ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގެ ފައިނަލަށް ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.
މިއަދު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގައި ޚާރިޖީ ޓީމާއި ވާދަކޮށް ކަސްޓަމްސްއިން މެޗު ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ.
މެޗުގެ ގުރުދިމާވުމުން ހާރިޖީ ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ވަނީ 4 ކުޅުންތެރިން ނުބައިވެގެން 106 ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 34 ލަނޑު ހެދި ވިނޯތެވެ.
ޖަވާބުގައި ކަސްޓަމްސް ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 107 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 11 ބޯޅައިން 29 ލަނޑު ހެދި އަހުސަން ވަހީދެވެ.
މުބާރާތު ދެވަނަ ސެމީފައިނަލު މެޗުން މިރާ އާއި ވާދަކޮށް ޑީއެސްސީ މޮޅިވީ 5 ވިކެޓުންނެވެ. މެޗުގައި ގުރުދިމާވުން މީރާ ޓީމުން ކުޅުން އަރާ 8 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. މީރާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 17 ބޯޅައިން 23 ލަނޑު ހެދި އިބްރާހިމް އާފާގުއެވެ.
ޖަވާބުގައި ސިފައިންގެ ޓީމުން ވަނީ ކުޅެންއަރާ 6 ވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން 88 ލަނޑުހަދާ މެޗު ކާމިޔާބުކޮއްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 33 ލަނޑު ހެދި މުހައްމަދު ޝަރީފެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި މި ފަހަރުވެސް ތިން މުބާރާތެއް ހިމެނެއެވެ. އެގޮތުން ސަރުކާރު އޮފީސްތަކަށް ހުޅުވާލެވިގެން ބާއްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، މީގެ ކުރިން ވަނީ ދިވެހީންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން ޓޭޕްބޯލް މުބާރާތުގެ ކުޅުން ނިމިފައެވެ. އަދި ކާނިވަލުގެ ފަހު މުބާރާތަކީ ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. އޮފީސް ޓެޕްބޯލް މުބާރާތުގައި މި ފަހަރު ހަ ޓީމެއް ބައިވެރިވިއެވެ.