތަށް ރާއްޖެއިން އެކުލަވާލި ޓީމު އޮފިޝަލުންގެ ތެރެއިން ކޯޗު ޖޯސެފް ޔަންކޭގެ އެންމެ ގާތް އަދި އެންމެ ބޮޑު އިތުބާރެއް ލިބުނު މީހަކީ ސާންތީ އެވެ.

ހަގީގަތުގައި ވެސް ފުރަތަމަ ފަހަރަށް ރާއްޖެއަށް ފުޓްބޯޅައިން ތައްޓެއް ހޯދައިދިނުމުގައި ސާންތީގެ ދައުރު ވަރަށް ބޮޑެވެ. ސެމީ ފައިނަލްގައި ލަންކާއާ ދެކޮޅަށް ކުޅެން ރާއްޖޭގެ ޓީމު ކޮލަމްބޯ އަށް ދަތުރުކުރީ ތިބޭނެ ތަނެއް ވެސް ހަމަނުޖެހި އެވެ. ޓީމު ފޭބީ މަޝްހޫރު ގަލަދާރީއަށެވެ. އެތަނުން ރާއްޖޭގެ ޓީމަށް ކޮޓަރި ނުދޭން ބަހަނާ ދައްކަމުން ބުނީ ފަހުން ފައިސާ ލިބޭނެ ކަމުގެ ގެރެންޓީއެއް ނެތްކަމަށެވެ. މިއާއެކު ދިވެހި ޓީމަށް ކޮޓަރި ހަމަޖައްސައިދޭން އެދި ސާންތީ ހޮޓަލުގެ ކައުންޓަރާ ހަވާލުކުރީ ޖެހިލުމެއްނެތި އޭނާގެ ކްރެޑިޓްކާޑެވެ.

ސާންތީ އަކީ މިފަދަ އެތައް ކަމެއްގައި ވަރަށް ކެރޭ މީހެކެވެ. ކާމިޔާބީއާ ހަމައަށް ދިއުމަށް ފަސް ނުޖެހުނު ވަރުގަދަ ޝަހުސިއްތަކެވެ. އޭނާގެ ވަކިވެ ދިއުމަކީ ދިވެހި ފުޓްބޯޅައިގެ އެއް ފިތް ނެތުން ފަދަ ކަމެކެވެ. އޭނާއާއެކު އަޅުގަނޑުމެން ޕީއެސްއެމްގެ ސްޕޯޓްސްގެ ވެސް މުހިންމު ހަނދާންތަކެއްވެ އެވެ. ޓީވީއެމުން ގެނެސްދިން ފޯރި ޕްރޮގްރާމާއި ކިކްއޯފް، ކުޅިވަރުގެ ވިންދާއި، ހާއްސަކޮށް ވޯލްޑްކަޕާއި ޔޫރޯގެ ފަދަ ބޮޑެތި ކަވަރޭޖްތަކުގައި އޭނާގެ އަކީ ފުލް ޓީމުގެ މެމްބަރެކެވެ. ސާފް ޗެމްޕިއަންޝިޕާއި އެތައް މެޗެއްގެ މެޗު އެނަލިސްޓެކެވެ. އަޅުގަނޑުމެން ގާތުގައި މޯހަން އެދުނީ ކުރިން މިރިޕޯޓް ލިޔެދިނުމަށެވެ. އެކަމަކު ފަހުން ނަމަވެސް އަޅުގަނޑުމެންގެ ދުއާ އަކީ ސާންތީގެ ފުރާނަ އަށް އޯގާވަންތަ ﷲ ރަހުމަތްލައްވައި ސުވަރުގެ މިންވަރު ކޮށްދެވުމެވެ. އާމީން.