ދެ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކުން ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. މިދިޔަ އަހަރުގެ ރިޕޯޓްތައް ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މި މަހުގެ އެއްވަނަ ދުވަހާ ހަމައަށެވެ.
ރާއްޖޭގައި 9 ސިޔާސީ ޕާޓީއެއް ހިންގަމުން އަންނައިރު 2024ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވަނީ 7 ޕާޓީއަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެއީ ޕީއެންސީ އާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއެންޕީ އާއި އެމްޑީއޭގެ އިތުރުން ދަ ޑިމޮކްރެޓްސްއެވެ.
އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް އަހަރީ ރިޕޯޓް ހުށަނާޅަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފް އާއި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީންނެވެ.
މިއީ އިލެކްޝަންސް ކޮމިޝަނުން އަހަރީ ރިޕޯޓުތައް އާންމުކުރި ޕާޓީތަކުގެ ތަފްސީލް ހާމަކުރި ފުރަތަމަ ފަހަރެވެ. މި ތަފްސީލުތައް އާންމުކުރަން އެކޮމިޝަނުން ނިންމީ ޕާޓީތައް މޮނިޓަރ ކުރުން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަބްދުއްރަހުމާން ސަލާހު ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަނާޅާ ދެ ޕާޓީއާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެ ދެ ޕާޓީއަށް އަންގާރަ ދުވަހާ ހަމައަށް ރިޕޯޓް ހުށަހެޅުމަށް އިތުރު ފުރުސަތު ދެއްވި ކަމަށްވެސް ކޮމިޝަނުގެ ނައިބު ވިދާޅުވިއެވެ.