ކުޅިވަރު

މިއީ އޭޝިއަން ކަޕަށް ދާން ރާއްޖެއަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު: ސުޒެއިން


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗަށް ތައްޔާރުވަމުން އަންނައިރު މިއީ އޭއެ މުބާރާތަށް ކޮލިފައިވުމަށް ދިވެހި ޓީމަށް ލިބިގެންދާނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން އިންޑިއާގައި ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަށް ތައްޔާރުވުމަށް ރާއްޖޭގައި ބޭއްވި ފަރިތަކުރުންތަކަށްފަހު ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ އޭޝިއަން ކަޕް ކޮލިފައިންގައިި އެންމެ ފަހު ތިން މެޗު އަމިއްލަ ފަސްގަނޑުގައި ކުޅެލަން ލިބުމަކީ ފައިދާއެއް ކަމަށެވެ.

ގައުމީ ޓީމުން ކޮލިފިކޭޝަނަށް ތައްޔާރުވަމުން އަންނައިރު ސަރުކާރުގެ ފަރާތުން ޓީމަށް ސަޕޯޓު ލިބުމާ މެދު އެއްވެސް ޝައްކެތް ނުކުރާ ކަމަށް ސުޒެއިން ބުންޏެވެ. އެގޮތުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އެހީތެރިކަމާއެކު ކޮންމެ ބަޔަކު ޓީމާއެކު ތިބި ނަމަވެސް، މިއީ ރާއްޖޭއިން އޭޝިއަން ކަޕަށް ކޮލިފައިވާން އެންމު ފުރުސަތު ބޮޑު ފަހަރުކަމަަށް ސުޒެއިން ވަނީ ބުނެފައެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން މިހާރު ވަރަށް ޕްރޮފެޝެނަލްކަން ފާހަގަކުރަމުން ސުޒެއިން ބުނީ ގައުމީ ޓީމާ ގުޅުމަށްފަހު ކޮންމެ ކުޅުންތެރިޔަކުވެސް އެލިބީ މަދު ވަގުތުކޮޅުގައި ދޭ ސަމާލުކަމުން މިކަމުން ހާމަވާ ކަމަށެވެ.

"އެއްވެސް ފުޓްބޯޅަ ހަރަކާތެއް ނެތް ދުވަސްވަރެއްގައި އަޅުގަނޑުމެން ދެ ބުރަށް އެ ކުދިންނަށް ގޮވާލިއިރުވެސް ފިޓްނަސްގެ މައްސަލައެއް ނުފެންނާނެ، ރާއްޖެ އެއްވެސް ކުޅުންތެރިއެއް ކްރޭމްޕްސް އައިސް ވެއްޓިފައި، ތެދުވި ތަނެއް ނުފެންނާނެ." ސުޒެއިން ބުންޏެވެ.

މިދިޔަ އެއް އަހަރު އެއްވެސް ލީގެއް ނުކުޅެ ހަމައެކަނި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރި ފަރިތަކުރުންތަކުގައި ބައިވެރިވި ކުޅުންތެރިންނާއި، ދެން ތިބި ކުޅުންތެރިން ދެއްކީ ވަރަށް ރަނގަޅު ޕްރޮފެޝެނިލެޒަމެއް ކަމަށް ސުޒެއިން ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ އެކުވެރިކުމުގެ މެޗުގައި ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ބުދަ ދުވަހު ނުކުންނައިރު، އެންމެ ފަހުން މި ދެ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.