ކުޅިވަރު

އައު އިސްލާހުގެ ދަށުން އުމުރު ހަމަނުވިޔަސް ސީނިއާ ގައުމީ ޓީމަށް އެރޭނެ: އެމްބީބީއޭ


ރާއްޖޭގެ ބޮޑީބޯޑިންގގެ ސީނިއާ ގައުމީ ޓީމަަށް އެތުލީޓުން ނެގުމުގެ ގަވާއިދަށް ބަދަލުގެނެސް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އެ ގަވާއިދަށް ގެނައި އިސްލާހު ފާސްކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ހެންވޭރު ބޯޅަ ގޭގައި ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ޤައުމީ ޓީމުގެ ގަވާއިދަށް ގެނައި އިސްލާހު ފާސްކޮށްފައިވާއިރު މިއީ ޖޫނިއާ ލެވެލުގައި ވާދަ ކުރަމުންދާ ބޮޑީބޯޑަރުންނަށް ސީނިއާ ޓީމަށް އެރުމަށް ހުޅުވިގެންދާ ފުރުސަތެކެވެ.

މި ބަދަލާ ގުޅޭ ތަފްސީލު "ޕީއެސްއެމް ނިއުސް" އާއި ހިއްސާ ކުރައްވަމުން ބޮޑީބޯޑިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެއްޓްރީ ހަސަން ރަޝީދު ވިދާޅުވީ "ނޭޝަނަލް ޓީމުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަހަރުގެ ޓޮޕް ރޭންކުތަކުގައި އެބައުޅޭ ޖޫނިއާ ކުދިން. އެހެންވީމަ 2026 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ލީގުތަކުގެ ރިޒަލްޓަށް ބަލާފަ އެންމެ މޮޅު 4 އެތްލީޓުންނަށް ސީނިއާ ޓީމަށް އެރުމުގެ ފުރުސަތު އޮންނާނެ" ކަމަށެވެ.

އަބަދުވެސް ފާއިތުވި އަހަރުގެ ރޭންކިންއަށް ބެލުމަށްފަހު ޖެހިގެން އަންނަ އަހަރު ސީނިއާ ޓީމަށް އެރުމުގެ ފުރުސަތު މިހާރު ޖޫނިއާ އެތްލީޓުންނަށް އޮންނާނެ ކަމަށާއި، މި ބަދަލު ގެނައިނަމަވެސް ޖޫނިއާ ޓީމު އަދި ސީނިއާ ޓީމުވެސް ވަކި ވަކިން އޮންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

މީގެ ކުރިން ގައުމީ ޓީމުން ފުރުސަތު ލިބެނީ 18 އަހަރުން މަތީގެ ބޮޑީ ބޯޑަރުންނަށެވެ. އެހެންނަމަވެސް ގަވާއިދަށް ގެނައި ބަދަލާއި އެކު 18 އަހަރުން ދަށުގެ އެތްލީޓުންނަށްވެސް މިހާރު ގައުމީ ޓީމުގައި ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ.

މިއަހަރު ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އަލީ ޖާވިދު (ޖާއްޓެ)، އަލީ ޙުޝްރުވާ (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ އަދި ހަސަން އަޝްރަފެވެ.

ފާއިތުވި އަހަރުތަކުގައި ލީގުގައި ޖޫނިއާ ލެވެލްގެ އެތުލީޓުންވެސް ސީނިއާ ލެވެލްގެ ބޮޑީބޯޑަރުންނާއި އެއް ފެންވަރަށް ފަހަކަށް އައިސް ކޮމްޕީޓުކުރާކަމަށް އެމްބީބީއޭއިން ބުނެއެވެ.

އެހެންކަމުން އެފަދަ އެތުލީޓުންނަށް ސީނިއީ ޓީމުން ފުރުސަތު ދިނުމަށް އައު އިސްލާހުގެ ސަބަބުން މަގުފަހިވެގެން ދާއިރު މީގެ ކުރިން ގަވާއިދު އޮތް ގޮތުން އެފަދަ އެތުލީޓުންނަށް ގައުމީ ޓީމުން ފުރުސަތު ނުލިބެނީ 18 އަހަރު ނުފުރޭތީއެވެ.

އެހެންނަމަވެސް އަލަށް ގެނައި އިސްލާހާއި އެކު އުމުރަށް ބެލުމެއް ނެތި ލީގުގައި އެންމެ މަތިން ރޭންކް ކުރެވޭ 4 އެތުލީޓުންނަށް ގައުމީ ޓީމުން ފުރުސަތު ދޭނެއެވެ.