ކުޅިވަރު

ކުޅިވަރު ޤާނޫނުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ވަރަށް ގިނަ ކަންކަން ފަހިވާނެ: ވަޒީރު ރާފިޢު


ރާއްޖޭގެ ކުޅިވަރުގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކުޅިވަރުގެ ޤާނޫނުން ފަހިވާނެ ވަރަށް ގިނަ ކަންކަން ހިމެނިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވުމުން ވަޒީރު ވިދާޅުވީ ދިގުރާސްތާ ޕްލޭންގެ ތެރެއިން ހުނަރުހުރި ކުޅުންތެރިން ފާހަގަކޮށް، އެ ކުޅުންތެރިން ތަރައްގީކުރުމަށް ހޭދަކޮށް، ތިމްރީނުތަކަށް ބޭރުގެ ގައުމުތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ހަމަ ކޯޗުންނަށްވެސް ޓްރޭނިން ލިބިގެންދާނެ. އަދި ހަމައެއާއެކު ކުޅިވަރުގެ ފަންޑުގެ ތެރެއިން، ޓީމުތައް ރާއްޖެ ގެނެސް، ތަމްރީންކުރުމަށް ފުރުސަތު ދެވި، އެ ވަސީލަތްތައް އަޅުގަނޑުމެންނަށް ފަހިކޮށްދެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާ ގިނަ ދުވަސްތަކެއް ނެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ގައުމީ ޓީމުގެ ކުޅުންތެރިންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށެވެ. އަދި ހަމައެހެންމެ ގައުމީ ޓީމުތަކުގައި ހިމެނޭ އޮފިޝަލުންގެ މުސާރަވެސް ހަމަހަމަ އުސޫލަކުން ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ ކުޅުންތެރިންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ކުޅިވަރުގެ ދިގުރާސްތާ ޕްލޭނަށް އަމަލުކުރުމުގެ ޖާގަ ލިބިގެންދާނީ ކުޅިވަރުގެ ޤާނޫނުންކަން ފާހަގަކުރައްވައި ވަޒީރު ރާފިޢު ވިދާޅުވީ މިހާރު އެ ޤާނުނު ބަދަލުތަކާއެކު އައަމުގެ އެންމެ ފަހު މަރުހަލާގައިވާ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ޤާނޫނު މި މަހުގެ ތެރޭގައި ފާސްވެ، ތަސްދީގުވެގެން ދިޔުން ކަމަށްވެސް ވިދާޅުވިއެވެ.