ނިރުބަވެރިން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް މެދުކަނޑާލާފައި އޮތުމަށް ފަހު ކުއްލި ގޮތަކަށް އަލުން ޙަމަލާ ދޭން ފެށުމާ ގުޅިގެން ޣައްޒާގެ ހަސްފަތާލުތަކަށް ބާރުބޮޑުވެ ޚިދުމަތް ދިނުމަށް އިތުރަށް ދަތިވެއްޖެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތައް 15 މަސް ދުވަހަށް ފަހު މެދުކަނޑައިލީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމުންނެވެ. ތިން މަރުޙަލާއަަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމުން ޔަހޫދީން ވަނީ ދެވަނަ މަރުޙަލާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ދެކޮޅު ހަދައިފައެވެ. ޔަހޫދީން ބޭނުންވީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރާށެވެ. ނަމަވެސް ޙަމާސުން ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ދެވަނަ މަރުޙަލާ ފަށައި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލެވޭނެ މަގެއް ހޯދާށެވެ. އެ ދަނޑިވަޅުގައި ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް އެ ސަހަރަށް އެހީގެ ސާމާނު ވެއްދުމަށް ވެސް ހުރަސް އަޅައިފައެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންނަށް ނިޞްބަތްވާ އަސީރުން އެއްބަސްވުމުގެ ބޭރުން މިނިވަން ކުރުމަށް މަޖުބޫރު ކުރުވުމަށް ޔަހޫދީން ޙަމާސަށް ދޭން ފަށާފައިވާ އައު ޙަމަލާތަކުގައި މިހާތަނަށް 400އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އެ ޙަމަލާތަކުގެ ސަބަބުން ހަނގުރާމައިގެ ޙާލަތުގައި ގެއްލުން ލިބިފައިވާ އަދި ޞިއްޙީ ސާމާނު ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލަމުން ދިޔަ ޣައްޒާގެ ހަސްފަތާލުތަކުގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
ޚާން ޔޫނިސްގައި ހުންނަ ނަސީރު ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ މުޙައްމަދު ޣިޝްތާ ވިދާޅުވީ ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ދެ ގަޑިއިރުގެ ތެރޭގައި 400އަށް ވުރެ ގިނަ މީހުން އެ ހަސްފަތާލަށް ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި ޒަޚަމްތައް ލިބިފައިވާ ގިނަ ޢަދަދެއްގެ މީހުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ހަށިގަނޑުގެ ބޮޑު ބައެއް އަނދާފައިވާ މީހުންނާއި ބޮލަށާއި މެއަށް ބޮޑެތި އަނިޔާތައް ލިބިފައިވާ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޙަމަލާތަކާ ގުޅިގެން ޣައްޒާގެ ޞިއްޙީ އިދާރާތަކުން ވަނީ ލޭ ލިބުމުގައި ދަތިތައް ހުރި ކަމަށް އިޢުލާނުކޮށް ލޭ ހަދިޔާ ކުރުމަށް ވެސް ޢާންމުންނަށް ގޮވާލައިފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު ތާރިޤު ޖަސާވަރިކް ވިދާޅުވީ ޣައްޒާގެ 36 ހަސްފަތާލުގެ ތެރެއިން 20 ހަސްފަތާލު ކޮންމެވެސް ވަރަކަށް ބޭނުން ކުރެވޭ ކަމަށެވެ. ނަމަވެސް އެ ހަސްފަތާލުތަކުގެ ތެރެއިން ސާޖަރީތައް ހެދުމުގެ ޤާބިލުކަން ހުރީ މަދު ހަސްފަތާލެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. ބޭސް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ޚިދުމަތް ދެމުންދާ ހަސްފަތާލުތަކުގައި ވެސް ފަރުވާ ދިނުމަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު ޚަލީލް އަލް-ދުޣްރާން ވިދާޅުވީ އެ ސަރަޙައްދުތަކުގެ ތެރެއިން މިހާރު ޚިދުމަތް ދެނީ އެންމެ ހަތް ހަސްފަތާލުގައި ކަމަށެވެ.
ޙަމަލާތަކުގައި ޒަޚަމުވާ މީހުންނަށް ފަަރުވާ ދިނުމަށް އޮތް މައިގަނޑު އެއް ހުރަހަކީ އެމްބިއުލެންސުތަކަށް ގެއްލުން ލިބިފައިވުމާއި އުޅަނދުތައް ދުއްވުމަށް ބޭނުންވާ ތެޔޮ ނުލިބުމެވެ. އޭގެ ސަބަބުން ހަސްފަތާލާ ހަމައަށް މީހުން ނުގެންދެވޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހަސްފަތާލުތަކުން ޚިދުމަތް ނުދެވޭނެ ކަމަށް ވެސް ޣައްޒާގެ ޙާލަތު ގާތުން ބަލަމުންދާ ޖަމުޢިއްޔާތަކުން ދަނީ ބުނަމުންނެވެ.