އިނގިރޭސި އެފްއޭ ކަޕުގައި ބޯންމަތާ ދެކޮޅަށް ވުލްވްސް ކުޅުނު މެޗުގައި ފޯވާޑް މެތިއުސް ކޫނިއާއަށް ދެއްކި ރަތް ކާޑާއެކު ހިނގާފައިވާ ކަންތައްތަކާ ގުޅިގެން އޭނާގެ އަދަބު އިނގިރޭސި އެފްއޭއިން އިތުރުކޮށްފިއެވެ.
ބޯންމަތު އަތުން ވުލްވްސް ބަލިވި މެޗުގެ ފަހު ވަގުތުގައި ރެފުރީ ވަނީ ކޫނިއާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
އުމުރުން 25 އަހަރުގެ ކޫނިއާ އަށް ރަތް ކާޑު ދެއްކި ފަހުން އޭނާ ވަނީ ބޯންމަތުގެ ޑިފެންޑަރު ހަނގޭރީގެ މިލޮސް ކާކޭޒް އަށް ހަމަލާދީފަ އެވެ. އަދި މި މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާއަށް އޮޓަމެޓިކުން ތިން މެޗުގެ ސަސްޕެންޝަނެއް އައިސްފައިވާއިރު މި މައްސަލަ އިތުރަށް ބެލުމަށްފަހު އެފްއޭ އިން ވަނީ އޭނާ އިތުރު އެއް މެޗަށް ސަސްޕެންޑްކޮށް 50 ހާސް ޕައުންޑު އިން ޖުރިމަނާކޮށްފަ އެވެ.
ކޫނިއާ އަށް ދިން މި އަދަބާއެކު އޭނާ ހަތަރު މެޗަށް ވަނީ ސަސްޕެންޑް ވެފަ އެވެ. އަދި އެންމެ އަވަށްވެސް އޭނާއަށް ދެން މެޗެއް ކުޅެވޭނީ އަންނަ އެޕްރިލް މަހުގެ 13 ވަނަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅޭ މެޗުގަ އެވެ.
އިޕްސްވިޗް އާއި ދެކޮޅަށް މިދިޔަ ޖެނުއަރީ މަހު ވުލްވްސް ކުޅުނު މެޗުގައިވެސް ކޫނިއާ އާއި އިޕްސްވިޗްގެ ސެކިއުރިޓީ އޮފިސަރަކާއި ދެމެދު ހިނގާފައިވާ ކަންތައްތަކާއި ގުޅިގެން އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.
ކޫނިއާ ވަނީ މި ސީޒަނުގައި ވުލްވްސް އަށް 15 ގޯލު ޖަހައިދީފަ އެވެ.