ޚަބަރު

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ ރެއާލް މެޑްރިޑް އެއްވަނައަށް


ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނަ މަގާމު ރެއާލް މެޑްރިޑުން އަލުން ހޯދައިފިއެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 28 މެޗުން 60 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް ދެ މެޗު މަދުން ކުޅެގެން 26 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ވިޔަރެއާލް އަށް 27 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު އެ ޓީމު އޮތީ ފަސްވަނަ މަގާމުގަ އެވެ.

ވިޔަރެއާލްގެ ދަނޑުގައި ވިހި ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ވިޔަރެއާލްގެ ހުއާން ފޮއިތް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ފޮއިތް މި ލަނޑު ޖެހުމުގެ ކުރިން ވިޔަރެއާލްގެ އަޔޯޒް ޕެރޭޒް ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ރެއާލް މެޑްރިޑްގެ ކީޕަރު ޓިބާ ކޯޓުއާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. އެގޮތުން އެ ޓީމުން ޖެހި ގޯލަކީވެސް ޕެރޭޒްގެ ހަމަލައެއް ކޯޓުއާ ކޯނަރަކަށް ބޭރު ކުރުމުން ލިބުނު ކޯނަރުން ފޮއިތް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ނަމަވެސް އޭގެ ދިހަ މިނިޓު ފަހުން ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ ބްރާހިމް ޑިއާޒް ގޯލަށް ފޮނުވާލި ހަމަލައެއް ވިޔަރެއާލްގެ ކީޕަރު ޑިއެގޯ ކޮންޑޭ ދިފާއުކުރުމުން އެމްބާޕޭއަށް ލިބުނު ބޯޅަ ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވެސް އެމްބާޕޭ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެމްބާޕޭ މި މެޗުގައި ޖެހި ދެ ލަނޑާއެކު މި ސީޒަނުގައި ލަލީގާގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރާފަ އެވެ. މިއީ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ އަށްވުރެ އެއް ލަނޑު މަދު އަދަދެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވިޔަރެއާލް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ރެއާލް މެޑްރިޑްގެ ފަހަތަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް އިތުރު ލަނޑެއް ޖެހޭގޮތް ވަނީ އެ ޓީމަށް ނުވެފަ އެވެ.