ޚަބަރު

ޓިކްޓޮކުގައި ފިޔަޖަހަމުންދާ ޢަރަބި ކެއްކުންތެރިންނަކީ މިއީ!


ޓިކްޓޮކަކީ އެ އެޕްލިކޭޝަން މެދުވެރިކޮށް އެތައް ބައެއްގެ ހުނަރު މުޅި ދުނިޔެއަށް ދައްކައިދެމުންދާ އެޕެކެވެ. ޓިކްޓޮކު ވީޑިޔޯތައް މެދުވެރިކޮށް އެހެން މީހުންނަށް ވެސް ހުނަރުތައް ދަސްކޮށްދެއެވެ. އެ ގޮތުން ޓިކްޓޮކުގައި ޙަރަކާތްތެރިވާ ކެއްކުުންތެރިންގެ ޢަދަދު ވެސް މަދެއް ނޫނެވެ. މި ރަމަޟާން މަހު ތަފާތު ރެސިޕީތައް ތައްޔާރު ކުރުމަށް އެހީތެރިކަން ހޯދުމަށް މި ޢަރަބި ކެއްކުންތެރިން ‘ފޮލޯވ’ ކޮށްލަން ރަނގަޅުވާނެއެވެ.

ދަ ގޯލްޑެން ބެލެންސް

އަޙްމަދު އަލްޒަހަބީ، ނުވަތަ ޓިކްޓޯކުގައި މަޝްހޫރު ނަމުން ނަމަ ދަ ގޯލްޑެން ބެލެންސަކީ މެދުއިރުމަތީގައި ޢާންމުކޮށް ތައްޔާރު ކުރާ ކެއުންތައް ތައްޔާރު ކުރާނެ ފަސޭހަ ގޮތްތައް ކިޔައިދޭ ކެއްކުންތެރިއެކެވެ. އޭނާގެ ރެސިޕީތައް ތައްޔާރު ކުރަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ކަމުދާނެފަދަ ރަހަތައް އޭގައި ހިމެނޭހެންނެވެ. އޭނާ ހަދާ ވީޑިޔޯތަކުގައި ކައްކާ ވަގުތު އޭނާގެ އަމިއްލަ ވާހަކަތައް ކިޔައިދީ ވަރަށް ފޯރީގައި ކައްކާތީ ގިނަ ބަޔަކު އޭނަގެ ވީޑިޔޯތައް ބެލުމަށް ޝައުޤުވެރިވެއެވެ.

އަބީރު އަލް-ސާޣިރު

އަބީރަކީ ލުބުނާނުގެ ކެއުންތައް ތައްޔާރުކުރާ ގޮތް ޓިކްޓޮކަށް ދޫކޮށްލާ މޮޅު ކެއްކުންތެރިއެކެވެ. ޒަމާނުއްސުރެ ލުބުނާނުގައި ތައްޔާރު ކުރާ ކެއުންތައް އޭނާ ތައްޔާރުކޮށްލާފައި ހުންނަނީ އެ ފެންނަ ކޮންމެ މީހަކު ވެސް ކުޅުދިޔާވާހާ ހިތްގައިމު ގޮތަކަށެވެ. އަބީރުގެ ޓިކްޓޮކު ވީޑިޔޯތަކުން ދައްކުވައިދެނީ ތަފާތު ރަހަތަކާއި ކެއްކުމުގައި ބޭނުން ކުރާ މޮޅެތި އުކުޅުތަކެވެ.

އިމާދު ކުކިންގ

ޢިމާދަކީ އެކި ކަހަލަ އަދި އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ކެއުންތަކުގެ ރެސިޕީ އެއްކޮށްލައިގެން ތަފާތު އައު ރެސިޕީތައް އުފެއްދުމަށް ވަރަށް ގަޔާވާ ކެއްކުންތެރިއެވެ. މި ގޮތުން އިމާދު ޢާންމުކޮށް ތައްޔާރު ކުރަނީ މެދުއިރުމަތީގެ ކެއުންތަކާއި އޭޝިޔާއަށް ނިސްބަތްވާ ކެއުންތައް އެއްކޮށްގެން އުފައްދާ ރެސިޕީތަކެވެ. ޒަމާނުއްސުރެ ވެސް ތައްޔާރު ކުރާ އަދި އެ ކެއުންތަކަށް މީހުން އަބަދު ވެސް ކައި އުޅޭ މީރު ކެއުންތައް ތައްޔާރު ކުރާނެ ގޮތް ވެސް އޭނާ ހުށަހަޅައިދެނީ ކޮންމެވެސް ތަފާތު ކަމެއް އެ ތައްޔާރު ކުރުމުގައި ހިމަނާލައި އަދި އެ ކެއުން އިތުރަށް މީރުވާނެ ފަދަ ގޮތަކަށް ރަހަތައް ބަދަލު ކޮށްލައިފައެވެ.

ހިޝާމް ބީޝެން

ހިޝާމް ބީޝެކެނީ ސަޢުދީ ޢަރަބިއްޔާއަށް ނިސްބަތްވާ ކެއްކުންތެރިއެކެވެ. އޭނާގެ ވީޑިޔޯތަކުން ދައްކުވައިދެނީ ކެއްކުމުގައި ބޭނުން ކުރާ މޮޅެތި އުކުޅުތަކާއި ސަޤާފަތްތަކެވެ. މެދުއިރުމައްޗަށް ނިސްބަތްވާ ކެއުންތަކުގެ ރެސިޕީ ގެނެސްދޭ ހިޝާމް ރެސިޕީތައް ތައްޔާރު ކުރަނީ ޒަމާނުއްސުރެ އެ ކެއުންތައް ތައްޔާރުކުރާ ގޮތަށް، ހަމަ އެ ރަހަތައް ނިކުންނާނެ ގޮތަށެވެ.

އަކްރަމް ކުކްސް

ޓިކްޓޮކުގައި އަކްރަމް ކުރާ މަސައްކަތަކީ ޔަމަނުގެ ކެއުންތަކުގެ ރެސިޕީތައް ގެއްލި ދިޔަ ނުދީ ޓިކްޓޮކުގައި އެ ރެސިޕީތައް ރައްކާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިޔަން މީހުންނަށް އެ ރެސިޕީތައް ފޯރުކޮށްދިނުމެވެ، އޭނާގެ ވީޑިޔޯތަކުގައި ކައްކާނެ ގޮތް ބުނެދިމުނުގެ އިތުރުން ކެއްކުމުގައި ބޭނުން ކުރެވިދާނެ އުކުޅުތައް ކިޔައިދީ އެ ކެއުންތައް ސަގާފަތާ ގުޅިފައިވާ ގޮތް ވެސް ބުނެދެއެވެ.

މަރިޔަމް ދާއޫދު

މަރިޔަމް ދާއޫދަކީ ޕާކިސްތާނުގެ ކެއުންތައް ތައްޔާރު ކުރާނެ ގޮތް ކިޔައިދޭ ކެއްކުންތެރިއެކެވެ. ކޮންމެ ރެސިޕީއެއް ތައްޔާރު ކުރާނެ ގޮތް އޭނާ ކިޔައިދެނީ އެ ކެއުން ތައްޔާރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ތަރުތީބުން ބުނެދެމުންނެވެ. ސަގާފީ ކެއުންތައް ޒަމާނީ ކޮށްލެވިދާނެ ގޮތްތައް ވެސް އޭނާ ބުނެދެއެވެ. ވީޑިޔޯތަކުގައި އޭނާގެ އަމިއްލަ ޚަޔާތާބެހޭ ވާހަކަތައް ވެސް އޭނާ ކިޔައިދެއެވެ.