ޚަބަރު

ޑެންމާކުން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައިފި


ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޑެންމާކުން ކާމިޔާބުކޮށްފިއެވެ.

ޑެންމާކްގެ ކޯޕަންހޭގަންގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާ ޕޯޗުގަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

އެގޮތުން މި މެޗުގައި ޑެންމާކަށް ލީޑު ނަގަން ލިބުނު އެންމެ ރަގަޅު ފުރުސަތަކީ މެޗުގެ 24 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އެވެ. ނަމަވެސް ކްރިސްޓިއަން އެރިކްސަން ފޮނުވާލި ޕެނަލްޓީ ޕޯޗުގަލްގެ ކީޕަރު ޑިއޮގޯ ކޮސްޓާ ވަނީ ދިފާއުކޮށްފަ އެވެ. މި ޕެނަލްޓީ އަކީ އެރިކްސަން ފޮނުވާލި ބޯޅައެއް ޕޯޗުގަލްގެ ރެނާޓޯ ވެއިގާގެ އަތުގައި ޖެހުމާއި ގުޅިގެން ރެފްރީ ދީފައިވާ ޕެނަލްޓީ އެކެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނިޓުގައި ޑެންމާކަށް ކާމިޔާބުކޮށްދީފައިވަނީ ރަސްމުސް ހޮއިލަންޑް އެވެ.

މިއީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ ހޮއިލަންޑް ލަނޑެއް ނުޖަހާތާ 21 މެޗަށްފަހު މިދިޔަ ހަފްތާގައި ލެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑަށްފަހު އޭނާގެ ފަރާތުން ފެނިގެންދިޔަ ފުރަތަމަ ލަނޑެވެ.

މި މެޗުގައި ލީޑު ފުޅާ ކުރުމަށް ޑެންމާކަށް ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެރިކްސަން ފޮނުވާލި ހަމަލާ ގޯލަށް ވަނުމުގެ ކުރިން އޭނާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ ޑިއޮގޯ ޑަލޮޓް ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.