ކުޅިވަރު

އަހަރެންނާއި ކުޅުންތެރިންނާ ދެމެދު އޮތީ އިތުބާރެއް: ސުޒެއިން


އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ނުކުންނައިރު، ކޯޗާއި ކުޅުންތެރިންނަށްވެސް އެކަކު އަނެކަކަށް އިތުބާރު އެބައޮތް ކަމަށް ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

މާދަމާ ހަވީރު އިންޑިއާގެ ޝިލޮންގުގައި ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސުޒެއިން ބުނީ ދިވެހި ޓީމުގައި ތިބި ކުޅުންތެރިންނާއެކު އޭނާ މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ.

"އަހަރުމެން މިދިޔަ ދުވަސްތަކުގައި މާގިނަ އިންޓަރނޭޝަނަލް މެޗުތަކެއް ނުކުޅެން. އަހަރެން މި ކުޅުންތެރިންނާއެކު މަސައްކަތް ކުރާތާ ވަރަށް ދުވަސްވެއްޖެ. އަހަރެންނަށް އެ ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ. އަހަރެންނަށް އެނގޭ އެ މީހުންގެ މޮޅު ކަންކަމާއި ބަލިފައިތައް. އަދި އެ ކުޅުންތެރިންނާއެކު މަސައްކަތް ކުރަންވެސް އެނގޭ. ކުޅުންތެރިންނަށް ވެސް އަހަރެންނާމެދު އިތުބާރު އެބައޮތް." ސުޒެއިން ބުންޏެވެ.

އޭނާ ބުނީ ރާއްޖެ އަކީ ފުޓްބޯޅައަށް ލޯބިކުރާ ގައުމެއް ކަމަށާއި، ކޮންމެ ރަށެއްގައި ފުޓްބޯޅަ ދަނޑެއް އޮންނަ ކަމަށެވެ.

"ރާއްޖެ އަކީ ފުޓްބޯޅައިގެ ގައުމެއް. ކޮންމެ ރަށެއްގައި ފުޓްބޯޅަ ދަނޑެއް އޮވޭ. އަހަރުމެން ދިވެހިންނަށްޓަކައި މި މެޗުގައި މޮޅުވާން ކުރެވުނު ހުރިހާ ކަމެއް ކުރާނަން،" ކޯޗު ސުޒެއިން ބުންޏެވެ.

2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައިވެސް ގައުމީ ޓީމަށް ކޯޗުކޮށްދިން ސުޒެއިން ވަނީ ބުނީ އިންޑިއާ އާއި ރާއްޖެ އަކީ ސަރަހައްދުގެ އެންމެ ބޮޑު ދެ ބާރު ކަމަށް ބުނެފައެވެ.

"މިތަނުން މި ދޭ މެހުމާންދާރީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަރުމެން ތައްޔާރު މި ވަނީ މި މަހުގެ 25 ގައި ފިލިޕީންސާ ދެކޮޅަށް ކުޅެން. އެހެންވީމާ މިއީ އެ މެޗަށް ތައްޔާރުވާން ކުޅޭ މެޗެއް. އެކަމަކު އަހަރުމެންނަށް މި މެޗު މުހިންމު ވަނީ އެއްކޮޅުން އިންޑިޔާ ކުޅޭތީވެ. ރާއްޖެ އާއި އިންޑިއާއަކީ މި ސަރަހައްދުގެ ގަދަ ދެ ބާރު. އަހަރެން އުއްމީދު ކުރަނީ ވަރުގަދަ ވާދަވެރި މެޗަކަށް،" ސުޒެއިން ބުންޏެވެ.

ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްވެސް ތަށިތަކެއް ހޯދައިދިން ސުޒެއިނަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އަދި ގައުމީ ޓީމާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކުރި ކޯޗުވެސްމެއެވެ. އޭނާ ދަނީ 2019 އިން ފެށިގެން ގައުމީ ޓީމުގެ ކޯޗުކަމާއި އެސިސްޓެންޓް ކޯޗުކަންވެސް އަދާކުރަމުންނެވެ.