އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ސެމީ ފައިނަލުމް މުއިވެޔޮ ފްރެންޑްސް އާއި ޕޮލިސް ކުލަބު ޖާގަ ހޯދައިފިއެވެ. މި ދެ ޓީމަށް މުބާރާތުގެ ސެމީގެ ޖާގަ ލިބުނީ މިއަދު ހަވީރު ގްރޫޕް ބީގައި މި ދެ ޓީމު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުންނެވެ.
މި މެޗުގައި ފަރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މުއިވެޔޮ ފްރެންޑްސްއެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ނިޔާޒްއެވެ. އަދި އޭގެ 16 މިނެޓު ފަހުން ޕޮލިސް ކްލަބަށް ނަތީޖާ ހަމަ ހަމަކޮށްދިނީ ކުރިން މުއިވެޔޮ ފްރެންޑްސްއަށް ކުޅުނު ނައުފަލް މުހައްމަދުއެވެ.
މި ނަތީޖާއާއެކު މުއިވެޔޮ ގްރޫޕް ބީގެ އެއްވަނަ ހޯދީ 8 ޕޮއިންޓާއެކުއެވެ. އަދި ޕޮލިސް ކްލަބަށް ގްރޫޕްގެ ދެވަނަ ލިބުނީ 7 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށްވުރެ ކުރި ހޯދައިގެންނެވެ. ދަ ގްރާންޑޭއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ.
މުބާރާތުގެ ގަވައިދު ބުނާގޮތުން ދެ ޓީމް ޕޮއިންޓުގެ ގޮތުން އެއްވަރު ވެއްޖެ ނަމަ ލަނޑުގެ ތަފާތަށް ބަލާނީ ގްރޫޕްގެ އެންމެ ފުލަށް ދާ ޓީމު ކޮޅަށް ޖަހާ ގޯލްތައް ކެންސަލް ކުރުމަށްފަހުއެވެ. ގްރޫޕްގެ ފުލަށް ދިޔަ އީގަލްސް ކޮޅަށް ދަ ގަރާންޑޭއިން ގިނަ ގޯލްތަކެއް ޖެހި ނަމަވެސް، އެ ގޯލްތައް އުނިކުރުމުން ލަނޑުގެ ތަފާތުން ކުރި ލިބުނީ ޕޮލިސް ކުލަބަށެވެ.
މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ގްރޫޕް އޭގެ އެއްވަނަ ޓީމު ވިލިމާލެ ޔުނައިޓެޑް ނުކުންނާނީ ގްރޫޕް ބީގެ ދެވަނަ ޕޮލިސް ކުލަބާއި ދެކޮޅަށެވެ. އަދި އަންގާރަ ދުވަހު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު ދެ ޓީމެވެ. އެއީ ގްރޫޕް އޭގެ ދެވަނައަށް ދިޔަ ހުޅުމާލޭ ވެޓެރަންސް ކުލަބާއި ގްރޫޕް ބީގެ އެއްވަނަ މުއިވެޔޮ ފްރެންޑްސްއެވެ.