ލުބްނާނާއި ސޫރިޔާއާ ދެމެދުގައި އޮތް ސަރަޙައްދީ ރޮނގު ކައިރީގައި ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވެއްޖެއެވެ. ދެ ފަރާތުން މި ކަމަށް އެއްބަސްވެފައި ވަނީ ލުބްނާންގެ ދިފާޢީ ވަޒީރު މީޝީލް މިންސާއާއި ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުގެ ދިފާޢީ ވަޒީރު މުރްހަފު އަބޫ ޤަޞްރާއާ ދެމެދު ބޭއްވި މުހިންމު މަޝްވަރާތަކަށް ފަހުއެވެ.
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައި މި ވަނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ދެ ފަަރާތުގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 10ށް އުފުލިފައި ވަނިކޮށެވެ. އޭގެ ތެރޭގައި ސޫރިޔާގެ އައު އަސްކަރިއްޔާގެ ދެ ސިފައިންނާއި ލުބްނާންގެ އަސްކަރިއްޔާގެ ހަތް ސިފައިން ހިމެނެއެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޙަމަލާ ބަދަލު ކުރުމުގައި އެ ޤައުމުން 52 މީހުން ޒަޚަމުވި ކަމުގައެވެ.
ލުބްނާނާއި ސޫރިޔާ ގުޅޭ ފަރުބަދަމަތީ ސަރަަޙައްދަކީ ހައްސާސް ކަން ބޮޑު ސަަރަޙައްދެކެވެ. އެ ހިސާބުގައި މަސްރަޙު ހޫނުވެފައި ވަނީ ސޫރިޔާގެ ޑިމޮކްރެޓިކް ސަރުކާރު އެޗްޓީއެސުން ވައްޓައިލުމާ ގުޅިގެންނެވެ. ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އެޗްޓީއެސުން ސޫރިޔާގެ އިންތިޚާބީ ރައީސް، ބައްޝާރް އަލް-އަސަދުގެ ވެރިކަން ބަޣާވާތަކުން ނިމުމަކަށް ގެނެސްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ފައުޖުތަކުން ވެރިރަށް ދިމިޝްޤަށް އަރައިގަތުމާ އެކު އަސަދު ވަނީ ޢާއިލާއާ އެކު ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ.
އަސަދަކީ އީރާނާ އެކު ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. އަދި، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ ވެސް ގާތް ބޭފުޅެކެވެ. ސޫރިޔާއާއި ލުބްނާނާ ދެމެދު މަސްރަޙު ހޫނުވެފައި މި ވަނީ މި ސަބަބާ ގުޅިގެންނެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު، ދެ ޤައުމުގެ ޖާސޫސީ އިދާރާތަކުގެ މެދުގައި ގުޅުން ބޭއްވުމަށް މިންސާ ވަނީ ނިންމަވާފައެވެ. އަދި، އެޗްޓީއެސްގެ ޤަޞްރާ ވަނީ އެ ކަމަށް އެއްބަސްވެފައެވެ.
ޤަޞްރާއާއި މިންސާ ބައްދަލު ކުރެއްވި ދަނޑިވަޅުގައި ލުބްނާންގެ ޚާރިޖީ ވަޒީރު ޔޫސުފް ރާޖީ ވަނީ އެޗްޓީއެސްގެ ޚާރިޖީ ވަޒީރު އަސްޢަދު އަލް-ޝަޔިބާނީއާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ މެދު މަޝްވަރާ ކުރައްވާފައެވެ.
ދެ ޤައުމުގެ ސަލާމަތީ ބާރުތަކުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޙިޒްބުاللهގެ މެންބަރުންތަކެއް ސޫރިޔާއަށް އަރައި، އެޗްޓީއެސްގެ އަސްކަރިއްޔާގެ ތިން ސިފައިން ރަހީނު ކޮށްގެން ގެންދިޔުމާ ގުޅިގެން ކަމުގައި އެޗްޓީއެސްގެ ސަރުކާރުން ތުހުމަތު ކުރިއެވެ. ނަމަވެސް، ޙިޒްބުاللهން ވަނީ އެ ފަދަ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ބުނެ، އެޗްޓީއެސްގެ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި، ލުބްނާންގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެ ޤައުމަށް ފުރަތަމަ އެތެރެވެފައި ވަނީ އެޗްޓީއެސްގެ އަސްކަރިއްޔާގެ ތިން ސިފައިން ކަމުގައެވެ.