ޚަބަރު

ޣައްޒާ ޢުދުވާނަށް ބޮޑެތި ގޮންޖެހުންތަކެއް، ޢާންމުންގެ ތާޢީދު ފަނޑުވުމާއި ރިޒަރވް ސިފައިން ދެކޮޅު ހެދުން


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤައުލުޢާންމު އަލުން ފަށާފައި ވަނީ މާރިޗު 18ވަނަ ދުވަހުއެވެ. ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށެވެ. ޢުދުވާން އަލުން ފެށުމުގެ ގޮތުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 600އާ ގާތެވެ. މިއީ ފެށުން ކަމުގައި އަނިޔާވެރި ނަތަންޔާހޫ ބުނެފައިވީ ނަމަވެސް، ޢުދުވާން ހިންގުމަށް އޭނާއަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރާ އެކު އެއްގަމު މަގުން ޣައްޒާއަށް އަރައި، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޤަތުލުޢާންމު ހިންގުން ފުޅާ ކުރުމަށް ނަތަންޔާހޫ ބޭނުންވި ނަމަވެސް، އެ ކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގައެވެ. އެންމެ ބޮޑެތި ހުރަސްތަކުގެ ތެރޭގައި، ޙަމާސާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޔަހޫދީ ޢާންމުންގެ ތާޢީދު ފަނޑުވުން ހިމެނެއެވެ. އަދި، ޙަމާސާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގައި ބައިވެރިވުމަށް ޔަހޫދީ ފައުޖުގެ ރިޒަރވް ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އިންކާރު ކުރުން ހިމެނެއެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުގެ ލާއިންސާނީ ޖަރީމާ ފެށުމާ އެކު، ޔަހޫދީ އަސްކަރިއްޔާގެ ރިޒަރވް ސިފައިންގެ ތެރޭގައި ހިމެނޭ މީހުން ވަނީ ހިތުން ރުހުމުން އެ ކަމަށް ކުރިމަތިލާފައެވެ. އަދި، ފަލަސްޠީނުގެ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ ލޭއޮޮހޮރުވައިލުމަށް ތެދުވެފައެވެ. ނަމަވެސް، ޔަހޫދީ ފައުޖުގައި ކުރިން މަސައްކަތް ކޮށްފައިވާ އޮފިސަރުންނާއި، މިހާރުގެ އޮފިސަރުންގެ އިތުރުން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، 15 މަހަށް ދެމިގެންދިޔަ ޢުދުވާނާ އެކު ޔަހޫދީ ފައުޖުގެ ރިޒަރވް ސިފައިންގެ ބޮޑު އިންސައްތައެއް ވަރުބަލިވެފައިވާ ކަމުގައެވެ.

ރިޒަރވް ސިފައިންގެ ގިނަ ބަޔަކު ޣައްޒާ ޢުދުވާނާ ދެކޮޅު

ޔަހޫދީ ފައުޖުގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ކޮންމެ ރައްޔިތަކަށް ޤާނޫނީ ގޮތުން ލާޒިމު ކޮށްފައިވާ ކަމެކެވެ. ނަމަވެސް، އަސްކަރީ ބޮޑެތި އޮޕަރޭޝަންތަކާއި، ފަލަސްޠީިނުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގާ ޤަތުލުޢާންމުތައް ހިންގުމަށް ޔަހޫދީ އަސްކަރިއްޔާއަށް ރިޒަރވް ސިފައިންގެ ބޭނުން ހިފުމަށް މަޖުބޫރުވެއެވެ. ރޮއިޓަރސްއަށް މަޢުލޫމާތު ދިން ހަ ރިޒަރވް ސިފައިންނާއި އެ މީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާއަކުން ބުނީ، ޙަމާސާ ދެކޮޅަށް ކަމަށް ބުނެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވުމަށް ރިޒަރވް ސިފައިންގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ބަޔަކު މިހާރު ބޭނުން ނުވާ ކަމުގައެވެ.

މީގެ އިތުރުން، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޢުދުވާންތައް އަލުން ފެށުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ޢާންމު ރައްޔިތުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ދެކޮޅު ކަމެކެވެ. އެއް ސަބަބަކީ، އަނިޔާވެރި ނަތަންޔާހޫގެ އަމުރަށް ޣައްޒާ ޢުދުވާން އަލުން ފެށުމާ އެކު، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމެވެ. މިއީ، އޭނާ ގަސްދުގައި ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރާ ޔަހޫދީ ޢާންމުން މަދެއް ނޫނެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޣައްޒާ ޢުދުވާން އަލުން ފެށުމަށް ހައްދުފަހަނަ އެޅި ނަތަންުޔާހޫ އަމުރު ކޮށްފައި ވަނީ އޭނާގެ ސަރުކާރު ދިފާޢުކޮށް، ވެރިކަމުގައި އޭނާގެ ވަކިތައް ދެމެހެއްޓުމަށް ކަމުގައެވެ. އޭނާގެ ސަރުކާރަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކުގެ ތެރޭގައި، ޣައްޒާ ޢުދުވާނާ ދެކޮޅަށް އަޑުއުފުލުމަށް ވެރިރަށް ތެލް އަވީވާއި ޤުދުސްގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހިމެނެއެވެ. އެ މުޒާހަރާތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އަދި، އޭނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ.

ކޮރަޕްޝަންގެ ތުހުމަތާއި ސަރުކާރު ވެއްޓުމުގެ ބިރު

އަނެެއް ގޮންޖެހުމަކީ، އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެވެ. ޣައްޒާ ޢުދުވާން ފެށުމަށް ނަތަންޔާހޫ އަމުރު ކޮށްފައި ވަނީ، އޭނާގެ މައްޗަށް ހިންގަމުންދާ ކޮރަޕްޝަނާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައި އޮތް ދުވަހު، އެ އަޑުއެހުން ފެށުމުގެ ގަޑިއިރުތަކެއް ކުރިންނެވެ. ނަަތަންޔާހޫގެ އަމުރަށް ޣައްޒާއަށް ބޮންއަޅަން ފެށުމާ އެކު، ޤައުމީ ސަލާމަތަށް ޓަކައި އޮޮޕަރޭޝަނެއް ހިންގަމުންދާ ކަމުގެ ނަމުގައި ނަތަންޔާހޫއާ ދެކޮޅަށް ފެށުމަށް ހަމަޖެހިފައި އޮތް އަޑުއެހުން ފަސް ކުރަން މަޖުބޫރުވިއެވެ.

މީގެ އިތުރުން، އޭނާގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި، އޭނާގެ އަރިސް މީހުން ހިންގާ ކޮރަޕްޝަންގެ މައްސަލަތަކެއް، އިސްރާއީލުގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާ، ޝަބާކުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން ނަތަންޔާހޫ ވަނީ ޝަބާކުގެ ވެރިޔާ ކަމުގެ މަޤާމުން ވޮނަން ބާ ދުރުކޮށްފައެވެ. އެ ކަމާ ދެކޮޅަށް ވެސް ތެލް އަވީވާއި ޤުދުސްގައި އެތަކެއް ސަތޭކަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.

ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން ބުނީ، އޭނާގެ އަމަލުތަކާ އެކު ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ބެލެވޭ 59 އަސީރުން މިނިވަން ކުރުމަށް ހުރަސް އެޅިފައިވާ ކަމުގައެވެ. އަދި، ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ދެމުންދާ ޙަމަލާތަކާ އެކު، އަސީރުންގެ ފުރާނައަށް ވެސް ނުރައްކާ ވަމުންދާ ކަމުގައެވެ. މިއީ، ގަސްދުގައި އެ މީހުން މަރައިލުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރާ މީހުން ވެސް މަދެއް ނޫނެވެ. މި ކަންކަމާ ދެކޮޅަށް އަޑު އުފުލަމުންދާ މީހުން ހުއްޓުވުމަށް ޔަހޫދީ ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި، މުޒާހަރާ ރާވައި ހިންގަމުންދާ މީހުން ހައްޔަރު ކުރަމުންނެވެ.

ޔަހޫދީ ޢާންމުން ބޭނުން ވަނީ ޙަމާސާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް

އިސްރާއީލުގައި އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބައިވެރިވި ގިނަ މީހުން ބުނީ، ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ހިންގަމުންދާ ޤަތުލުޢާންމު ކުރިއަށް ގެންދިޔުމާ އެ މީހުން ދެކޮޅު ކަމުގައެވެ. އަދި، ބޭނުން ވަނީ، ޙަމާސާ އެކު ސުލްޙައިގެ މަޝްވަރާތައް ބާއްވައި، އެއްބަސްވުމެއް އެކުލަވައިލުން ކަމުގައެވެ. އެ މީހުންގެ އެދުމަކީ، ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުން ހުރިހާ އަސީރުން މިނިވަންކޮށް، ޢާއިލާތަކާ ޙަވާލު ކުރުމުގެ ފުރުޞަތު ފަހި ކޮށްދިނުމެވެ. އަދި އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި އަނިޔާ ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކުރުމެވެ.

އިސްރާއީލުގެ ދިފާޢީ ވުޒާރާގެ މަޞްދަރުތަކުން ބުނީ، ޙަމާސާ އެކު މަޝްވަރާ ކުރުމުގެ ފުރުޞަތު އަދިވެސް އޮތް ކަމުގައެވެ. ނަމަވެސް، އެހެން މަޞްދަރުތަކުން ބުނީ، ޣައްޒާ އޮޮޕަރޭޝަން ފުޅާކޮށް، އިތުރު ސިފައިންނާއި ބަރުހަތިޔާރު ފޮނުވައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށް ނެތިކޮށްލުމަށް ޖައްބާރު ނަތަންޔާހޫ އަމުރު ކޮށްފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން ޣައްޒާއަށް ވަދެ، ޤަތުލުޢާންމު ހިންގުން ފުޅާ ކުރުމަށް ތައްޔާރުވަމުންނެވެ. އަދި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ އެ ކަމަށް ހިތްވަރު ދެއްވައި، އެ ކަމަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.