ޚަބަރު

އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓުގައި ބަސް ޑްރައިވަރަކަށް ޙަމަލާ ދިނުމުން، ޚިދުމަތްތައް މެދުކަނޑާލައި މުޒާހަރާ ކުރަނީ


އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓުގައި ބައެއް ޚިދުމަތްތައް މެދުކަނޑާލައި “ކަރްނާޓަކާ ބަންދު”ގެ ނަމުގައި 12 ގަޑިއިރުގެ ހަޅުތާލެއް ކުރަން ފަށައިފިއެވެ.

ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅޭ ބެންގަލޫރު ސިޓީ ހިމެނޭ ކަރްނާޓަކާ ސްޓޭޓުގައި މި ހަޅުތާލު ކުރަމުން ދަނީ ކަރްނާޓަކާ ސްޓޭޓް ރޯޑް ޓްރާންސްޕޯޓު ކޯޕަރޭޝަނަށް ނިސްބަތްވާ ބަސް ކޮންޑަކްޓަރަކަށް މިދިޔަ މަހުގެ ތެރޭގައި ދިން ހަމަލާއަކާ މެދު ނުރުހުން ފާޅުކުރުމަށެވެ. އޭނާއަށް ހަމަލާދިނީ އިންޑިޔާގެ މަހާރަޝްތާ ސްޓޭޓުގައި ގިނަ ބަޔަކު ވާހަކަދައްކާ މަރާތީ ބަހުން މުޢާމަލާތު ކުރަން ނޭނގުމުންނެވެ.
ކަންނަޑާ ބަހުގެ ދިފާއުގައި އެ ހަޅުތާލު ރޭވީ ކަންނަޑާ ބަސް ކުރިއެރުވުމަށް މަސައްކަތް ކުރާ ބައެއް ޖަމުޢިއްޔާތަކުންނެވެ. ކަންނަޑާ ބަހަކީ ބެންގަލޫރު ސްޓޭޓްގެ ގިނަ ބަޔަކު ވާހަކަދައްކަ ބަހެކެވެ.

ކަރްނާޓަކާ ސްޓޭޓުގައި ކުރަމުންދާ ހަޅުތާލުގެ ދަށުން ހެނދުނު 6ން އިރު އޮއްސި 6އަށް ގިނަ ޚިދުމަތްތަކެއް ވަނީ މެދުކަނޑާލައިފައެވެ. އެ ގޮތުން މަހާރަޝްތާއިން ކަރްނާޓަކާއަށް ދަތުރު ކުރާ ބަސްތައް ދަނީ ކަރްނާޓަކާގެ ސަރަޙައްދުތަކުން އަނބުރާ ފޮނުވައިލަމުންނެވެ. އޯލާއާއި އޫބާ ހިމެނޭ ގޮތަށް ޓެކްސީގެ ޚިދުމަތްތައް ދޭ އެޕްތަކުން ވެސް ޚިދުމަތް ނުދޭނެ ކަމަށް ވަނީ ބުނެފައެވެ. އޭގެ އިތުރުން ދަތުރުފަތުރަށް އިންޑިޔާގައި ޢާންމު ކޮށް ބޭނުން ކުރާ ގިނަ އޮޓޯތަކުން ވެސް ދަތުރުތައް ނުކޮށްދެއެވެ. ބައެއް ސަރަޙައްދުތަކުގައި ހުންނަ މޯލްތަކާއި ބާޒާރުތަކާއި ފިހާރަތައް ވެސް ނުހުޅުވައެވެ. ނަމަވެސް މެޓްރޯގެ ޚިދުމަތްތައް މެދުނުކެނޑި ދެމުން ދާނެ ކަމަށް އިދާރާތަކުން ބުނެއެވެ. އޭގެ އިތުރުން ހަސްފަތާލުތަކާއި ފާމަސީތައް ވެސް ހުޅުވާފައި ހުންނާނެއެވެ. މަދަރުސާތަކާއި ކޮލެޖުތައް ވެސް ބަންދެއް ނުވާނެއެވެ. ކަރްނާޓަކާ ސްޓޭޓުގެ ސަރުކާރުން މި ޙަރަކާތައް ތާއީދު ނުކުރާތީ ސަރުކާރުގެ އިދާރާތައް ވެސް ބަންދު ކޮށްފައެއް ނުވެއެވެ.

ކަރްނާޓަކާގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ މުޒާހަރާތައް ވެސް ހަޅުތާލުގެ ވަގުތު ކުރިއަށް ދާއިރު ސަލާމަތީ ބާރުތަކުން ވަނީ މަގުތަކުގައި ޙަރަކާތްވާ ފުލުހުންގެ ޢަދަދު އިތުރު ކޮށްފައެވެ. ނުރުހުން ފާޅު ކުރުމުގެ މި ޙަރަކާތް ރާވާފައި ވަނީ އިންޑިޔާގެ ގުރޭޑު 10ގައި ކިޔަވާ އެތައް ހާސް ދަރިވަރުންނެއް މުހިންމު އިމްތިޚާނެއް ހަދާ ދުވަހެއްގައި ކަމަށް ވާތީ ދަރިވަރުން އިމްތިޚާނަށް ދިޔުމުގައި ދިމާވެދާނެ ދަތިތަކާ މެދު ސަރުކާރުން ވަނީ ކަންބޮޑުވުންތައް ފާޅު ކޮށްފައެވެ. އެ ޙަރަކާތް އިންތިޒާމު ކުރި ޖަމުޢިއްޔާތަކުން ސަރުކާރާ މަޝްވަރާ ކުރުމަށް ފަހު އެ ޙަރަކާތް ހިންގި ނަމަ އެ ފަދަ ދަތިތައް ކުރިމަތި ނުވީސް ކަމަށް ސަރުކާރުން ބުނެއެވެ.