ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން ދިޔަ ޤަތުލުޢާންމު މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދެމުންދާ ވައިގެ ޙަމަލާތަކުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 400ށްވުރެ މަތިވެއްޖެ އެވެ. އަދި، ރެފިއުޖީންނާއި ނިކަމެތީން ދިރިއުޅެމުން ދިޔަ ސަރަޙައްދުތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި ޒަޚަމު ކޮށްލި މީހުންގެ އަދަދު ވަނީ 560 އަށް އަރަައިފަ އެވެ.
ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތުން 400ށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހު ޔަހޫދީން ބުނީ މިއީ ޢުދުވާނީ ޙަމަލާތަކުގެ ފެށުން ކަމުގައެވެ. އަދި، ޢުދުވާންތައް އަލުން މެދުކަނޑައިލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައެވެ. ޔަހޫދީ ފައުޖުން އަލުން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށާފައި މި ވަނީ، ދެ މަސް ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ފަހުއެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި 61,700ށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، 111,000ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޢުދުވާން މެދުކަނޑައިލާފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
ޙަމާސުން ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ފުރިހަމަ ކޮށްފައެވެ. އަދި، އެއްބަސްވުމާ އެއްގޮތަށް އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 33 މީހަކު މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި އިތުރު 59ށްހާ އަސީރުން ތިބި ކަމަށް ބެލެވޭއިރު، އެ ޖަމާޢަތުން ބުނީ، އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޔަހޫދީން ހުރަސް އަޅާފައިވާ ކަމުގައެވެ. އަދި، އެ ކަމާ ގުޅޭ މަޝްވަރާތައް ބޭއްވުމަށް، މެދުވެރިންގެ ދައުރު އަދާކުރާ މިޞްރާއި ޤަޠަރަށް ހުރަސްތަކެއް ކުރިމަތި ކުރުވާފައިވާ ކަމުގައެވެ.
އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ފެށުމުގެ ބަދަލުގައި ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވީ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރުމަށް ޙަމާސަށް މަޖުބޫރު ކުރުވުމަށެވެ. ޙަމާސުން އެ ކަމަށް އިންކާރު ކުރުމުން އޭނާ ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި އިންސާނީއެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. އަދި، ޣައްޒާ ޢުދުވާން އަލުން ފަށާފައި މި ވަނީ އެއަށް ފަހުއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، މިއީ ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް ޔަހޫދީން ހިންގާ ޖަރީމާއެއް ކަމުގައެެވެ. މިއީ، އެމެރިކާގެ ވާތްގާއި އެހީތެރިކަމާ އެކު ހިންގަމުންދާ ޢުދުވާނެކެވެ.
ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ އުތުރާއި ދެކުނުގައި ރެފިއުޖީންނާއި ނިކަމެތީން ދިރިއުޅެމުންދާ ފޭލިގެ ކޭމްޕުތަކަށެވެ. ޣައްޒާ ސިޓީއަށް ވެސް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާ ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ. މި ޢުދުވާނުގައި އެންމެ ދުވަހެއްގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 408ށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޣައްޒާގެ ނިކަމެތީން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާ ދެމުންދާއިރު، ޔަހޫދީ ފައުޖުން ދަނީ އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ.
ޔަހޫދީންގެ ޢުދުވާން އަލުން ފަށައި، އެއް ދުވަހުން 400ށްވުރެ ގިނަ މީހުންގެ ފުރާނަ ނަގައިލުމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ މި ކަން ކުށްވެރިކޮށް، މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ޔަހޫދީންގެ ޢުދުވާންތަކާ މެދު ކުއްލި ހައިރާން ކަމެއް ލިބުނު ކަމުގައި ވިދާޅުވެ، ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާގެ ތަރުޖަމާނު ވިދާޅުވީ، "ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އިޙުތިރާމު ކުރުމަށާއި، ހުރަސް އަޅާފައިވާ އިންސާނީ އެހީ އަލުން އިޔާދަ ކުރުމަށާއި، އެއްވެސް ޝަރުޠަކާ ނުލައި ހުރިހާ އަސީރުން މިނިވަން ކުރުމަށް [ގުތެރޭޝް] ގޮވައިލައްވާފައިވާ،" ކަމުގައެވެ.
އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ވެރިޔާ ފޮލްކަރ ތުރްކު ސިފަކުރެއްވި ގޮތުގައި ޣައްޒާ ޢުދުވާން އަލުން ފެށުމަކީ ބޮޑުވެގެންވާ ބިރުވެރިކަމެކެވެ. "މިއީ، ހިތާމަވެރި ހާދިސާއެއްގެ މައްޗަށް އިތުރު ހިތާމަވެރި ހާދިސާއެއް ކުރިމަތިވުން،" އޭނާ ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން އަސްކަރީ ބާރުވެރި ކަން ބޭނުން ކުރުމާ އެކު "މިހާރު ވެސް ނިކަމެތި ކޮށްލާފައިވާ ފަލަސްޠީނުގެ އާބާދީއަށް އިތުރު އަނިޔާވެރި ކަމާއި ނިކަމެތި ކަން ކުރިމަތިވާނެ،" ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ (އުންރްވާ)ގެ ވެރިޔާ ފިލީޕޯ ލަޓްޒަރީނީ ވެސް ވަނީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. "އިސްރާއީލުގެ ފައުޖުން އަލުން ފަށާފައިވާ ޢުދުވާނުުގައި ގިނަ އަދަދެއްގެ ޢާންމުންނާއި ކުޑަކުދިން ޝަހީދު ކޮށްލާފައިވާ މަންޒަރު ފެނުމަކީ ހިތާމަވެރި މަންޒަރެއް،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ކުށްވެރި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި މިޞްރާއި، ޤަޠަރާއި، ރަޝިޔާއާއި، ޗައިނާއާއި، އީރާނާއި، ސަޢޫދީ ޢަރަބިއްޔާއާއި، ތުރުކީވިލާތާއި، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނެއެވެ.
މާރިޗު 18ވަނަ ދުވަހު ޔަހޫދީން ފަށާފައިވާ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކުން ސަލާމަތް ކަން ހޯދުމަށް ޣައްޒާގެ ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ޣައްޒާގެ އިރުމަތީ ބަޔިތު ޙާނޫންގައި ދިރިއުޅޭ ޢާއިލާތަކުން ވަނީ އެ ސަަރަޙައްދުން ފޭބުމުގެ މަސައްކަތް ފަށާފައެވެ. އަދި، ދެކުނުގައިވާ ޚާން ޔޫނިސްގެ ރައްޔިތުން ވެސް ދަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުންނެވެ. އެ މީހުން ދިރިއުޅެމުން ދިޔަ ގެދޮރާއި، ފޭލިގެ ކޭމްޕުތަކަށް ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުން ކުރަމުން ދަނީ، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ފޮނުވާފައިވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކެވެ.