ޚަބަރު

ބޮޑެތި ކުލަބުތަކުން ބޮއިޓްކުރި ނަމަވެސް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ކުރިއަށް


ބޮޑެތި ކުލަބުތަކުން ބޮއިޓްކުރި ނަމަވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ކުރިއަށް ގެންގޮސްފިއެވެ.

ފުރަތަމަ ޑިވިޝަނުގެ ފަސް ކުލަބަކުން މިރޭގެ ކޮންގްރެސް ބޮއިކޮޓްކުރި ނަމަވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުލަބު ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކުލަބުން ވަނީ ހާޒިރުވެފައެވެ. ކޮންމެ ކުލަބަކަށް ދެ ވޯޓު ދެވޭ ގޮތަށް ހަމަޖެހިފައި އޮންނައިރު ބޮއިކޮޓް ކުރި ކުލަބުތަކަކީ ކުލަބު ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޑެޓް ވިކްޓަރީ (ޔޫވީ) އަދި ކުލަބު އީގަލްސްއެވެ.

ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކަކީ ދެ ފަހަރެއްގެ މަތިން ކޮންގްރެސް ބާއްވަން އުޅުމުން އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރެއްވި އަޙްމަދު ތޯރިގް (ޓޮމް) އަށް ތާއިދުކުރި ކުލަބުތަކެވެ. އަދި ބޮއިކޮޓް ކުރި ކުލަބުތަކުން ތާއީދުކުރަނީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފީފާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި މި ކޮންގްރެސްގައި ކޯރަމްގެ މައްސަލަ ދިމާވިނަމަ ވަޒީރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާ ކޮންގްރެސް ފެށިއެވެ. އަދި ކޯރަމްގެ މައްސަލަ ހައްލުކުރުމަށް މެދުކަނޑާލައި، ދެވަނަ ފަހަރަށްވެސް ކޮންގްރެސް ކުރިއަށް ގެންދެވޭތޯ ފީފާއިން އައްޔަނުކޮށްފައިވާ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ކުރިއެވެ.

މި ކޮންގްރެސް އަކީ ސުލޫކު ކޮމިޓީ އާއި، ފިޔަވަޅު އަޅާ ކޮމިޓީ އާއި، އިސްތިއުނާފު ކޮމިޓީ އެކުލަވާލުމާއި، ފާއިތުވި ދެ އަހަރުގެ އެފްއޭއެމްގެ އޮޑިޓެއް ކުރުމަށް މިނިވަން އޮޑިޓް ފާމެއް ކަނޑައެޅުމަށް އެޖެންޑާގައި ހިމަނައިގެން ކުރިޔަށް ގެންދަން ރޭވި ކޮންގްރެސްއެކެވެ.