ޚަބަރު

ޖޭއެސްސީން ނިންމެވީ ސުޕްރީމް ކޯޓަށް ޝަހީދު އައްޔަންކުރަން ރައީސަށް ލަފާއަރުވަން


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހުޅުވާލީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި ޙުސްނުއް ސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ދެފަހަރެއްގެ މަތިން ކުރިމަތިލުމަށް ހުޅުވާލުމުން ކުރުމަތިލައްވާފައިވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ޤާޟީކަން ކުރިން ކުރައްވާފައިވާ މަރިޔަމް ނިހާޔަތު އާއި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވަން ޖޭއެސްސީން ވަނީ ނިންމަވާފައެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާ އުޞޫލު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ޖޭއެސްސީން ލަފާއެރުއްވުމުން އެބޭފުޅުކު ނަން ދެން ފޮނުއްވާނީ ރައްޔިތުންގެ މަޖިލީހަށެވެ.

އަލްއުސްތާޛު ޙުސައިން ޝަހީދަކ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ފަނޑިޔާރު ޙުސެއިން ޝަހީދު ވަނީ އައްޑު ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަގާމު އަދާކުރައްވާފައެވެ. 2018 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދުއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ 18 ނޮވެންބަރު 2022ން ފެށިގެންނެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރުގަކަމުގެ މަގާމަށް ފަނޑިޔާރު ޙުސައިން ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

މީގެ ތެރެއިން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ޖޭއެސްސީއަށް އަންގާފައިވުމާއި އެމައްސަލަބަލާތީ ފަނޑިޔާރު ޑރ. އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒް، މި ދެފަނޑިޔާރުން މިވަގުތު ތިއްބެވީ ސަސްޕެންޑްކޮށްފައެވެ.