ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ،ރަސްމީ ބަންދު ދުވަސްތަކެއްކަމުގައި ބަލައިގެން، މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތް ދޭންޖެހޭގޮތަށް ދައުލަތުގެ ޕޭ ފްރޭމްވަރކް އިޞްލާޙުކޮށް އަމަލުކުރަން ފަށައިފިއެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ގެނައި އީބްލާހު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ގެންނަވާފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ ޢިނާޔަތް ދޭންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތް ދޭންވާނެކަމަށް އައު އިޞްލާހުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު ރަމަޟާން މަހުގެ މި ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރަންވާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށްކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށްކަމުގައިވެސް އިޞްލާހުގައިވެއެވެ.
މިގޮތަށް ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮންނަ 10 އިންސައްތައިގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެކަމުގައި ބަޔާންކޮށްފައިވެއެވެ.
މަޤާމަށް ކަނޑައަޅައިފައިވާ މުސާރައާއި ޢިނާޔަތްތަކުގެ މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވިކަމުގައިވިޔަސް ހާޒިރީ ޢިނާޔަތް ދޭންވާނެކަމުގައި ކަނޑައަޅާފައިވެއެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ގެނައި މި އިޞްލާޙަށް މިހާރު ވަނީ ޢމަލުކުރަން ފަށާފައެވެ.