އިދިކޮޅު އެމްޑީޕީން މާލެތެރޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެތެރޭގައި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުންވާގޮތަށް ވާހަކަދެއްކި މައްސަލައަށް ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ، ކެޕްސްއިން ތަދައްޚުލްވުމަށް ނިންމައިފިއެވެ.
ކެޕްސްއިން މިމައްސަލައަށް ތަދަޚުލްވާން ނިންމާފައިވާކަން ހާމަކޮށްފައިވަނީ، އެމްޑީޕީގެ މުޒާހަރާގެތެރޭގައި އެޕާޓީގެ އެކްޓިވިސްޓް މަންދީ ޒުބައިރު ދެއްކި ވާހަކައިގައި ކުޑަކުއްޖެއްގެ ކާރާމާތަށް އަރައިގަނެފައިވާތީ އެކަންކުށްވެރިކޮށް މިމައްސަލައިގައި އެޖަމްއިއްޔާއިން ދެކޭގޮތް ހާމަކޮށް ނެރުނު ބަޔާނެއްގައެވެ.
ކެޕްސްގެ ބަޔާނުގައިވަނީ އިސްލާމްދީނުގައިވެސް ކުދިންނަކީ ޚާއްސަ އޯގާތެރިކަމެއް ދޭންޖެހޭ ބައެއްކަމަށް ކަނޑައަޅައި، އަދި ހަނގުރާމަތަކުގައިވެސް ކުޑަކުދިން މެރުމަކީ ކުށެއްކަމަށްވީ ހިނދު މިހުރިހާ ކަމަކަށް ގޮންޖަހާ އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ އެކުއްޖާއާ ގުޅޭގޮތުން ޚަޤީގަތާ ޚިލާފް ވާހަކަތަކެއް އާންމުތަނެއްގައި ފެތުރުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ކަންކަން ސީރިއަސް ކުށެއްގެގޮތުގައި ބަަލަންޖެހޭ ކަމަށް ދެކޭކަމަށާއި، ސަބަބަކީ އަޅާނުލާ ދޫކޮށްލައިފިނަމަ މިހާރަށްވުރެ ބޮޑަށް މިފަދަ ބޮޑެތި ކުށްތައް އާންމުވެގެންދާނެތީ ކަމަށް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކެޕްސްގެ ބަޔާނުގައިވަނީ ސިޔާސީ ވާދަވެރިކަމެއް ކިތަންމެބޮޑަށް އޮތްނަމަވެސް އަދި ސިޔާސީގޮތުން އެއްބަޔަކު އަނެއްބަޔަކަށް ކިތަންމެ ފާޑުކީ ނަމަވެސް އެއްވެސް ފަރާތަކުން ކުޑަކުދިންނާއި ގުޅޭގޮތުން އެފަދަ ވަހަކައެއް ދައްކާ ކުދިންގެ ޙައްޤާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް މިންވަރަކަށް ތަހައްމަލް ކުރެވޭނެ އަދި ބަލަންތިބެވޭނެކަމެއް ނޫންކަމަށެވެ. އަދި މިމައްސަލާގައި އެޖަމްޢިއްޔާއިން ބަޔާން ނެރުނީ މިއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް އަމާޒުކޮށް ދެއްކި ވާހަކައަކަށް ވީތީ ނޫންކަމަށާއި، ކުޑަކުއްޖަކަށްވެފައި އެކުއްޖާގެވެސް ހައްޤާކާއި އަބުރަކާއި އިއްޒަތާއި އަދި ކާރާމަތެއް ވާނެތީކަމަށް މިބަޔާނުގައިވެއެވެ. މިފަދަ ހަޤީގަތެއް ނެތް ވާހަކަ ދެއްކުމުގެ ސަބަބުން މިހާދިސާ ރައްދުވާ ކުއްޖާއާއި އެކުއްޖާގެ އާއިލާއަށް ވަރަށް ބޮޑަށް އަސަރުކުރާނެކަން ފާހަގަކުރައްވަމުން ސިޔާސީ ބޭނުމެއްގައި ކުށެއް ނެތް މައުސޫމް ކުއްޖެއްގެ އަބުރު ކަތިލާ ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދަޢުވާ މިވާހަކަދެއްކި ފަރާތުގެ މައްޗަށް އުފުލުމަށް ކެޕްސްގެ ބަޔާނުގައިވަނީ ގޮވާލާފައެވެ. އަދި މިމައްސަލައަކީ ސީރިއަސް ކުށެއްގެ ގޮތުގައި ބަލާދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިބަޔާނުގައިވަނީ ގޮވާލާފައެވެ. އަދި ދަޢުވާ ކުރުމަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން އަވަސްކޮށްދިނުމަށްވެސްވަނީ ޕޮލިސް ކޮމިޝަނަރަށް ގޮވާލާފައެވެ.
އަދި އެހަރަކާތް އިންތިޒާމް ކުރި ފަރާތާއި އެވާހަކަ ދެއްކި ފަރާތުގެ ޒިންމާދާރުކުޑަ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޖަމްޢިއްޔާގެ ހައިސިއްޔަތުން އެމައްސަލައަށް ތަދައްޚުލްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށްވެސް ކެޕްސްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.