އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕުގެ ޗެމްޕިއަންކަން ނިއުކާސަލް ޔުނައިޓެޑުން ހޯދައި، 70 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ މުބާރާތެއް ގެ ތަށި މިވަނީ ހޯދާފައެވެ. ލީގު ކަޕް ފައިނަލުގައި ލިވަޕޫލް އަތުން 2-1 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް މޮޅުވެފައި ވާއިރު، އެ ޓީމުން ވަނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިއީ ގިނަ ޒަމާންތަކަކަށްފަހު އެ ކުލަބަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށްވާއިރު، މި ކާމިޔާބީއާއި ވިދިގެން ހަނދާނަށް ގެނުވަނީ އިނގިރޭސި ކޯޗުންގެ ބުރަ މަސައްކަތުން މަޝްހޫރު ކުލަބުތަކަށް އިހުގައި ހޯދައިދެމުން ދިޔަ ގިނަ ކާމިޔާބީތަކެވެ. އިނގިރޭސި ކޯޗުންގެ ހިއްސާއާއެކު ބޮޑެތި ކުލަބުތަކުގެ ހަރުގަނޑުތަކަށް އެއްވަމުން ދިޔަ ތަށިތަކުގެ ރަން ޒަމާނެވެ.
ނިއުކާސަލް ޔުނައިޓެޑުން ހޯދި ބޮޑު ކާމިޔާބީގެ ފަހަތުގައި ހުރީ އުމުރުން 47 އަހަރުގެ ޒުވާން ކޯޗު އެޑީ ހޯވްއެވެ. ބޮބް ޕެއިސްލީ، ބްރަޔަން ކްލޯ، ހޮވާޑް ކެންޑަލް އަދި ބޮބީ ރޮބްސަން ފަދަ ނަން މަޝްހޫރު، އިނގިރޭސި ކޯޗުންނާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް ހޯވް ކުރަންޖެހޭ ދަތުރު އަދި ވަރަށް ދިގެވެ. އިނގިރޭސި ކޯޗުންނަކީ ތަށްޓާއި ރައްޓެހި ބައެއްގެ ގޮތުގައި ސިފަކުރެވުނު ދުވަސްތައް މާޒީއާއި އެކުވެ ގޮސްފައިވާއިރު، ޕްރިމިއާ ލީގަށް ބަލާލުމުންވެސް ފެނިގެންދަނީ މިކަމެވެ. ޕްރިމިއަރ ލީގުގައި މިވަގުތު 20 ކޯޗުން ތިބިއިރު މީގެ ތެރެއިން އިނގިރޭސިންނަށް ނިސްބަތްވަނީ ހަމަ އެންމެ ދެ ކޯޗެވެ. އިރެއްގައި ކާމިޔާބީތައް ހޯދަމުން އައި ނަމަވެސް އިނގިރޭސި ކޯޗުންގެ ތަރި އޮއްސި ފުޓުބޯޅައިގައި އިނގިރޭސި ކޯޗުންގެ ހިއްސާ މަޑުމަޑުން މިދަނީ ފަނޑުވަމުންނެވެ.
އެހެންނަމަވެސް ދިގު ޒަމާންތަކަކަށްފަހު ހޯވް މި ހޯދި ކާމިޔާބީ ވެގެންދާނީ އިނގިރޭސި ކޯޗުންނަށް އައު ހިތްވަރަކަށް ކަމަށް ގަބޫލުކުރެވެއެވެ. 2008 ވަނަ އަހަރު ޕޯޓްސްމައުތަށް އެފްއޭ ކަޕް ކާމިޔާބުކޮށްދީ، ޓޮޓެންހަމް ހޮޓްސްޕާ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް ގެންގޮސްދިން ކޯޗު ހެރީ ރެޑްނެޕް، ހޯވްއާއި ގުޅޭގޮތުން ބުނެފަވަނީ އޭނާގެ މިކާމިޔާބީގެ ސަބަބުން ދެންތިބި އިނގިރޭސި ކޯޗުންނަށް އައު އުއްމީދުތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރާކަމަށެވެ. އެހެންނަމަވެސް އިނގިރޭސިވިލާތައް ނިސްބަތްވާ ޒުވާން އައު ކޯޗުން އުފެދެމުން ނުދިއުމަކީ އޭނާ ހިތާމަކުރާކަމެއްކަމަށްވެސް ރެޑްނެޕް ފާހަގަކުރިއެވެ.
"ޕްރިމިއާ ލީގުގައި ތިބީ އެންމެ ދެ އިނގިރޭސި ކޯޗުން. މިއީ ހިތާމަކުރަންޖެހޭ ކަމެއް" އިނގިރޭސި ވިލާތުގައި ކުޅޭ ނޯތު ވާސަސް ސައުތުގެ ފުރަތަމަ މެޗަށްފަހު ޗާލްޓަން އެތުލެޓިކް ވެލީގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އުމުރުން 78 އަހަރުގެ ތަޖުރިބާކާރު ކޯޗު ރެޑްނެޕް ބުނެފައިވެއެވެ.
ރެޑްނެޕް އިތުރަށް ބުނެފައިވަނީ މިކަން މިހެން ވުމުގައި ސަބަބުތަކެއްވެސް އެބަހުރި ކަމަށެވެ. މިގޮތުން އައު ކޯޗުންނަށް ފުރުސަތު ނުލިބުމަކީ އެންމެ ބޮޑު ގޮންޖެހުންކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އިނގިރޭސި ލީގު ކަޕް ނިއުކާސަލް ޔުނައިޓެޑަށް ކާމިޔާބުކޮށްދިން އުމުރުން 47 އަހަރުގެ ކޯޗުގެ ފުޓުބޯޅައިގެ ހަޔާތައް ބަލާއިރު، އޭނާ އަކީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ދަނޑުމަތީގައި ވާދަކުރިއިރު، މާ އެދެވޭ ނަތީޖާތަކެއް ހޯދުނު ކުޅުންތެރިއެއް ނޫނެވެ. 2004 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހަމައަށް ކޯޗު ރެޑްނެޕްގެ އިރުޝާދުގެ ދަށުން ބޯންމަތުގައި ވެސް އޭނާވަނީ ކުޅެފައެވެ. 300 ވަރަކަށް މެޗު ބޯންމަތަށް އޭނާ ކުޅެދީފައިވާއިރު، 2007ވަނަ ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އަލްވަދާއު ކިޔަން އޭނާއަށް މަޖުބޫރުވީ ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.
އެހެން ނަމަވެސް ވިދިގެން އައި އަހަރު ބޯންމަތަށް މާލީގޮންޖެހުންތައް ކުރިމަތިވެ އަޑިއަޅާލަމުން ދަނިކޮށް ހޯވްވަނީ އެޓީމާއި ހަވާލުވެ ޓީމު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތްކޮށްފައެވެ. އޭނާގެ ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ ބޯންމަތުން ކުރިއަށް އޮތް ސީޒަނަށް ޕްރޮމޯޓްވެ، ޓީމު ވެއްޓިފައި އޮތް އަނދަވަޅުން ތެދުވެ، އަލުން ހިންދަމާލެވުމެވެ.
2011 އިން 2012 އަށް ބާންލީއާއި ހަވާލުވެ ކޯޗުކޮށްދިނުމަށްފަހު 2015 ވަނަ އަހަރު އަނެއްކާވެސް ހޯވް ވަނީ ބޯންމަތަށް އެނބުރި އައިސްފައެވެ. އެއަހަރު ވެގެންދިޔައީ ބޯންމަތުން ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގަށް ދަތުރުކުރި އަހަރަށެވެ. ދިމާވި ގިނަ ގޮންޖެހުންތަކާއެކުވެސް ބޯންމަތުންވަނީ ވިދިވިދިގެން ފަސް ސީޒަނުގައި މިގޮތުގައި ހިފަހައްޓާލާފައެވެ.
"ބޯންމަތުގެ ތަރި އޮއްސެމުން ދަނިކޮށް އެޓީމަށް ދިރުން ގެނެސްދީ ޕްރިމިއަރ ލީގަށް ކޮލިފައިކޮށްދިނީ ހޯވް. އޭނާ އެފަހަރު އެކުރީ ހަމަ އަޖައިބެއް ފަދަ މަސައްކަތެއް. އައްސަރިބަހާއި ސާބަސް ހައްގު މަސައްކަތެއް އެއީ" ހޯވްއަށް ތައުރީފުކުރަމުން ރެޑްނެޕް ބުނެފައިވެއެވެ.