ޚަބަރު

ގޮފިން އަތުން އަލްކަރާޒް ބަލިވެއްޖެ


އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި ޑޭވިޑް ގޮފިން އަތުން ކާލޯސް އަލްކަރާޒް ބަލިވެއްޖެއެވެ.

މި މުބާރާތުގައި ދެވަނައަށް ސީޑު ކޮށްފައިވާ އަލްކަރާޒްއާ ދެކޮޅަށް ބެލްޖިއަމްގެ ގޮފިން ކުޅުނު މި މެޗުން އޭނާ މޮޅުވެފައިވަނީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ފަހެއް ހަތެއްގެ ނަތީޖާއަކުން އަލްކަރާޒް ކާމިޔާބުކުރި ނަމަވެސް ފަހު ދެ ސެޓު ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން ގޮފިން ވަނީ ކާމިޔާބުކޮށްފަ އެވެ.

އަލްކަރާޒް ބަލިކޮށް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ގޮފިން ހޯދާފައިވާއިރު, ހަ ފަހަރު މަތިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ސާބިޔާގެ ނޯވަކް ޖޮކޮވިޗް ވަނީ އޮސްޓްރޭލިއާގެ ރިންކީ ހިޖިކާޓާ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ސުމެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.

މިއީ 2019 ވަނަ އަހަރަށްފަހު މަޔާމީ އޯޕަން ގައި ޖޮކޮވިޗް ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތުގައި ހަތަރުވަނައަށް ސީޑު ކޮށްފައިވާ ޖޮކޮވިޗް މި މެޗުން މޮޅުވިއިރު މިއީ އޭޓީޕީ މާސްޓަރސް 1000 ގައި އޭނާ މޮޅުވި 410 ވަނަ މެޗެވެ. މި މޮޅާއެކު ސްޕެއިންގެ ރަފައެލް ނަޑާލްގެ ރެކޯޑާއި ޖޮކޮވިޗް ވަނީ އެއްވަރުވެފަ އެވެ.

މި މުބާރާތުގައި މިއަދު ރަޝިޔާގެ ޑޭނީލް މެދެވެދޭވް އާއި ދެކޮޅަށް ސްޕެއިންގެ ޖޯމް މުނާ ކުޅުނު މެޗު ހައެއް ދޭއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން ޑެނީލް ވަނީ ބަލިވެފަ އެވެ. ޑެނީލް އަކީ 2023 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ.